India aai Afghanistan ge Majilis raeesun Rajje vadaigenfi
image
އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރަހްމާން ރަހްމާނީއަށް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަރުހަބާ ކިޔަނީ-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އިންޑިއާ އާއި އަފްގާނިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގެންފި

ހަތަރުވަނަ ސައުތު އޭޝިއަން ސްޕީކާސް ސަމިޓްގައި ބައިވެރިވުމަށް އިންޑިއާ އާއި އަފްގާނިިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާގެ އިތުރުން އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރަހްމާން ރަހްމާނީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިދެބޭފުޅުންނަށް މަރުހަބާ ދަންނަވާ މެހެމާންދާރީ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ.

ދެގައުމުގެ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގެންފައި ވާއިރު ސްޕީކާސް ސަމިޓްގައި ބައިވެރިވުމަށް އިތުރު ހަ ގައުމެއްގެ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން، ސްރީލަންކާ، މިޔަންމާ އަދި ނޭޕާލް ހިމެނެއެވެ.

މަޖިލީހުގެ ރައީސުންގެ އިތުރުން ވެސް އެކި ފެންވަރުގެ ބޭފުޅުން މި ސަމިޓްގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަންނަވާނެއެވެ. އެގޮތުން ނުވަ ގައުމުގެ ގާނޫނުގެ ހަދާ މަޖިލީހުން 40 އަށް ވުރެ ގިނަ ބޭފުޅުން ސަމިޓްގައި ބައިވެރިވާނެއެވެ.

ރާއްޖޭގައި ބޭއްވޭ ސަމިޓްގެ މައިގަނޑު މައުލޫއެއް ގޮތުގައި ކަނޑައަޅާފައި ވަނީ ސަސްޓައިނެބަލް ޑިވަލަޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކުގެ މައްޗަށެވެ. އިންޓަ ޕާލިމަންޓްރީ ޔޫނިއަނާއި ރާއްޖޭގެ މަޖިލިސް ގުޅިގެން ބާއްވާ މިސަމިޓް ކުރިޔަށް ދާނީ ސެޕްޓެމްބަރު އެކަކުން ދެއަކަށެވެ.

ބައްދަލުވެ މަޝްވަރާކުރުމުގެ އިތުރުން ސަމިޓްގައި ބައިވެރިވާ ފަރާތްތަކުން ފީލްޑް ޓްރިޕެއްގޮ ތުގައި އއ. ރަސްދޫއަށް ވެސް ޒިޔާރާތްކުރާނެއެވެ. އެބޭފުޅުން ރަސްދޫއަށް ދިޔުމަށް ތާވަލްކޮށްފައި ވަނީ ސަމިޓްގެ ދެވަނަ ދުވަހުއެވެ.

ސައުތު އޭޝިއަން ސްޕީކާސް ސަމިޓް ފުރަތަމަ ބާއްވާފައި ވަނީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައެވެ. އެއަށްފަހު 2017 ގައި ދެވަނަ ބައްދަލުވުން އިންޑިއާގައި އަދި ތިން ވަނަ ބައްދަލުވުން މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވުނެވެ.
ހިޔާލު