Zuvaanunnakee bas vikey harudhanaa bayakah hadhaanan: Raees Solih
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު--
0 ކޮމެންޓް
 

ޒުވާނުންނަކީ ބަސް ވިކޭ ހަރުދަނާ ބަޔަކަށް ހަދާނަން: ރައީސް ސޯލިހު

މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވި، ތަރުތީބު ކުރެވިފައި ހުންނާނީ އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދީ، ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދުމުގެ އަމާޒަށް ވާސިލްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުސަތު ހޯދައިދީ ޒުވާނުންގެ އަޑުއަހާ ޕާޓީއެއް ކަމުގައެވެ. އެޕާޓީގެ ކުރީ ސަފުގައި އަބަދުވެސް ޒުވާނުން ނަގާކިޔަން ތިބުމުގެ އަސްލަކީ ޕާޓީން ޒުވާނުންނަށް ދޭ އިސްކަމާ މުހިންމު ކަމުގެ އަލިގަދަ ދަލީލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ވާނީ މި ގައުމުގެ ޒުވާނުންގެ މުސްތަގުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެންކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހައި ކިޔަވާ ނިމިގެން، މަތީ ތައުލީމާ ތަމްރީނު ލިބޭނެ މަގަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްސާކުރާ ބަޔަކީ ޒުވާނުން ކަމުގައި ވާއިރު ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައް ކަމަށާއި، ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ގިނަ ކަމުގައި ހާމަކުރެއްވިއެވެ.

"މިގޮތުން ބަލާއިރު، އަންހެނުންގެ ތެރޭގާ ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ ފަރާތްތަކުގެ އަދަދު ނިސްބަތުން ފިރިހެނުންނަށްވުރެ އިތުރު. މިކަން އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ. ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަންޖެހޭ. ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނުކުތުމަށް މަގުތައް ކޮށާދޭންޖެހޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި މިކަމުގެ ނޭދެވޭ އަސަރުކުރާ އެއް ބަޔަކީ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ތޮއްޖެހިފައިވާ މާހައުލެއްގައި، ބޮޑެތިވުމުގެ ސަބަބުން ނޭދެވޭ ކަންކަމުގެ ޝިކާރައަށްވެ، ކުށްކުރުމާ، ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ މިފަދަ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަން ހައްލު ކުރެވޭނީ އުމުރު ދުވަހަށް ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ޖަލުތަކަކީ ރީހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް ހަދައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަމާޒަކީ ޖަލުތަކުގެ ނިޒާމަށްވެސް ރީހެބިލިޓޭޝަން ތައާރަފްކުރުން ކަމުގައި ވިދާޅުވެ، "މިއަދުވެސް ފަރުވާއަށް ބޭނުންވެފައިވާ 800 އަށްވުރެ ގިނަ ޒުވާނުން އެބަތިބި. މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާއާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ދަނީ ހިންގަމުން. މިގޮތުން މިހާރު ވަނީ ިންތ ސެންޓަރެއް ގާއިމްކޮށްފަ. އެއީ ހދ. ހަނިމާދޫ، ސ. ހިތަދޫ އަދި ގދ. ތިނަދޫ. މީގެ އިތުރުން ސ. ހުޅުދޫގަ ޑްރަގް ޑިޓޮކްސް ސެންޓަރެއް އެޅުމުގެ މަސައްކަތްދަނީ ކުރެވެމުން،" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހި ޒުވާނުންނަކީ މިގައުމުގައި މިއޮތް ހަމަޖެހުމާ ޑިމޮކްރެސީގެ ރީތި ސިފަތައް ދަމަހައްޓާ ހައްގު ބަސް ބުނެ އިންސާފާ ހަމަހަމަކަމަށް މަސައްކަތް ކުރާ ބަޔަކަށް ވެގެން ދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
ހިޔާލު