''Ehen party thakun nerenee dhauruvaa meehun''
image
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް އަހްމަދު ނަސީމް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެހެން ޕާޓީތަކުން ނެރެނީ އެއް ޕާޓީން އަނެއް ޕާޓީއަށް ދައުރުވާ މީހުން: މީކާއިލް

އެމްޑީޕީ ފިޔަވާ އެހެން ސިޔާސީ ޕާޓީތަކުން ނެރެނީ އެއް ޕާޓީން އަނެއް ޕާޓީއަށް ދައުރުވަމުންދާ މީހުން ކަމަށް އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހުރަވީ ސްކޫލުގައި ފެށި އެމްޑީޕީ ޔޫތު ކޮންގްރެސްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ނެރޭނީ އާ މޫނުތަކެއް ކަމަށެވެ. އަދި އެއީ އެމްޑީޕީއާ އެހެން ޕާޓީތަކާއި ތަފާތުވާ ސަބަބެއް ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"އެހެން ޕާޓީތަކުން ރައްޔިތުންގެ މައްޗަށް ތަކުރާރުކޮށް ނެރެނީ ރައްޔިތުން ބަލައި ނުގަންނަ، އެއް ޕާޓިން އަނެއް ޕާޓީއަށް ތަގައްޔަރުވެފައިވާ ފެންގަނޑެއް ދައުރުވާހެން ދައުރުވާ މީހުން. އެމްޑީޕީއިން އަބަދުވެސް ނެރޭނީ އާ މޫނުތައް، އާ ފިކުރުތައް،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައި މިވަނީ، ކުރީގެ ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮތް ބޭފުޅުންތަކެއް ދާދި ފަހުން ސަރުކާރު ކޯލިޝަން ޕާޓީ ޖުމްހޫރީ ޕާޓީއަށް ގުޅިފައިވާ ދަނޑިވަޅެއްގައެވެ. އެކަމުގެ ސަބަބުން ޖޭޕީ ކޯލިޝަނުން ބޭރުކުރުމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

އެމްޑީޕީން އަލަށް ބޭއްވި ޒުވާނުންގެ ކޮންގްރެސްގެ މައިގަނޑު އަމާޒެއް ކަމުގައި މީކާއިލް ފާހަގަކުރެއްވީ ޒުވާން ވެރިންތަކެއް އުފެއްދުން ކަމަށެވެ. އެފަދަ ވެރިން އުފެދޭނީ ޒުވާނުންގެ ހިތްވަރުގެ ފަރާތުން އިންތިހާބްތަކަށް ކުރިމަތިލުމަށް ޖޯޝާއެކު ނިކުމެގެން ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ނިކުންނަ ޒުވާނުންނަކީ ނުވިކޭނެ ބަޔަކަށް ހެދުމަކީ ވެސް ކޮންގްރެސް އަމާޒެއް ކަމަށެވެ. ވިކުމަކީ ހަމައެކަނި ފައިސާއަށް ވިކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ތިމާ ގަބޫލުކުރާ އުސޫލުތަކާ ހަމަތަކާ ހިލާފަށް ކަމެއް ހިނގާ ކޮންމެ ދަނޑިވަޅެއްގައި އިސް ޖަހާލުމަކީ ވެސް ވިކުމުގެ ގޮތުގައި މީކާއިލް ސިފަކުރެއްވި އެވެ. މީކާއިލް ވިދާޅުވީ ޒުވާނުންގެ ހިތްވަރުން އުފެދޭ ވެރިންނަކީ ނުވިކޭނޭ، އަމިއްލަ ނަފްސަށް އިތުބާރު އޮތް ބަޔަކަށް ހެދުން މުހިންމު ކަމަށެވެ.

މީކާއިލް ވިދާޅުވީ ޒުވާނުންގެ ކޮންގްރެސްގެ ފަހުން ވެސް ޒުވާނުން ކުރަމުންދާ މަަސައްކަތް ނިންމާނުލާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ޕާޓީގެ ތެރެއިން ވެސް އަދި އެހެން ގޮތް ގޮތުން ވެސް ބާއްވާ އިންތިހާބުތަކުގައި މިހާރަށް ވުރެ ގިނައިން ޒުވާނުން ކުރިމަތިލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ކޮންގްރެސްގައި ހަމައެކަނި ޔޫތް ކޮންގްރެސްމެންގެ ގޮތުގައި 160 އަށް ވުރެ ގިނަ ޒުވާނުން ބައިވެފައިވާ ކަމަށެވެ. އަދި އެއީ ވަރަށް އުފާވާ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

މިއަދު ފެށި އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްގައި މީކާއިލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެ ވާހަކަދެއްކެވި އެވެ. ރައީސް ސޯލިހްގެ ވާހަކަފުޅުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހަރުދަނާ ޒުވާނުންތަކެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
ޖޭޕީ އެމްޑީޕީ
ހިޔާލު