India ga vagah ulhey bidheyseen hoadhan kuraa masakkathun 1.9 million meehun refugeennah!
image
އިންޑިއާގައި ރެފުއިޖީންނަށް ވެދާނެ ކަމުގެ ބިރު ހީވެފައިވާ ބައެއް--
0 ކޮމެންޓް
 

އިންޑިއާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރާ މަސައްކަތުން 1.9 މިލިއަން މީހުން ރެފުއިޖީންނަށް!

އިންޑިއާގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ދެނެގަތުމަށް އިރުއުތުރު އައްސާމް ސްޓޭޓުގައި އެކުލަވާލި ލިސްޓެއްގެ ސަބަބުން 1.9 މިލިއަން މީހުން ރެފިއުޖީންނަށް ވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އިއްޔެ އާއްމުކުރި ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒަންސް (އެންއާރްސީ) ލިސްޓުގައި ވަނީ މާޗް 24، 1971 ގެ ކުރިން އައްސާމް ސްޓޭޓުގައި ދިރިއުޅުނު މީހުން ކަމަށް ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ.

މާޗް 24، 1971 އަކީ ޕާކިސްތާނުން ވަކިވެ، ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަންގްލަދޭޝް އުފެދިގެން ދިޔަ ދުވަހެވެ. އިންޑިއާއިން ބުނަނީ އެ ދުވަހުގެ ކުރިން އައްސާމްގައި އުޅުނު މީހުންނަކީ ހަގީގީ އިންޑިއާ މީހުން ކަމަށެވެ. އޭގެ ފަހުން އައްސާމަށް އައިސް، ވަޒަންވެރިވެ މީހުންނަކީ އިންޑިއާ މީހުންގެ ގޮތުގައި ބަލައެއް ނުގަނެ އެވެ.

ލިސްޓުގައި ނަން ނެތް ކަމަށް ބެލެވޭ 1.9 މިލިއަން މީހުންނަށް އެ ނިންމުން އިސްތިއުނާފް ކުރުމަށް ދީފައި ވަނީ 120 ދުވަހެވެ. އޭގެ ފަހުގެ މަރުހަލާތައް ކުރިއަށް ދާނެ ގޮތް އިންޑިއާ ސަރުކާރުން އާއްމުކޮށްފައެއް ނުވެ އެވެ.

އިންޑިއާއިން ބުނެފައި ވަނީ އެފަދަ ލިސްޓެއް އެކުލަވާލާ، ފިޔަވަޅު އަޅަން ޖެހުނީ ގަވާއިދާ ހިލާފަށް އިންޑިއާގައި އުޅޭ އެތައް މިލިއަން ބަންގްލަދޭޝް ރައްޔިތުން ދެނެގަންނަން ޖެހޭތީ ކަމަށެވެ.

އިންޑިއާ ރައްޔިތުން ނޫން ކަމަށް ޝައްކު ކުރެވޭ އެތައް ހާސް ބަޔަކު މިހާރު ވެސް ތިބީ ވަގުތީ ރެފިއުޖީ ކޭމްޕުތަކުގައި ބަންދުކޮށްފަ އެވެ. އެ ކޭމްޕުތައް ހިންގަނީ އައްސާމް ސްޓޭޓުގެ ޖަލުތަކުގަ އެވެ.

އެންއާރްސީ ލިސްޓު އުފެދިފައި ވަނީ 1951 ގައެވެ. އެ ލިސްޓު އުފެއްދީ ވެސް ބަންގްލަދޭޝުން އިންޑިއާއަށް ވަގަށް އެތެރެވެދާނެ މީހުންނާއި ހަގީގީ އިންޑިއާ މީހުން ވަކިން ދެނެގަތުމަށެވެ.

މިއީ އެ ލިސްޓު އުފެދުނު ފަހުން އެއަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. އިންޑިއާ މީހެއްކަން ކަށަވަރު ކުރުމަށް އާއިލާތަކުގެ ދަރިފަސްކޮޅު އެނގޭނެ ލިޔުން ހުށަހަޅަން ޖެހެ އެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބަރާތިޔަ ޖަނަތަ ޕާޓީން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެންއާރްސީ ލިސްޓު ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށް ކުރިން ބުނެފަ އެވެ.

އައްސާމް އަކީ އިންޑިއާގައި އެކި ނަސްލުތަކުގެ މީހުން އެންމެ ގިނަ އެއް ސްޓޭޓެވެ. އެތަނުގައި ބަންގާޅީންނާއި، އައްސާމް ބަހުން ވާހަކަދައްކާ ހިންދޫން އުޅެ އެވެ. އަދި އެތަނުގެ ޖުމްލަ އާބާދީގެ ތިންބައި ކޮށްފައި އެއްބަޔަކީ މުސްލިމުންނެވެ. އެހެންކަމުން އެއީ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރަށް ފަހު ދެވަނައަށް އެންމެ ގިނަ މުސްލިމުން އުޅޭ ސްޓޭޓެވެ.

އިންޑިއާގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑެވެ. އެގޮތުން 2016 ވަނަ އަހަރު އެގައުމުން ލަފާކުރި ގޮތުގައި ގާތްގަނޑަކަށް 20 މިލިއަން ބިދޭސީން ގަވާއިދާ ހިލާފަށް އެގައުމުގައި އުޅެމުން ދެއެވެ.
ހިޔާލު