Supreme Court ge fandiyaarukamah kurimathi lumuge muhdhathu ithuru koffi
image
ސްޕްރީމް ކޯޓު-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިމަހު ފަހަކަށް އިތުރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލި ފުރުސަތުގެ މުއްދަތު، މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިތުރުކޮށްފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފަނޑިޔާރު ކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. މުއްދަތު އިތުރުކުރަން ނިންމި ވަކި ސަބަބެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ކުރިން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ ނިޔަލަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެން އެމަގާމު ހުސްވ މިދިޔަ ހަފްތާގަ އެވެ.

ބޮޑެތީ ތުހުމަތުތަކެއް ކުރެވޭ ދީދީ މަގާމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ 72 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާގެ މައްޗަށް ރިޝްވަތު ނެގުމުގެ ޖިނާއީ ތުހުމަތު ކުރެވޭއިރު، ޖޭއެސްސީން ކުރި ތަހުގީގުން ވަނީ ސުލޫކީ މައްސަލަތައް ސާބިތުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެއާއެކު އިތުރުވި ދެ މަގާމަށް އައިޝަތު ޝުޖޫނާއި އަޒްމިރަލްދާ ޒާހިރު އައްޔަނު ކުރަން ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ. އެކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ތާއީދު ކުރެ އެވެ.

ޖޭއެސްސީގެ އިއުލާނުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރަން އެ ކޮމިޝަނަށް ފެންނަ ފަރާތެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ފަނޑިޔާރު ކަމަށް މީހަކު އައްޔަނު ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
ހިޔާލު