BREAKING: India-Pakistan ge Kashmir massala Majlis thalhumuga hoonu vejje!
image
ރައްޔިތުންގެ މަޖިލިސް--
0 ކޮމެންޓް
 

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ކަޝްމީރު މައްސަލަ މަޖިލިސްގައި ހޫނުވެއްޖެ

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ސްޕީކާޒް ސަމިޓުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ކަޝްމީރު މައްސަލަ ހޫނުވެ، ބަހުސްކޮށްފި އެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީ މަޖިލިސް ތަޅުމުގައި ތަގުރީރު ކުރައްވަމުން ކަޝްމީރުގެ ވާހަކަ ދައްކަވަން ފެށުމާއެކު އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަގާފަ އެވެ.

ގާސިމް ސޫރީ ވާހަކަ ދެއްކެވީ އުރުދޫ ބަހުންނެވެ. އެހެންކަމުން ދެއްކެވި ވާހަކަ މާ ބޮޑަށް ސާފު ނުވި ނަމަވެސް، އޭނާގެ ބަސް މަގު ހުރީ ކަޝްމީރާ މެދު ނާއިންސާފުން އަމަލު ކުރަމުންދާ ކަމަށް ދޭހަވާ ގޮތަކަށެވެ.

އެއާއެކު އިންޑިއާގެ ފަރާތުން ސަމިޓުގައި ބައިވެރިވާ ވަފުދުން ވަނީ ނިޒާމީ ނުކުތާއެއް ނަގާފަ އެވެ. އެކަމަކު ގާސިމް ސޫރީ މެދުކެނޑުމެއް ނެތި ވާހަކަ ދައްކަމުން ގެންދިޔުމާއެކު އިންޑިއާއިން ވެސް ވާހަކަދައްކަން ފެށި އެވެ.

ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމުން ވެސް ގާސިމް ސޫރީ ވާހަކަ ކުރިއަށް ގެންދެވި އެވެ.

އެންމެ ފަހުން ވާހަކަ ހުއްޓާލެއްވީ އިންޑިއާއިން އަޑުގަދަ ކުރަން ފެށުމުންނެވެ. އެއާއެކު ނަޝީދު ވަނީ ނިޒާމީ ނުކުތާގައި ވާހަކަ ދެއްކުމުގެ ފުރުސަތު އިންޑިއާއަށް ދެއްވާފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވިދާޅުވީ އެގައުމުގެ ދާހިލީ މައްސަލައެއް މިހާރު ކުރިއަށްދާ ސަމިޓުގައި ޕާކިސްތާނުން ނަގަން މަސައްކަތް ކުރުން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

"ހަމަ އެހެންމެ، މިހާރު ކުރިއަށް މިދާ ސަމިޓުގެ މައުޟޫ އާ ނުގުޅޭ މައްސަލައެއް ނެގުމަކީ ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އިއުތިރާޒް ކުރާ ކަމެއް،" އިންޑިއާ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެ ފުރުސަތުގައި އިންޑިއާއިން ވަނީ ސަރަހައްދީ ސުލްހަ ގާއިމް ކުރުމަށް ޕާކިސްތާނުން ޓެރަރިޒަމަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އެގައުމަށް ގޮވާލާފަ އެވެ.

"ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް އަޅުގަނޑުމެން ހާސިލް ކުރަނީ ކޮން ބަޔަކަށްތޯ؟ ހަމައެކަނި ބިމަށް ތޯ؟ ކަޝްމީރުގައި މިހާރު ހިނގަމުންދާ ލާއިންސާނީ ކަންކަމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅިފައިވާ ކަމެއް،" ޕާކިސްތާނުގެ ސެނެޓުގެ ފަރާތުން ވާހަކަ ދެއްކެވި އަންހެން ބޭފުޅަކު ވިދާޅުވި އެވެ.

އެ ބަހުސަށް ފަހު ނަޝީދު ވަނީ ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސްގެ ވާހަކަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެއްވާފަ އެވެ.

ތަގުރީރު ނިންމާލުމާއެކު އިންޑިއާ އިން ވަނީ އަނެއްކާވެސް ނިޒާމީ ނުކުތާއެއް ނަގައި، މައްސަލަ ޖައްސާފަ އެވެ. އަދި ޕާކިސްތާނުން ވެސް ވަނީ ބަހުސް ކުރަން ފަށާފަ އެވެ.

އިންޑިއާއިން ތަކުރާރުކޮށް ބުނަމުން ދިޔައީ ޕާކިސްތާނުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށެވެ. އަދި ޕާކިސްތާނުން ބުނަމުން ދިޔައީ އެ ތުހުމަތު ކުރުމުގެ ހައްގު ނޯންނާނެ ކަމަށާއި، ޕާކިސްތާނަކީ "ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ" ގައުމެއް ކަމަށެވެ.

ދެ ގައުމުގެ ވަފުދުގެ ބޭފުޅުން މަޖިލީހުގައި އަޑުގަދަ ކުރަމުން ދަނިކޮށް، ސެޝަން މެދުކަނޑާލާފައި ވަނީ މެންދުރުގެ ފަރިއްކޮޅަށެވެ.

ދެކުނު އޭޝިއާ ގައުމުތަކުން މަޖިލިސް ރައީސުންގެ ސަމިޓު ރާއްޖޭގައި ކުރިއަށްދާއިރު، އިންޑިއާއިން ދާދި ފަހުން ވަނީ އެގައުމުގެ ބާރުގެ ދަށުގައިވާ ކަޝްމީރު ސަރަހައްދަށް ދީފައި އޮތް ހާއްސަ މިނިވަންކަން އަތުލާފަ އެވެ. އެހެންވެ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަނެއްކާވެސް ކަޝްމީރު މައްސަލަ އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ހިޔާލު