REPORT: Manzaru badhalu viyas hiy badhaleh nuvey?
image
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

މަންޒަރު ބަދަލުވިޔަސް ހިތް ބަދަލެއް ނުވޭ؟

އަހަރަކީ 2012 އެވެ. ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހެވެ. އަނދިރިކަމުގައި ވަގުތުތުތަކެއް ހޭދަކުރުމަށް ފަހު ރާއްޖެއަށް އިރު އަރައިފި އެވެ. މިއަދަކީ ގައުމުގެ ކުރިމަގަށް ބޮޑު ބަދަލެއް އަންނާނެ ދުވަހެއްކަން ދަނެ ހުރީ މަދު ދިވެއްސެކެވެ. ވެރިކަން ކުރާ ރަށް، މާލޭގެ ޖުމްހޫރީ މައިދާނަށް ވަނީ އެތައް ބަޔަކު ޖަމާވެފައެވެ. އޭގެ ތެރޭގައި ރައްޔިތުންނާއި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ހުވާކޮށްގެން ތިބި ދިވެހި ފުލުހުން ހިމެނެ އެވެ. އާންމުންގެ ގިނަ ބަޔަކު އެތަނަށް ޖަމާވެފައި ތިބީ ވެރިކަމުގައި ހުރި "އިސްލާމް ދީން ފުހެލުމަށް މަސައްކަތް ކުރާ އަނިޔާވެރިކާ" ދެކޮޅަށެވެ. ގައިރު ގާނޫނީ އަމުރަކަށް ކިޔަމަންތެރި ނުވާނެ ކަމަށް ބުނެ ފުލުހުން ދިޔައީ ހަޅުތާލު ކުރަމުންނެވެ. ތާރީހުގައި ލިޔެވިގެން ދިޔަ އެތައް ކަމެއް މިދުވަހު ހިނގި އެވެ. ގިނަ ޕާޓީ އެކުލެވޭ ނިޒާމަކުން އިންތިހާބު ކުރެވުނު ރާއްޖޭ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވިއެވެ. ފުލުހުންގެ ސަފުތައް ގެއްލި ބޮޑެތި ހަމަނުޖެހުންތައް ހިނގިއެވެ. ފުލުހުންގެ ބަޔަކު ގޮސް ދައުލަތުގެ ޓީވީ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. ސިޔާސީ ޕާޓީއެއްގެ ޖަގަހައަކަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. މިފަދަ އެތައް ކަމެއް އެދުވަހާއި ކުރިއަށް ހުރި ދުވަސްތަކުގައި ހިނގިއެވެ.
އެދުވަހުގެ ހާދިސާތައް އެކި މީހުން ސިފަ ކުރަމުން ދިޔައީ އެކި ގޮތް ގޮތަށެވެ. އެއް ބަޔަކަށް އެދުވަސްވީ ނަސްރު ލިބި ގައުމު މިނިވަންވި ދުވަހަށެވެ. އަނެއް ބަޔަކަށް މިކަންވީ ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކި ހިންގި ޖަރީމާއަކަށެވެ. އެއީ ގާނޫނާ ހިލާފަށް ހިންގި އަމަލެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް އެންމެ ގަދަޔަށް ވާހަކަ ދެެއްކި އެއް ބޭފުޅަކީ އޭރު މަގާމުން އިސްތިއުފާ ދޭން ޖެހުނު ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އޭރު ބުނަމުން ދިޔައީ އެއީ "ބަގާވާތެއް" ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވި ނަޝީދުގެ ނައިބު ރައީސް މުހައްމަދު ވަހީދަށް "ބާގީ" ގެ ނަމުން ނިސްބަތްކޮށްފައި އެބަ ހުއްޓެވެ. ދައުރުގެ ބާކީ އޮތް ދެއަހަރު ފުރިހަމަ ނުވަނީސް މަގާމުން ވަކިވާން ޖެހުމަކީ ނަޝީދަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ޖެހިގެން އޮތް 2013 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ވެސް އެންމެ ގަދަޔަށް ނަޝީދު ދެއްކެވި ވާހަކައަކީ ފެބްރުއަރީ ހަތެއްގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ވާހަކަ އެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނުތާ ހަތް އަހަރުވެފައިވާ އިރު ސިޔާސީ އެކި ފަރާތްތައް އެދުވަހު ތިބި ހިސާބާ މިއަދާ ބޮޑު ފަރަގެއް އެބަ ހުއްޓެވެ. މުޅި ސިޔާސީ މަޝްރަހުގެ ކުލަ މިވަނީ އެއްކޮށް ބަދަލުވެފައެވެ. މިފަދަ ގިނަ ބަދަލުތަކެއް އައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެންމެ ވާދަވެރި ދެ ސިޔާސީ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ލީޑަރު ނަޝީދާ އޭރުގެ ޕީޕީއެމްގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް އެއްގަލަކަށް އަރާ ވަރަށް ދައުލަތް އޮތީ ގޯސްވެފައެވެ. މިގުޅުމުގެ ތެރެއަށް އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ ވަދެ މިއަދު މިފެންނަ ސަރުކާރު ކޯލިޝަން އުފެދުނެވެ. ނަމަވެސް މިއައި ބަދަލުތަކުގެ ސަބަބުން ކުރިން އޮތް ވާދަވެރިކަން ހަމަ އެއްކޮށް ގެއްލުނީ ހެއްޔެވެ؟ އަނިޔާ ދިން ކަމަށް އެއް ލީޑަރު އަނެއް ލީޑަރަކަށް ތުހުމަތު ކުރާ އިރު ހުރިހާ ކަމަކަށް މައާފު ދިނީ ހެއްޔެވެ؟ މިއަދު މިފެންނަ މަންޒަރަށް ބަލާއިރު އެކަން އެހެން ނުވާކަން ސާފެވެ.

ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް 23 ޑިސެމްބަރު 2011 ގައި ބޭއްވުނު މުޒާހަރާއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ. މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި ރައީސް ޔާމީން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ހިމެނެއެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ ނަޝީދު ކުރަމުންދިޔަ އިސްލާމް ދީނާ ހިލާފު ކަންކަން ހުއްޓާލުމަށެވެ. އޭގެ ތެރޭގައި އޭރު ބޭއްވުނު ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ބެހެއްޓި މޮނިއުމެންޓެއް ނެގުން ހިމެނެއެވެ. މުޒާހަރާ ބޭއްވުނީ އިސްލާމް ދީން ދިފާއުކުރުމުގެ ނަމުގައެވެ. މުޒާހަރާގައި ބައިވެރި ހުރިހާ ސިޔާސީ ލީޑަރުން ވެސް ވަނީ ވެރިކަމުގައި ހުރި ނަޝީދަކީ އިސްލާމް ދީން ނައްތާލުމަށް މަސައްކަތްކުރާ "އަނިޔާވެރިއެއް" ކަމަށް ތުހުމަތުކޮށްފައެވެ. އެބޭފުޅުންގެ ބަސްމަގު ހުރި ގޮތުން ހާމަވީ ގޮތުގައި އަމާޒަކީ ނަޝީދު ވެރިކަމުން ބޭލުމެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން އަމަލީ ގޮތުން މުޒާހަރާގައި ބައިވެރި ނުވި ނަމަވެސް، މައުމޫން ވެސް ވަނީ މުޒާހަރާއަށް ތަރުހީބުދީ އަމަލީ ގޮތުން ބައިވެރިބި ފަރާތްތަކަށް ތައުރީފްކޮށްފައެވެ.

އެދުވަހުގެ މުޒާހަރާއަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެތައް މުޒާހަރާއެއް ކުރެވުނެވެ. މިމުޒާހަރާތަކުގެ އެންމެ އިސް ސަފުގައި ހުރި މީހެއްގެ ގޮތުގައި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނެއެވެ. އިމްރާން ވެސް ނިކުތީ މުސްލިމް ދިވެހި ދަރިއަކަށްވީތީއެވެ. ދީނުގެ ދިފާއުގައެވެ. ފެބްރުއަރީ ހަތެއްގައި ވެސް އިމްރާން އަދާކުރަމުން ދިޔައީ މިރޯލެވެ. ނަޝީދާ މެދު އޭރު ދެކޮޅުވެރި ކަމުގެ އަލިފާން އަދަމުން ދިޔަ ނަމަވެސް އިމްރާން ބުނާ ގޮތުގައި މިހާރު އެއަލިފާން ވަނީ ނިވިފައެވެ. އަދި މާޒީ އަށް އެނބުރި ދިޔުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އިމްރާން ބުނެއެވެ. ސަބަބަކީ ކޮބާބާއެވެ؟ އެކުގައި އުޅުނު ރައީސް ޔާމީންގެ ފަރާތުން އަނިޔާތަކެއް ލިބުން ހެއްޔެވެ؟ މިވެރިކަމުގައި ސަރުކާރުގެ މަތީ މަގާމެއް ލިބުން ކަމަށް ވެސް ވެދާނެ އެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެއަށް އައި ކޮންމެ ވެރިކަމެއް ވެސް އެހިސާބަށް ގެނައުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ބޮޑު ހިއްސާއެއް އޮވެއެވެ. މިވެރިންގެ ތެރޭގައި ރައީސް ނަޝީދުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެސް ހިމެނެއެވެ. ފެބްރުއަރީ ހަތް ވަނަ ދުވަހު ގާސިމްގެ އިތުރުން ގިނަ ސިޔާސީ ބޭފުޅުންނެއް ވަނީ ޖުމްހޫރީ މައިދާނަށް ވަޑައިގެންފައެވެ. އަދި ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސެއިން އާދަމް ބިލްޑިން އަށް ވެސް ގާސިމް ވަޑައިގަތެވެ. ނަޝީދު އިސްތިއުފާ ދެއްވާނެ ކަމުގެ ހަބަރު ގާސިމަށް ލިބުނީ ވެސް ހުސެއިން އާދަމް ބިލްޑިންގައި ހުއްޓައެވެ. އެވަގުތު އުފަލުން ފުރި ގާސިމަށް ރޮވުނެވެ. އަދި އަނިޔާވެރިއެއް ކިބައިން ގައުމު ސަލާމަތްވީތީ އެކަމަށް މާތްﷲ އަށް ޝުކުރު ދެންނެވިއެވެ. "އަސްކަރީ ވެރިކަމެއް ނުގެނެސް މިކަން ނިމުނުކަން ހާދަހާވާ ރަނގަޅޭ" ގާސިމް ބުންޏެވެ. ގާސިމްގެ ވާހަކަ ހުރި ގޮތުން ހީވީ މިއީ މާކުރިޔާލާ ރާވައިގެން ކުރި ކަމެއް ހެންނެވެ. އަދި ނަޝީދު އިސްތިއުފާ ނުދިންނަމަ ރާއްޖޭގެ އަސްކަރީ ބާރު ބޭނުންކޮށްގެން ގަދަކަމުން ވެސް ވެރިކަން ވައްޓާލުމަށް ވިސްނާފާ ހުރި ފަދައެވެ.

ކޮންމެއަކަސް އޭރު އެއްކޮށް އުޅުނު އެކުވެރިން މިއަދު މިވަނީ ހަތުރުންނަށް ބަދަލުވެފައެވެ. ހަތުރުން މިވަނީ އެއްގަލަކަށް އަރައިފައެވެ. ފެބްރުއަރީ ހަތެއްގައި ވެރިކަމުން ދުރުވި ނަޝީދު މިހާރު އިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށެވެ. ނަޝީދާ ދެކޮޅަށް އެންމެ ގަދަޔަށް އަޑު އުފުލި އިމްރާން މިހާރު އިނީ ހޯމް މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް ތިމާއަށް އަނިޔާއެއް ދިން މީހަކު ރަހުމަތްތެރިއެއްގެ ގޮތުގައި ދެކުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަން ދާދި ފަހުން ވެސް ހާމަވެގެން ގޮސްފި އެވެ. އިމްރާން ވިދާޅުވީ މާޒީ އަކީ މާޒީ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ މާޒީގައި މައްސަލައެއް އުޅޭ ކަމަށެވެ. އަދި އެކަން ބެލެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ވެރިކަމަށް އައީ ކޯލިޝަނެއް ކަމުން އެކަކު އަނެކަކަށް ބަސް އުކަނީ ދުރު ދުރުންނެވެ. ކިތައްމެ ދުރުން އެއްލިޔަސް ކޮންމެވެސް ހިސާބަކުން އައިސް ގައިގަ ޖެހޭނެއެެވެ. އެހިސާބުން އެއޮތީ އަނެއްކާ ވެރިކަން ބަދަލުކުރަންވެފައެވެ.

ކުރިއެކޭ ވެސް އެއްފަދައިން ޖޭޕީގެ ލީޑަރު ގާސިމްގެ ފަރާތުން ސަރުކާރާއި ދެކޮޅުވެރިވެދާނެ ކަމުގެ ކުލަތަކެއް ފެންނަން ވެސް ފަށައިފިއެވެ. ކޯލިޝަނާ ދެކޮޅު ސަރުކާރުގެ މީހުން ޖޭޕީއަށް ސޮއިކުރުމަކީ ބަގާވާތެއްގެ މަލަމަތި ކަމަށް ވެސް ވެދާނެ އެވެ. މި ފަސް އަހަރު ވެސް ނިމިގެންދާ އިރު ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ. ނަމަވެސް އެންމެ މުހިންމު ސުވާލަކީ އެބަދަލުތައް އަންނާނީ ރަޔިތުންނަށްޓަކައި ހެއްޔެވެ؟ ނުވަތަ އެކަން ވާނީ ސިޔާސީ ލީޑަރުންގެ އަމިއްލަ މަންފާއަށްޓަކައި ރައްޔިތުން އެކަކު އަނެކަކާ ދެކޮޅުވެރިކުރުވުމަށް ހެއްޔެވެ؟ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއްވޭ ހެއްޔެވެ؟ ނޫނީ މިއީ ހަމަ ކުޅިވަރެއް ހެއްޔެވެ؟
ހިޔާލު

ބޫލާގު

ކިޔާނެއެއްޗެއް ކިޔަންވީއެވެ. މިރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ "އަނިޔާ" ގައި ބައިވެރިވެފަތިބިމީހުން ދުނިޔޭގައިތިއްބައި، އެކަންކަން ހިނގައިދިޔަގޮތް ނުހޯދައި، މިޒަމާނުގެ ދެފުއްކެހެރި ސިޔާސަތުގެދަށުން ކަންތައްނިންމާލަން އުޅުނަމަވެސް މިއަދުގެ ރައްޔިތުން އެކަން ޤަބޫލެއްނުކުރާނެއެވެ. މިރާއްޖޭގައި ހިނގައިދިޔަ، އެޕްޕީއައިޑީގެ މައްސަލައާއި، އެސްޓީއޯއިން ތެޔޮވިއްކި މައްސަލަތަކަކާއި، ފެބުރުވަރީ 7ގެ މައްސަލައާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާފައިވާ ނޭދެވޭ ކަންތައްތަކާއި ރައީސް ވަޙީދާއި ރައީސް ޔާމީނުގެ ދައުރުގައި ބާތިލްކުރި ދައުލަތުންވެފައިވާ އެއްބަސްވުންތަކެއް އުވާލުމުން ލިބުނު ގެއްލުމާއި، ނަޙައްޤު އެއްބަސްވުންތަކާއި، މަނީލޯންޑަރިން މައްސަލަފަދަ ކަންތައް ނުބެލި، އަޅާނުލައިދޫކޮށްގެން މިރާއްޖެ ކުރެވޭނެ އިޞްލާހެއް ނޯންނާނެއެވެ. ކިތަންމެމޮޅު ލިއުންތަކަކާއި ރީތިވާހަކަ ދެއްކިނަމަވެސް ޤަބޫލުކުރާނެ ބަޔަކުނުވާނެއެވެ. އަހާނެބަޔަކު ނުތިބޭނެއެވެ. އެވާހަކަ އަބަދާއިއަބަދު ގޮވާނެއެވެ. އަހަރުމެން މަރުވެދިޔައިމަ، މަހާނަކައިރީތިބެ ކާފަދަރިން ދައްކާނެއެވެ. ޝަކުވާކުރާނެއެވެ.

55559

މި ލިޔުން އަޅުނގަޑު ކިޔުން ހުއްޓާލީ 23 ޑިސެންބަރ މުޒާހަރާއަކީ އެންމެ ބޮޑު މުޒާހަރާކަމަށް ބަޔާންކުރި ހިސާބުން...ދޮގު މަޢުލޫމާތު ނުފެތުރުން އެދެން...ދިވެހި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާއަކީ މޭ ޑޭ މުޒާހަރާ...

އައިމޮން

އަދިވެސް ބަގާވާތެއްް ކޮށްފާނެ! ކުރާނެ! ސަބަބަކީ ރައީސް ނަޝީދުގެ ބަސްމަގު ހުންނަގޮތް! ވިސްނާނުލާ ކޮންމެ ފަދަ ވާހަކައެއްވެސް ޕޯޑިއަމްގައި ދައްކަފާނެ. އަދި ފައިސާހުރި ބޮޑެތި މަހުޖަނުންގެ ޖީބުން ސަލާމަތީ ބާރުތަކުގެ މުވައްޒަފުން ވަރަށް ފަސޭހައިން ގަނެލެވޭ ގައުމެއް މި ނޫނީ މި އުޑުދަށުގަ ނުވޭ! މިހާރުވެސް ސިޔާސީ މަޝްރަހުން މިފެންނަނީ އަނެއް ބަގާވާތަށް ފައްކާކުރާތަން! އެމްޑީޕީގެ ސަޕޯޓަރުންވެސް އެތިބީ ވަރަށް ބޮޑަށް މާޔޫސްވެ ބާކީކޮށްލާފަ! ވެރިކަންލިބުމުން ކައިރިކުރީ ރައީސް ޔާމިނުގެ ސަރުކާރުގަ މަތީފަޑީގަ ބޮޑެތި ޖަރީމާ ހިންގި މީހުންތައް! އެމްޑީޕީން މިއަދުވެސް މުޒާހަރާއަކަށް ނޫނީ ޖަލްސާއަކަށް ގޮވާލިއަސް ވަރަށް މަދު ބައެއް ނޫނީ ނުދާނެ! މާބޮޑަށް ފޮނިބޮޑުވެ، ޕާޓީއަށް ޖާނާ މާލުން އެތައް ގުރުބާނީއެއްވި މީހުން އެތިބީ ނަގާ އެއްލާލާފަ! ކައުންސިލް އިންތިހާބުގެ ވޯޓުން މިކަމުގެ ބަދަލު ހިފާނެ ސަޕޯޓަރުން. ބަލަން ތިބޭ!

އިހުސާނާ

ވަހީދު ހަސަނިކުވެސް ވަނީ އެ ރޭ ދަންވަރު ވީ ޓީވީ އަށް އަރާ ބަޤާވާތް ކުރަން މީހުންނަށް ހިތްވަރު ދީ ހަދާފަ!