Governor kamah Haashim ayyan kuran committee in ruhun dheefi
image
ގަވަރުނަރު ކަމަށް އައްޔަން ކުރަން ކޮމިޓީން ރުހުން ދީފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު ހާޝިމް.
0 ކޮމެންޓް
 

ގަވަރުނަރުގެ މަގާމަށް ހާޝިމް އައްޔަންކުރަން ކޮމިޓީން ރުހުންދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް، އޭނާގެ ނަން ދިރާސާކުރަން ފޮނުވި މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ހާޝިމް ހާޒިރުކޮށް، އޭނާ އާ ވަނީ އިންޓަވިއު ކޮށްފަ އެވެ. އަދި ގަވަރުނަރުގެ މަގާމަށް ހާޝިމް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ އިންޓަވިއު އަށް ފަހު، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން، މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް ފޮނުއްވާ ބޭފުޅަކާއި ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ފުރުސަތު ހުޅުވާލަން ޖެހެ އެވެ. އެގޮތުން މަޖިލީހުން ހުކުރު ދުވަހު ކުރި އިއުލާނެއްގައި ވަނީ އެ ފުރުސަތު، މިއަދުގެ 11:00 އަށް ހުޅުވާލައިފަ އެވެ.

މަރުކަޒީ ބޭންކުގެ ވެރިޔާގެ މަގާމަށް ހާޝިމް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވުމުން އެ ނަން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީ އަށް ފޮނުވުމުން އެ ކޮމިޓީން އޭނާ އާ އިންޓަވިއުކޮށް، އެ މަގާމަށް އައްޔަން ކުރަން ރުހުން ދީފައިވާއިރު ހާޝިމް އެ މަގާމަށް އައްޔަން ކުރެވޭނީ ކޮމިޓީގެ ރިޕޯޓަށް ބެލުމަށް ފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން ރުހުން ލިބިގެންނެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ނަސީރު ޖުލައި މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ގަވަރުނަރުކަމަށް އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވާފައިވާ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 އަށް ސަރުކާރުގެ ފިނޭންސް މިނިސްޓަރެވެ. މިވަގުތު އޭނާ ހުންނެވީ ޕްރެސިޑެންޝަލް އެކްޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގަ އެވެ.
މަޖިލިސް އެމްއެމްއޭ
ހިޔާލު