Hezbollah in Isarael ah hamalaa dheefi
image
ބޯޑަރު ކައިރީ އޮތް އިސްރާއީލްގެ ޓޭންކަރެއް-- ފޮޓޯ: އީޕީއޭ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ހަމަލާ ދީފި

ލުބުނާންގެ ޝިއައީ މުސްލިމް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފި އެވެ.
އެ ހަމަލާގައި އިސްރާއީލުގެ އަސްކަރީ ސިފައިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ހިޒްބުﷲ އިން ބުނި ނަމަވެސް އިސްރާއީލުން އެކަން ދޮގުކުރެ އެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށާއި އުޅަނދުތަކަށް ހަމަލާދިންކަން އިސްރާއީލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނި ގޮތުގައި ހިޒްބުﷲ އިން ވަނީ ތިން އެންޓި ޓޭންކް ރޮކެޓް ހަމަލާދީފަ އެވެ. އެ ހަމަލާ އަމާޒުވެފައި ވަނީ އައިޑީއެފްގެ އަސްކަރީ ޕޯސްޓެއްގެ އިތުރުން އެމްބިއުލާންސަކަށް ކަމަށް އެ ފަރާތުން ބުނެ އެވެ.

މިއަދު ދިން ހަމަލާގެ ރައްދުގައި އިސްރާއީލުން ވަނީ ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފަ އެވެ. އެގޮތުން ޓޭންކަރުތަކުންނާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިޒްބުﷲ ޖަމާއަތަށް އިސްރާއީލުން ވަނީ ހަމަލާދީފަ އެވެ.

ހިޒްބުﷲ އިން ހަމަލާދީފައިވަނީ ލުބްނާންގެ ވެރިކަންކުރާ ރަށަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގެ ރައްދުގައެވެ. ވެރިކަން ކުރާ ރަށް ބެއިރޫތަށް އިސްރާއީލުން ހަމަލާދިނީ މިދިޔަ ހަފްތާތެރޭގަ އެވެ.

ލުބުނާންގެ ވައިގެ ސަރަހައްދަށް އިސްރާއީލްގެ ޑްރޯނެއް ވަދެ، ދެގައުމުގެ ބޯޑަރު ކައިރީ ހުރި ޖަންގައްޔަކަށް އެއްޗެހި ތަކެއް އެޅި ކަމަށް ލުބުނާންގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ޖަންގަލީގައި ރޯވެ ދެގައުމުގެ ދެމެދުގައި މައްސަލަ ހޫނުވިޔެވެ.

ހިޒްބުﷲ އަކީ އީރާންގެ ފުރިހަމަ ތާއީދު އޮންނަ ޖަމާއަތެކެވެ. އެޖަމާއަތުން ވަނީ އިސްރާއީލަށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

ހިޒްބުޘ އާއި އިސްރާއީލާ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކަކީ ފަހުގެ ތާރީހެއްގައި މިދެގައުމުގެ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ.

އިސްރާއީލާއި ހިޒްބުﷲއިން ވަނީ 2006 ވަނަ އަހަރު މަހަކަށް ދިގުދެމިގެން ދިޔަ ހަނގުރާމައެއް ކޮށްފަ އެވެ. އެ ހަނގުރާމާގައި ހާހަކަށް ވުރެ ގިނަ އާންމުން މަރުވި އެވެ.
ހިޔާލު