Spanish La Liga: Villarreal inn Real Madrid hifahahttalaifi
image
ވިޔަރެއާލް އާއި، ރެއަލް މެޑްރިޑް މެޗުގެ ތެރެއިން--
މިއުނާ ހަސަން
0 ކޮމެންޓް
 

ސްޕެނިޝް ލަލީގާ: ވިޔަރެއާލުން، ރެއާލް މެޑްރިޑް ހިފަހައްޓާލައިފި

ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހު ކުޅުނު މެޗުން، ރެއާލް މެޑްރިޑް މޮޅުވިޔަ ނުދީ ވިޔަރެއާލްއިން ހިފަހައްޓާލައިފި އެވެ.
ވިޔަރެއާލްގެ ދަނޑުގައި ކުޅުނު އެ މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން، ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ވިޔަރެއާލްއިންނެވެ.

ވިޔަރެއާލްއިން، ފުލުފުލުގައި ވަރުގަދަ ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ޖެރާޑް މޮރޭނޯ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގުމެވެ.

ވިޔަރެއާލްގެ އެ ލަނޑާއެކު، ރެއާލުން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި، ޑެނީ ކާވަހާލްގެ އެހީތެރި ކަމާއެކު ގެރެތު ބޭލް ވަނީ މެޗުގެ ނަތީޖާ ރެއާލްއަށް ހަމަހަމަ ކޮށްދީފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔައިރު ވިޔަރެއާލްއިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ.

ވިޔަރެއާލްގެ ދެވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮއީ ގޯމޭޒްއެވެ.

ވިޔަރެއާލްގެ ދެވަނަ ލަނޑާއެކު، ރެއާލް މެޑްރިޑްގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުން ވަނީ ވިޔަރެއާލްގެ ގޯލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ރެއާލްގެ ވަރުގަދަ ހަމަލާތަކުގެ ނަތީޖާއަކަށްވީ، މެޗުގެ 86 ވަނަ މިނެޓުގައި ލޫކާ މޮޑްރިކްގެ އެހީތެރިކަމާއެކު ގެރެތު ބޭލް ރެއާލް މެޑްރިޑްގެ ދެވަނަ ލަނޑު ކާމިޔާބު ކުރުމެވެ.

މި ނަތީޖާ އާއިއެކު، ތާވަލުގެ ހަތަރުވަނާގައި ރެއާލް މެޑްރިޑް އޮތީ ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކުއެވެ.

ވިޔަރެއާލް ތާވަލުގެ 16 ވަނާގައި އޮތީ ކުޅުނު ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކުއެވެ.
ލަލީގާ
ހިޔާލު