Commission ge vaahaka thah PPM in kuvverikoffi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މަރުތައް ބަލާ ކޮމިޝަންގެ ވާހަކަތައް ޕީޕީއެމުން ކުށްވެރިކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާ ގުޅިގެން ފުލުހުން ކުރި ތަހުގީގު "ޑައިވާޓް" ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށް ކުރި ތުހުމަތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުށްވެރިކޮށްފި އެވެ.
ރިލްވާނުގެ މައްސަލާގައި ކުރި ތަހުގީގުގެ ބައެއް މައުލޫމާތު އާއްމު ކުރުމަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ތަހުގީގު "ޑައިވާޓް" ކުރަން ޔާމީން މަސައްކަތް ކުރެއްވި ކަމަށެވެ.

"ރިލްވާން ގެއްލިގެން ކުރި ތަހުގީގު ކުރި ޑައިވާޓް ކުރަން އޭރުގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރި ކަމުގެ ހެކި ވަނީ ލިބިފައި،" ސުއޫދު ވިދާޅުވި އެވެ.

އެގޮތުން ފަންޑިތަ ހަދައިގެން ރިލްވާން ހޯދަން ކަމަށް ބުނެ، ފުލުހުން އެކި ތަންތަނަން ފޮނުވި ކަމަށާއި، މާފަންނާއި ވިލިމާލޭގައި ހުރި ގެޔަކަށް ދަންވަރު ގަޑީގައި ފުލުހުން ފޮނުވި ކަމަށް ސުއޫދު އިއްޔެ ހާމަކުރެއްވި އެވެ.

އެކަމަށް ރައްދު ދިނުމުގެ ގޮތުން ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިލްވާނުގެ މައްސަލައިގަ ކުރި ތަހުގީގަށް ޔާމީން ހުރަސް އެޅުއްވި ކަމަށް ތުހުމަތުކޮށް ކޮމިޝަނުން އިއްޔެ ދެއްކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ސެޕްޓެމްބަރު 1، 2019 ގައި ރިޔާސީ ކޮމިޝަނުން ކުރި ނާތަހުޒީބީ ބުހުތާނުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރު ނުކުރުމަށް އަދުގެ ސަރުކާރަށާއި، އެންމެހައި މުއައްސަސާތަކަށް އިލްތިމާސް ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީންގެ ސަރުކާރު އޮތް ދުވަސްވަރު، ރިލްވާން ގެއްލުވާލުމާއި ރައީސް ޔާމީނާއި ގުޅުމެއް އޮތް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކައަކީ ވެސް ދޮގު ކަމަށެވެ. އަދި އެކަމުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާއި އެއްވެސް ގުޅުމެއް ނެތްކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހާމަވެގެން ހިނގައްޖެ ކަމަށް ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ މިހާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީން ބަދުނާމުވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ދެއްކީ ސާބުތި ނުހިފޭ ވާހަކަތަކެއްކަން މިނިސްޓަރު ހާމަނުކޮށް ހުރުމަކީ އެމަނިކުފާނުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ޕީޕީއެމުން ބުނެއެވެ.

އޭގެ އިތުރުން އިއްޔެ މަރު ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފުލުހުންގެ ތަހުގީގުން ހާމަވެފައި ހުރި މައުލޫމާތުތަކެއް ކަމަށް ޕީޕީއެމުން ބުނެއެވެ. ޕީޕީއެމުން ވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ރައީސް ޔާމީންގެ ސަރުކާރުގައި ހައްޔަރުކޮށް ދައުވާކޮށްފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

ޕީޕީއެމުން އެހެން ބުނި ނަމަވެސް، ތަހުގީގު "ޑައިވާޓް" ކުރަން ޔާމީން އުޅުނު ކަމުގެ ހެކި ލިބިފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެ އެވެ. ޔާމީނުގެ އިތުރުން، އޭރުގެ ސަރުކާރުގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ވަނީ ތަހުގީގަށް ހުރަސް އަޅާފައި ކަމަށާއި، އޭނާއާ ދެކޮޅަށް ދައުވާ އުފުލޭ ވަރަށް ހެކި އެބަހުރި ކަމަށް ކޮމިޝަނުން ބުންޏެވެ.

އެގޮތުން ފުލުހުން ދެ އިންޓެލިޖެންސް އޮފިސަރުން އިމިގްރޭޝަނަށް ފޮނުވައިގެން، ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން އަދީބު މަސައްކަތް ކުރެއްވި ކަމަށާއި، އެގޮތަށް އެކަން ކުރީ ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް ކަމަށް ކޮމިޝަނުން ބުންޏެވެ. އެ ދެ ފުލުހުންނާ ދެކޮޅަށް ވެސް ދައުވާ އުފުލޭ ވަރަށް ހެކި އެބަ ހުއްޓެވެ.

އޭގެ އިތުރުން ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރަން އޮތް ދުވަހު، އެމީހާ ދޫކުރަން ޖެހޭ ކަމަށް ބުނެ މާލޭގެ ޓީސީ ގޭންގަށް ނިސްބަތްވާ މުނާޒު "މުނާއްކޮ" އަދީބަށް މެސެޖު ކުރި ކަމަށާއި، ހަމަ އެދުވަހު އަދީބުގެ ފޯނުން އެ މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އަށް އެ މެސެޖު ފޮނުވި ކަމަށާއި، އެ ދުވަހު މައްސަލަ ނިމުނުއިރު ތުހުމަތު ކުރެވޭ މީހާ ދޫކޮށްލި ކަމަށް ކޮމިޝަނުން ބުންޏެވެ.

ސުއޫދު ވިދާޅުވީ އެކަންކަމާ ހުރެ އަދީބުގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާކުރެވޭނެ ކަމަށެވެ. ނަމަވެސް ރިލްވާން ގެއްލުވާލުމާއި ރައީސް ޔާމީނާ އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެކި ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އިއްޔެ ހާމަކުރީ ޔާމީނުގެ ސަރުކާރުގައި ފުލުހުން ކުރި ތަހުގީގުން ހޯދި މައުލޫމާތު ކަމަށާއި، އެ މައްސަލާގައި ދައުވާކޮށް ޝަރީއަތް ހިންގި ކަމަށް ޕީޕީއެމުން ބުނި އިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހު ކޯޓުން ކުރި ހުކުމުގައި ބުނީ ފުލުހުންގެ ތަހުގީގާއި، ޕީޖީން ދައުވާ އުފުލުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށެވެ. އެހެންވެސް ތުހުމަތު ކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އޮތީ ކަނޑައަޅާފަ އެވެ.
ހިޔާލު

އައިމަނު

އަސްލުވެސް ރައީސް ޔާމިނުގެ ބޮލުގަ ހުރިހާ ކަމެއް އަޅުވަން އެމްޑީޕީން ތިހާވަރުތަކެއް ތި އަރުވަނީ ވެރިކަންލިބި އާރާބާރުތައް ހުރެމެ މިހާތަނަށް އޮއްޓަރެއް ހުރި އެއްވެސް ކަމެއް ނުކުރެވޭތީ! މުޅިންވެސް ކުރީ ސަރުކާރު ކުރީ ސަރުކާރު! އެމްޑީޕީއަކީ މިހާރު ވަރަށްބޮޑަށް ކޮރަޕްޓްވެފަ އޮތް ޕާޓީއެއް! އިހުލާސްތެރިން ގެ ބޭނުން ހިފާ އެތައް އަނިޔާއެއް ކުރިމަތިކުރުވާފަ ވެރިކަން ލިބުމުން އެމީހުންތައް ނަގާ ހޫރާލީ! މަގާމުތައް ބަހާލީ ގާތްތިމާގެ މީހުންނަށާ މުއްސަދިންގެ ދަރީންތަކަށް! މިހާ ހަޔާތްކުޑަވާނެ ކަމަށް ދުވަހަކުވެސް ހިއެއް ނުކުރަން! ކުރިއަށްއޮތް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ޕާޓީއަށް ސަޕޯޓު އޮތްވަރު ފެނިގެންދާނެ!