Yaameenuge money laundering massalaige adu ehumeh maadhamaa
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި--
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ތާވަލުކޮށްފި އެވެ.
މާދަމާ ހެނދުނު 10:30 އަށް ތާވަލުކުރި އަޑުއެހުމަކީ އިތުރު ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތެކެވެ. ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ހަފްތާގަ އެވެ. އެ ދުވަހު ވަނީ ތިން މީހެއްގެ ހެކިބަސް ނަގައިފަ އެވެ.

އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.

ދައުލަތުގެ ހެކިވެރިންގެ ތެރެއިން ހެކިބަސް ނުނަގާ މިހާރު ތިބީ ހަސަން ލުތުފީ، މުހައްމަދު ވަސީމް އިސްމާއިލް، މޫސާ ޒަމީރު، މުހައްމަދު ލުވޭޒް އަދި މުހައްމަދު ޝަރީފެވެ. އޭގެ އިތުރުން ގިނަ ކިތާބީ ހެކިތަކެއް ވެސް ދައުލަތުން ހުށަހަޅާފައި ވެއެވެ.

މަނީ ލޯންޑަރިން ދައުވާ އުފުލާފައި ވަނީ ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނުގެ ތެރެއިން ޔާމީނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވަދެފައިވުމުން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހެދި އެސްކްރޯ އެގްރީމަންޓާ ހިލާފަށް އެހެން ފައިސާތަކެއް ހަވާލުކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ހިޔާލު

އިހުސާނާ

މީނާގެ މައްޗަށް ހުކުމް އިއްވަނީ ކޮން އިރަކުންތަ؟ ހާދަހާ ވާ ނުބައި ނުލަފާ އިންސާނެކޭ މީ، މީހުންގެ ޅަ ދަރިންތަކެއް ހަލާކު ކޮށްފަ، އެ ކުދިން ބޮަލަށް ހުރިހާ ކަމެއް ކަނޑާލަން މި އުޅެނީކީ!

އަޒީމް

އިތުރު އަޑުއެހުންތަކެއް ބާއްވާ ވަގުތު ގެއްލުވާލުމުގެ މާބޮޑު ބޭނުމެއްނެތް، ޔާމީން އެއްފަހަރަށް ވުރެ ގިނައިން އިއުތިރާފުވެފަ ހުރިކަންކަން ތީ!