Supreme Court ah fandiyaarun ayyankurun maadhama ah agenda kohfi
image
ސުޖޫން (ކ) އަދި އަޒްމިރަލްދާ.-- ފޮޓޯ: ސަން
1 ކޮމެންޓް
 

ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އާއި ޝުޖޫން އައްޔަން ކުރަން މާދަމާގެ ޖަލްސާގައި ވޯޓަށް އަހަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެ ކޯޓަށް ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް މަދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފި އެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

އެގޮތުން އަޒްމިރަލްދާ އާއި ޝުޖޫން އެ މަގާމަށް އައްޔަން ކުރުމާއި މެދު މާދަމާގެ ޖަލްސާގައި މަޖިލީހުން ގޮތެއް ނިންމާއިރު، މަޖިލީހަށް އެ ދެ ބޭފުޅުންގެ ނަން ފޮނުއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީގެ ލަފާ ހޯއްދަވައިފަ އެވެ. އެގޮތުން މަޖިލީހަށް އެ ދެ ބޭފުޅުންގެ ނަން ފޮނުއްވީ ޖޭއެސްސީން އެކަމަށް ލަފާ ދެއްވުމުންނެވެ.

އަޒްމިރަލްދާ އާއި ޝުޖޫންގެ ނަން މަޖިލީހަށް ފޮނުވުމާއި އެކު، ދިރާސާ ކުރެއްވުމަށް އެ ދެ ބޭފުޅުންގެ ނަން ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އަދި މާދަމާ މަޖިލީހުގެ ތަޅުމުގައި އެ ބޭފުޅުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާއި މެދު ގޮތް ނިންމާއިރު، އެ ކޮމިޓީގެ އިއްތިފާގުން ވަނީ އެ ދެ ބޭފުޅުންނަށް ރުހުން ދީފަ އެވެ.

މިއީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރުމަށް ދެ އަންހެން ބޭފުޅެއްގެ ނަން، ރާއްޖޭގައި ނޮމިނޭޓް ކުރެވުނު ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.
ހިޔާލު

ނަޖްވާ

މީ ވަރަށް ފައްކާ ދެ ފަނޑިޔާރުން ވާނެ ކަމަށް ދެކެން!