Firihenunnahvure ginain anhenunnah nidhi beynunvey
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް ނިދި ބޭނުންވޭ

ނިދުމަކީ ހިތާއި ސިކުނޑި އާއި ހަށިގަނޑަށް ލިބޭ ވަރުބަލިކަން ފިލުވައި ތަބީއީ ގޮތުން އަރާމު ލިއްބައިދޭ ކަމެކެވެ. އެކި އުމުރުފުރާތަކުގެ މީހުންނަށް ނިދި ބޭނުންވާ މިންވަރު ތަފާތެވެ. ސައިންސްވެރިން ބުނާ ގޮތުން 26 އަހަރުން މަތީގެ މީހުންނަށް މަދުވެގެން އަށް ގަޑިއިރުގެ ނިދި ބޭނުންވާއިރު ފުރާވަރުގެ ކުދިންނަށް މަދުވެގެން ނުވަ ގަޑިއިރުގެ ނިދި ބޭނުންވެއެވެ.
އެކި އުމުރުފުރާތަކަށް ނިދި ބޭނުންވާ މިންވަރުގެ ފަރަގުތަކެއް ހުރި އިރު ދިރާސާތަކުން ދައްކާ ގޮތުން ފިރިހެނުންނަށް ވުރެ އަންހެނުން ވެސް ނިދި ބޭނުންވާ މިންވަރު ގިނައެވެ. އެގޮތުން އެކި ސަބަބުތަކާހުރެ ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް އިތުރަށް 20 މިނުޓު ގެ ނިދި ބޭނުންވެއެވެ.

އަންހެނުންނަށް ގިނައިން ނިދި ބޭނުންވާ އެންމެ މުހިންމު ސަބަބަކީ ފިރިހެނުންނަށް ވުރެ ގިނައިން މަސައްކަތްތައް ކުރާތީ އެވެ. ހެނދުނު ހެނދުނާ ތެދުވެ ދަރިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ކުރުމާއި، އަދި ވަޒީފާ އަށް ދިޔުމާއި މިފަދަ ކަންތައްތަކުގެ ސަބަބުން މީހާގެ ވަރުބަލިކަން ފިލުވުމަށްޓަކައި ގިނައިން އަރާމު ބޭނުންވެއެވެ. ނަފްސާނީ ގޮތުންވެސް މީހާއަށް ހަކަތަ ލިބެން ޖެހޭއިރު މަދުން ނިދި ލިބުމަކީ ހަށިގަނޑަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން ހަޔާތުގައި ދިމާވާ އެކި ކަންތައްތަކުންނާއި ސައިކޮލޮޖިކަލް ބަދަލުތަކުގެ ސަބަބުން ވެސް އަންހެނުންނަށް ގިނައިން ނިދި ބޭނުންވެއެވެ. މާ ގިނައިން ކަންތައްތަކާއި ވިސްނުމުގެ ސަބަބުން "އިންސޮމްނިއާ" ފަދަ ބަލިތައް ޖެހުމަށް މަގުފަހިވާއިރު އެފަދަ ކަންތައްތަކުން ދުރުވުމަށް ނިދި މުހިންމު ވެއެވެ.

އަންހެނުންގެ ހަށިގަނޑަށް އަންނަ ހޯމޯން ބަދަލުތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތަކެއް ބަދަލުތަކެއް އާދެއެވެ. އެފަދަ ބަދަލުތަކުގެ ސަބަބުން ގައިގައި ރިއްސުމާއި މިފަދަ ކަންތައްތައް ދިމާވާތީ އަންހެނުން ގިނައިން އަރާމު ކުރަންޖެހެއެވެ.
ސިއްހަތު
ހިޔާލު