Rilwan massalaige report haama nukuran ninmaifi
image
ރިޔާސީ ކޮމިޝަންގެ ރިޕޯޓް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަރުވަނީ-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
3 ކޮމެންޓް
 

ރިލްވާން މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ހާމަނުކުރަން ނިންމައިފި

ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓް ހާމަނުކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް މަޖިލީހުގެ 45 ވަނަ ޖަލްސާއަށް ވަނީ ރިލްވާނާއި ބެހޭ ގޮތުން ކޮމިޝަނުން އެކުލަވާލި ރިޕޯޓް އެޖެންޑާކޮށްފަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރިޕޯޓް ހާމަނުކުރުމަށް ނިންމީ އެކި ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.

"ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓަކީ އެ ނިމުނީމަ ނެރޭ ރިޕޯޓެއް. އޭގެ ސަބަބުން ދެން އެހެން ކަންކަމަށް ވެދާނެ ގޮތްތަކަކީ ކޮބައިތޯ ދެނެގަނެ ބަލާ މުތޯލިއާކޮށް ކެތްތެރިވެ ތިބުމަށްޓަކައި، އެ ރިޕޯޓެއް ހާމަނުކޮށް ތިބުމަކީ ދުނިޔޭގެ ތަންތަނުގައި ކުރާތަން އަޅުގަނޑަށް ފާހަގަވެފައި އޮތް ކަމެއް ނޫން. އެހެން ނަމަވެސް މި ރިޕޯޓާ ގުޅޭ ގޮތުން އަޅުގަނޑު ގާތުގައި ރާއްޖޭގެ ބައިވަރު އެތައް ގާނޫނީ ވަކީލުންނަކާއި އަދި މި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އެތައް މެމްބަރެއް އެބަ ފާހަގަކުރައްވާ އެބޭފުޅުންގެ ނަޒަރުގައި މިވަގުތަށް މުޅި ރިޕޯޓް ފާހަގަކުރާކަށް ނުޖެހެއޭ. އަދި ރަނގަޅެއް ނޫންކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން އަމަލު ކުރާނެ ގޮތަކާ މެދު މަޖިލީހުގެ އިދާރާގައި މަޝްވަރާ ކުރި ކަމަށެވެ. އަދި އެހެން ގައުމުތަކުގައި އެކަމާ މެދު އަމަލު ކުރާ ގޮތުގެ ދިރާސާ ކުރި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ކުރާ ގޮތަކީ އެފަދަ ކޮމިޝަނެއްގެ ރިޕޯޓް ނިމުމާއެކު ނެރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ރިޕޯޓް ނެރެނީ ރިޕޯޓް ނެރުމުގެ ސަބަބުން ކުރާނެ އަސަރުތަކަށް ބެލުމެއް ނެތި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮމިޝަންގެ ރިޕޯޓްގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރިލްވާންގެ އާއިލާއަށް ކަމަށެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން ރިޕޯޓް ހާމަވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ޑްރާފްޓް ކޮޕީއެއް މީގެ އެއް މަސް ދުވަސް ކުރިން ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި އެީ އެމަނިކުފާނު ބަލައިލަން ދިން ކޮޕީއެއް ކަމަށް ވިދާޅުވި އެވެ.

ކޮމިޓީ ރިޕޯޓުން ފާހަވި ބައެއް ކަންކަން އާދިއްތަ ދުވަހު ހާމަކުރެއްވުމަށް ފަހު ހުސްނުއްސުއޫދު ނަޝީދުއާ ބައްދަލުކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ފަރާތުން ރިޕޯޓާ މެދު އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ހުސްނުއްސުއޫދު ކައިރީ އެއްސެވި ކަމަށެވެ. ކޮމިޝަންގެ ރައީސް އެދިވަޑައިގަތީ ރިޕޯޓާ ބެހޭ ގޮތުން ބަހުސެއް ކުރިޔަށް ގެންދިޔުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމިޝަންގެ ރިޕޯޓް އެއްކޮށް މަޖިލީހުގެ ޕޯޓަލްއަށް ލުމުގެ ހުއްދަ ވެސް ހުސްނުއްސުއޫދު ދެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިފަދަ ކަންތައްތަކުގައި އެންމެ ރަނގަޅު ގޮތަކީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާކުރުން ކަމަށްވުމުން އެ ރިޕޯޓް ލީޑަރުންނަށް އެރުވި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ކޮމިޝަންގެ ރައީސް ވަނީ ރިޕޯޓް ހިއްސާ ނުކުރުމަށް އެދިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ރިޕޯޓްގެ ބަދަލުގައި މިހާރު ހިއްސާކޮށްފައި ވާނީ ރިޕޯޓްގެ ކުރު ހުލާސާއެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޕާޓީތަކުގެ ލީޑަރުންނަށް އިއްޔެ ހިއްސާ ކުރި ރިޕޯޓްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ބޭއްވި މަރު ކޮމިޝަންގެ ބައްދަލުވުމުގައި ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ގިނަ އަދަދެއްގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ކޮމިޝަންގެ ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރަހީނުކޮށްގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ.

ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށާއި އެކަމަކު، ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް މިގޮތަށް ހެކި ލިބިފައި ވިޔަސް ހެކި ބަހުގައި ފަރަގު ހުރުމުން އެއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ހިޔާލު

ކެޔޮޅު

ތިމާމީހާގެ ކަކޫ ކައިރީގައި ނުބުނާށޭ ބުނި ވާހަކަވެސް އޮތީ ބުނެފައިކަމަށް އިހުގެ ފުލޯކް ވާހަކައެއްގެ ގޮތުގައި ދައްކާ އުޅެއެވެ.

ޢެޑްމުންޑޯ

ތިރިޕޯޓްގައި ދެންނޭގޭ ވާހަކައެއް އެބައޮއްތާ

ނަންނި

މަޖިލިސް ރައީސް އިސްތިއުފާ ދެއްވަންޖެހޭކަމަށް ދެކެން.