Rilwan maraalee fuluhunge muassasaain: MP Mickail
image
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މީކާއިލް ނަސީމް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

ރިލްވާން މަރާލީ ފުލުހުންގެ މުއައްސަސާއިން ކަމަށް މެމްބަރު މީކާއިލް ވިދާޅުވެއްޖެ

ނޫސްވެރިޔާ ރިލްވާންގެ އަބްދުﷲ ގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ރިލްވާން ވަގަށް ނަގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ދައުލަތުން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންތަކެއް ރިލްވާނަށް ފާރަލަމުން ދިޔަ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންކަން ކޮމިޝަންގެ ރިޕޯޓުން ހާމަވާ ކަމަށް ވިދާޅުވި އެވެ.

ރިލްވާނަށް ހަމަލާދޭން އުޅުނު ކަމުގެ މައުލޫމާތު ހަމަ އެއަހަރުގެ ޖޫން މަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

"ރިލްވާން އަބްދުﷲ އަށެއް އޮގަސްޓްގައި ކިޑްނެޕް ކުރެވިގެން ދިޔައިރު ޖޫން 24 ގައި ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓްގައި ބަޔާން ކުރޭ، ކޮންމެވެސް ބަޔަކު ދެ މީހަކު ކިޑްނެޕް ކުރުމަށް ޓަކައި ލޯންޗެއް ތައްޔާރުކޮށް އެ ހަރަކާތް ހިނގަމުންދާކަން. އެހެން ނަމަވެސް ދިވެހިންގެ ފުލުހުންގެ މުއައްސަސާއިން މިކަން ހުއްޓުވުމަށްޓަކައި އެޅި ހަމަ އެއްވެސް ފިޔަވަޅެއް ނެތް. އަހުމަދު ރިލްވާން އަބްދުﷲ މަރާލީ ދިވެހިރާއްޖޭގެ ދައުލަތުން. އޭނާ މަރާލީ ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން. އެއީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހޭ ކަމެއް،" ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ފުލުހުންގެ އިންޓެލިޖްންސް ބޭފުޅުން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގެއަށް ގޮސް ފައިސާ ނެގި ކަމަށެވެ. އެކަމަކީ ފުލުހުން އެކަމާމެދު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

ރިލްވާންގެ ޕާސްޕޯޓް ކޮޕީ ހޯދައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރީ ވެސް ހަމަ އެބޭފުޅުން ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ރާއްޖޭގެ ދައުލަތުން ނޫސްވެރިޔަކު މަރާލާ އެކަން ފޮރުވުމަށް ކުރި މަސައްކަތް މިއަދު މިވަނީ ހާމަވެފައި ކަމަށެވެ. އެކަން ކޮމިޝަންގެ ރިޕޯޓުން ހެކިތަކާއެކު އެނގޭ ކަމަށް ގަލޮޅު ދެކުނުގެ މެމްބަރު ވިދާޅުވި އެވެ.

މެމްބަރުގެ އެދުމަކީ ރިޕޯޓާއި ހިސާބުން އެ މައްސަލަ ނުނިމި ކުރިއަށް ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެކަމުގައި ބައިވެރިވި ވިޔަފާރިތަކުގެ މައުލޫމާތު ހާމަކޮށް ބޮއިކޮޓް ކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ކުރިން ފެށިގެން ވެސް ވާހަކަދެކެވެމުން އައި "އަނދިރި ދައުލަތަކީ" ތެދެއްކަން ހާމަވެއްޖެ ކަމަށެވެ. އަދި އެކަމުގައި ފުލުހުންނާއި، ސަރުކާރާ، ޖުޑީޝަރީ އަދި ނަން މަޝްހޫރު ވިޔަފާރިތައް މަސައްކަތްކުރާކަން ކޮމިޝަންގެ ރިޕޯޓުން ހާމަވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާލު

އިހުސާނާ

ސިންދިތާއާ ޖިލްބާބާ ބިލްބާބާ މި ތަން ވޭ ބާ މި ކަމުގެ ތެރޭގަ؟ އެތާ ތިބޭނީ އެ ކަހަލަ ފާޑަކަށް ތިބޭ ބައެއް ކަމަށް ފެންނަނީ! އެހެންވީމަ، ހަމަ އަހާލީ!

އެމޫ

މި މައްސަލައާއި ގުޅުމެއްހުރި އެއްވެސް އައި.ޕީ އެއް ރިވީލް ވެއްޖެތަ...؟؟
އެބަ ޖެހޭ ކޮނެލަން... 🤔

🎩

ާއަލީ ސަލީމް

ގަލޮޅު ދެކުނަށް ހުރި ލަދެއް މީ. ހެޔޮނުވާނެ އިސްތިއުފާދީފައި ފައިބާ.

ޔޯ މޭން

ޢަޅުގަނޑު ހަދާންވަނީ އަކްޝޭގެ ހީރޮއިކް ހިންދުސްތާން ފިލްމް " ގައްބަރު އިޒް ބެކް" އާއި މީގެ ޒަމާން ތަކެއްގެ ކުރިން އަމީތާބް ގެ ފިލްމް "އަންދާ ޤާނޫނު" ގެ މަންޒަރުތައް. މިކަން ތަންފީޒީ ބާރުތަކަށް ފިލާވަޅަށް ފުދޭކަމަށް. މި ދުވަސްވަރު ހޮރުހޮރަށް ފިލަންވަންނަ ކަކުނި ގިނަވާނެ. ސަމާލުވޭ. ޢަދި ޢުފަންނުވާ ކިތަންމެ ބައްޔެއްގެ ސެޓިފިކެޓްތައް ތަޙްޤީޤަށާއި ކޯޓަށް ހުށަހެޅުމަށްޓަކައި ކަރަކަރަތަކަށް ގޮސް ހޯދައި ރަޖާ އަޅައިގެން ތިބޭ ކުދިންވެސް ވަކި މަދެއް ނުވާނެޔޭ. ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަސް އެއީ ހަމަ ތެދު ބުނުމެއް.