BREAKING: Supreme court ah Azmiralda aai Shujoon ayyankuran faaskoffi
image
އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން--
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި 62 މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ނޮޅިވަރަންފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަކިކޮޅަކަށް ވޯޓު ދެއްވަން ބޭނުމެއް ނުވިއެވެ.

އަޒްމިރަލްދާ އާއި ޝުޖޫނަށް ރުހުން ދިނުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ މިދިޔަ ހަފްތާގައެވެ. މި ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ކޮމިޓީން ނިންމީ އިންޓަވިއުކުރުމަކާ ނުލަ އެވެ.

ސުޕްރީމް ކޯޓަށް ޝުޖޫނާއި އަޒްމިރަލްދާ އައްޔަން ކުރަން އެންމެ ފުރަތަމަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ޖޭއެސްސީން ވަނީ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނިންމައި، އެކަމަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

މިއީ ރާއްޖޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އަންހެން ބޭފުޅުން އައްޔަން ކުރެވޭ ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ ދާދި ފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ދެ ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016 ގައެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015 ގައެވެ.
ހިޔާލު

ކިޔު5

ވަރަށް ހޫނު މަރުހަބާއެއް ޑރ. އަޒްމިރާލްދާ އަށް އަދި އުސްތާޒާ ޝުޖޫނަށް!