JSC gaanoonah genai islaahu thasdheegu kurumaa eku Nazeeraai Majid ge magaam gellijje
image
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު--
0 ކޮމެންޓް
 

ޖޭއެސްސީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރުމާއެކު ނަޒީރާއި މާޖިދުގެ މަގާމު ގެއްލިއްޖެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއެކު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލިއްޖެ އެވެ.
ޖޭއެސްސީގެ ގާނޫނުނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޯގަސްޓް 21 ގައެވެ. ރައީސް އޮފީހުން ބުނީ އެ ބިލު ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއެކު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.

އެ އިސްލާހާއެކު ގާނޫނަށް އައި ބަދަލުތަކުގެ ތެރޭގައި ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުފެއްދުމާއި ބެހޭ ގޮތުންނާއި، ޖުޑީޝަލް އެކެޑަމީ އާއި ބެހޭ ގޮތުންނާއި، ކޮމިޝަނުގެ ނުވަތަ ތަހްގީގު ކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތު ކުރުމުގައި ބެލޭނެ މިންގަނޑުތަކަށް ގެނެވުނު އިސްލާހުތައް ހިމެނެ އެވެ.

އެއާއެކު ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑީޖޭއޭ ބަދަލުވުމާއެކު އެނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ދަށުން މިހާރު ހިނގަމުންދާ ޑީޖޭއޭ ވަނީ އުވިފަ އެވެ. އެހެންވެ ޑީޖޭއޭގެ އެންމެ އިސް މަގާމުގައި މިހާރު ހުންނެވި ނަޒީރުގެ މަގާމު ވަނީ ގެއްލިފަ އެވެ.

ގާނޫނުގެ ދަށުން އާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު ލިބެނީ ޖޭއެސްސީ އަށެވެ.

އަދި ޖުޑިޝަލް އެކެޑެމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކެޑެމީގެ ވަސީލަތްތަކާއި، މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް މިހާރު ވަނީ ޑީޖޭއޭގެ ދަށަށް ބަދަލުވެފަ އެވެ. ޖުޑީޝަލް އެކެޑެމީގެ އެންމެ އިސް ފަރާތަކަށް ވާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ.

މިހާރު އެ މަގާމުގައި ހުރި މާޖިދުގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ. ގާނޫނުގައިވާ ގޮތުން އެ މަގާމަށް އާ ބޭފުޅަކު ކަނޑައަޅަން ޖެހޭނެ އެވެ.

އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހެއްގެ އުމުރު 25 އަހަރުން 30 އަހަރަށް ވަނީ މަތިވެފަ އެވެ. އަދި ވަކީލަކަށް ޖޭއެސްސީގެ މެމްބަރަކަށް ވެވޭނީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ މީހަކަށެވެ.
ހިޔާލު