Rilwan massalaige report ga vaa kan kamaa gulhigen gaanoonee fiyavalhu alhaanan: Raees Solih
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ޖެޓީ އިމޭޖަޒް/ އަހްމަދު ޝުރާއު
0 ކޮމެންޓް
 

ރިލްވާން މައްސަލައިގެ ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނަން: ރައީސް ސޯލިހް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވާ ކަންތައްތަކާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޓްވިޓާ މެދުވެރިކޮށް މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ރައީސް ވިދާޅުވީ އެފަދަ ކޮމިޝަނެއް އުފެއްދުމުގެ ބޭނުމަކީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަށް ވީ ގޮތެއް ހޯދާ އެކަން ކުރި މީހުން އިންސާފުގެ ކުރި މައްޗަށް ގެނެސް، އެފަދަ ކަމެއް "މުޖުތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން" ކަމަށެވެ.

"ކޮމިޝަނުގެ ދެވަނަ ޑްރާފްޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" ރައީސްގެ ބަޔާނުގައި ވެއެވެ.



ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު އާއްމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އޯގަސްޓް 8، 2014 ވަނަ ދުވަހު ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއެއްގައި ގެންގޮސް، ކަނޑު އުޅަނދަކަށް އަރުވައި، މަރާލާފަ އެވެ. އެކަމަކު މަރާލި ގޮތާ މެދު ހެކިބަހުގައި ތަފާތުތަކެއް އެބަ ހުއްޓެވެ.

ހަރުކަށި ފިކުރުގެ މީހުން ރިލްވާނަށް އަމާޒު ކުރީ އޭނާއަކީ ދީން ގަބޫލު ކުރާ މީހެއް ނޫން ކަމަށާއި، ސީރިއާއަށްދާ ދިވެހިންނާއި، އެ ފަރާތްތަކާ ގުޅިފައިވާ ރާއްޖޭގެ ޖަމާއަތްތަކުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭ ކަމަށް ރިލްވާނަށް ތުހުމަތު ކުރުމަށް ފަހުގަ އެވެ.



ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައ ބައެއް ފަރާތްތަކުގެ ނަން އާއްމުކޮށްފަ އެވެ. ކޮމިޝަނުން އެދުވަހު ވަނީ އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދިފަ އެވެ. މިއަދު ހާމަވި ގޮތުގައި 14 މީހަކަށް ރާއްޖެއިން ނުފުރޭނެހެން ވަނީ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.



އޭގެ އިތުރުން އެ ރިޕޯޓުގައި ވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ފަންޑު ކުރާ ވިޔަފާރިތައް ވެސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ވަނީ ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތް ކޮށްފަ އެވެ.

އެކަން ކުރަން އުޅުނީ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ލައްވަ އެވެ. އޭގެ އިތުރުން ރިލްވާން ރަހީނު ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކުރުމަށް ފަނޑިޔާރަކަށް އިރުޝާދު ދިން ކަމަށް ބެލެވޭ މެސެޖެއް ވެސް ކޮމިޝަނަށް ފާހަގަވެފައި ވެއެވެ.

އެހެންވެ، ކޮމިޝަނުން ބުނެފައި ވަނީ އަދީބާއި، ދެ ފުލުސް އޮފިސަރުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަ ހުރި ކަމަށެވެ. އެކަމަކު އޭރު ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން، ފަންޑިތަވެރިންނާއި ކާހިނުންގެ އެހީއާއެކު ތަހުގީގު "ޑައިވާޓް" ކުރަން މަސައްކަތް ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރެވޭ އިރު، ޔާމީނާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

ސުއޫދު ވިދާޅުވީ ރިލްވާން ގެއްލުވާލުމާއި ޔާމީނާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.

ކޮމިޝަނުގެ ތަހުގީގީ ރިޕޯޓު އިއްޔެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އެރުވުމުން، ނަޝީދު ވަނީ އެ ރިޕޯޓު ޕީޖީ ލީޑަރުންނާ ހިއްސާކޮށްފަ އެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ރިޕޯޓު ހިއްސާ ކުރިއިރު، ސިއްރު ހެކިންގެ މައުލޫމާތު ހާމަވެފައި ހުރުމުން ރިޕޯޓު ވަނީ ފަހުން އަތުލާފަ އެވެ. އެކަމަކު ރިޕޯޓުގެ ހުލާސާއެއް މަޖިލީހުގެ ވެބްސައިޓުގައި ވެއެވެ.

ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ ރިޕޯޓު ހާމަ ނުކުރަން ނިންމީ އެކި ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.



"ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓަކީ އެ ނިމުނީމަ ނެރޭ ރިޕޯޓެއް. އޭގެ ސަބަބުން ދެން އެހެން ކަންކަމަށް ވެދާނެ ގޮތްތަކަކީ ކޮބައިތޯ ދެނެގަނެ ބަލާ މުތޯލިއާކޮށް ކެތްތެރިވެ ތިބުމަށްޓަކައި، އެ ރިޕޯޓެއް ހާމަނުކޮށް ތިބުމަކީ ދުނިޔޭގެ ތަންތަނުގައި ކުރާތަން އަޅުގަނޑަށް ފާހަގަވެފައި އޮތް ކަމެއް ނޫން. އެހެން ނަމަވެސް މި ރިޕޯޓާ ގުޅޭ ގޮތުން އަޅުގަނޑު ގާތުގައި ރާއްޖޭގެ ބައިވަރު އެތައް ގާނޫނީ ވަކީލުންނަކާއި އަދި މި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އެތައް މެމްބަރެއް އެބަ ފާހަގަކުރައްވާ އެބޭފުޅުންގެ ނަޒަރުގައި މިވަގުތަށް މުޅި ރިޕޯޓް ފާހަގަކުރާކަށް ނުޖެހެއޭ. އަދި ރަނގަޅެއް ނޫންކަން،" ނަޝީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ކުރާ ގޮތަކީ އެފަދަ ކޮމިޝަނެއްގެ ރިޕޯޓް ނިމުމާއެކު ނެރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ރިޕޯޓް ނެރެނީ ރިޕޯޓް ނެރުމުގެ ސަބަބުން ކުރާނެ އަސަރުތަކަށް ބެލުމެއް ނެތި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ޑްރާފްޓް ކޮޕީއެއް މީގެ އެއް މަސް ދުވަސް ކުރިން ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި އެއީ އެމަނިކުފާނު ބަލައިލަން ދިން ކޮޕީއެއް ކަމަށް ވިދާޅުވި އެވެ.

ކޮމިޓީ ރިޕޯޓުން ފާހަވި ބައެއް ކަންކަން އާދިއްތަ ދުވަހު ހާމަކުރެއްވުމަށް ފަހު ހުސްނުއްސުއޫދު ނަޝީދުއާ ބައްދަލުކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ފަރާތުން ރިޕޯޓާ މެދު އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ހުސްނުއްސުއޫދު ކައިރީ އެއްސެވި ކަމަށެވެ. ކޮމިޝަންގެ ރައީސް އެދިވަޑައިގަތީ ރިޕޯޓާ ބެހޭ ގޮތުން ބަހުސެއް ކުރިޔަށް ގެންދިޔުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމިޝަންގެ ރިޕޯޓް އެއްކޮށް މަޖިލީހުގެ ޕޯޓަލްއަށް ލުމުގެ ހުއްދަ ވެސް ހުސްނުއްސުއޫދު ދެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިފަދަ ކަންތައްތަކުގައި އެންމެ ރަނގަޅު ގޮތަކީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާކުރުން ކަމަށްވުމުން އެ ރިޕޯޓް ލީޑަރުންނަށް އެރުވި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ކޮމިޝަންގެ ރައީސް ވަނީ ރިޕޯޓް ހިއްސާ ނުކުރުމަށް އެދިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ރިޕޯޓްގެ ބަދަލުގައި މިހާރު ހިއްސާކޮށްފައި ވާނީ ރިޕޯޓްގެ ކުރު ހުލާސާއެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޕާޓީތަކުގެ ލީޑަރުންނަށް އިއްޔެ ހިއްސާ ކުރި ރިޕޯޓްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ހިޔާލު