Dhathuruveringe market ge viyafaarithah hingaane jaagaeh nethifa!
image
ދަތުރުވެރިންގެ މާރުކޭޓު ބަންދުކޮށްފައި-- ފޮޓޯ: ފޭސްކުބް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިތައް ހިންގާނެ ޖާގައެއް ނެތިފައި!

ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމަށް އެތަން މިހަފްތާގައި ބަންދު ކުރިއިރު، އެތަނުގައި ގޮޅިތައް ހިންގި މީހުންނަށް ވިޔަފާރި ކުރާނެ އެހެން ޖާގައެއް އަދިވެސް ހަމައެއް ނުޖެހެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ދަތުރުވެރިންގެ މާރުކޭޓް ހުސްކުރަން ފެށީ މަރާމާތުގެ މަސައްކަތަކަށެވެ. މާލެ ސިޓީ ކައުންސިލުން ވަނީ އެތަނުގައި ހުރި ގޮޅިތައް ހުސް ކުރުމަށް 30 ދުވަސް ދީފަ އެވެ.

ސިޓީ ކައުންސިލުގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ސީއެންއެމަށް ވިދާޅުވީ އެތަނުގައި ގޮޅިތައް ހިންގި މީހުންނަށް ވިޔަފާރި ކުރާނެ އެހެން ތަނެއް ކަނޑައެޅިފައި ނުވަނީ ކައުންސިލް ބައްދަލުވުމުގެ ކޯރަމް ހަމަ ނުވާތީ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރުމުގެ މައްސަލާގައި އެތަނުގައި ވިޔަފާރި ކުރާ ގިނަ ބަޔަކު ވަނީ އެމީހުން ވިޔަފާރި ކުރާނެ އިތުރު ތަނެއް ދައްކާފައި ނުވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ގޮޅިތަކުގެ ވެރިން މާރުކޭޓު ބޭރުގައި ތިބެ އާދީއްތަ ދުވަހު ޝުއޫރު ފާޅުކުރަމުން ބުނީ މަސައްކަތް ކުރާނެ ވަގުތީ ތަނެއް ދައްކާނެ ކަމަށް ބުނެ މާރުކޭޓު ބަންދުކޮށްފައިވީ ނަމަވެސް ތަނެއް ދައްކާފައި ނުވާ ކަމަށެވެ.

"އަހަރުމެން ގިނަ މީހުން ބޭނުންވަނީ ޓެންޓު ޖަހާ ދީފަ ނަމަވެސް ތަނެއް ދައްކައިދޭން. ސިޓީ ކައުންސިލުގައި އެދުނިން ތަނެއް ދައްކަ ދޭން. އަދި އެކަމަށް އާއެކޭ ނުބުނޭ،" އެތަނުގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔަ މީހަކު ސީއެންއެމް އަށް ބުންޏެވެ.

ޝުއޫރު ފާޅުކުރަމުން ދިޔަ އެހެން މީހަކު ބުނީ މާރުކޭޓުގެ މަރާމާތުގެ މަސައްކަތް ނިމެން 45 ދުވަސް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށާއި އިތުރު ތަނެއް ނުދައްކައިފިނަމަ އެއީ އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ސިޓީ ކައުންސިލުން ކުރިން ބުނީ މާރުކޭޓުގައި ގަވާއިދާއި އެއްގޮތަށް ވިޔަފާރި ހިންގާ ފަރާތްތަކަށް ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވަންދެން ލޯކަލް މާރުކޭޓުގެ ބޭރުގައި ޓެންޓު ޖަހައިގެން ވިޔަފާރި ހިންގޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

ނަމަވެސް ލޯކަލް މާރުކޭޓުގެ ބޭރުގައި މިއަދާ ހަމައަށް ވެސް ޓެންޓު ޖެހިފައި ނެތީ އަޑި ޕާކު ސަރަހައްދުގައި އެއް ޓެންޓު ބޭނުން ކުރަމުން ދާތީ އާއި ދެން ހުރި ޓެންޓު މަރާމާތު ކުރަންޖެހިފައި ވާތީ ކަމަށް މިއަދު ކައުންސިލް މެމްބަރު ފަޒީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރުކޭޓު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިގެން ދާނެ ކަމަށެވެ. މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ މާރުކޭޓު މަރާމާތުކޮށް ނިމުމުން ގޮޅިތަކުގެ އަދަދު މަދުވާނެ އެވެ. އެގޮތުން އެތަނުގައި ހުންނާނީ ޖާގަބޮޑު 63 ގޮޅި ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު 160 ގޮޅި ހުރެ އެވެ. އެތަނުގެ 50 ގޮޅިއެއް ދިވެހިން ހިންގަމުން އަންނައިރު 53 ގޮޅިއެއް ހިންގަނީ ބިދޭސީންނެވެ.
ހިޔާލު