Rilwan massalaiga himeney meehun hayyaru kuraane kamuge yageenkan aailaa ah dheefi
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރިލްވާންގެ ދައްތަ އާއި މަންމައާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި ހިމެނޭ މީހުން ހައްޔަރު ކުރާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ދެއްވައިފި

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ހިމެނޭ މީހުން ހައްޔަރުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރިލްވާންގެ އާއިލާއަށް ދެއްވައިފި އެވެ.
މިއަދު ހެނދުނު އިމްރާނާއި ހަމީދު ވަނީ ރިލްވާން ގެ އާއިލާއާ ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުވުމުގައި ރިލްވާންގެ އާއިލާގެ ފަރާތުން ބައިވެރިވީ ރިލްވާންގެ ދައްތަ އާއި މަންމަ އެވެ.

ރިލްވާންގެ ދައްތަ ޝެހެނާޒް އަދުނާން މިއަދު ސީއެންއެމަށް ވިދާޅުވީ ރިލްވާންގެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ހިފައި ހައްޔަރުކޮށް، އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ދެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރިން. ދެން ޔަގީންކަން ދެއްވި މިކަމުގައި ޝާމިލްވާ އެންމެން ހިފާ ހައްޔަރު ކުރާނެ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށް. އެ ޔަގީންކަން އަރުވަންވެގެން ބައްދަލުކުރީ،" ޝެހެނާޒް ވިދާޅުވި އެވެ.

ފުލުހުން ބުނީ ރިލްވާން މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކުރުމަށް ޕޮލިސް ކޮމިޝަނަރު ރަސްމީކޮށް މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު އާއްމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އޯގަސްޓް 8، 2014 ވަނަ ދުވަހު ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއެއްގައި ގެންގޮސް، ކަނޑު އުޅަނދަކަށް އަރުވައި، މަރާލާފަ އެވެ. އެކަމަކު މަރާލި ގޮތާ މެދު ހެކިބަހުގައި ތަފާތުތަކެއް އެބަ ހުއްޓެވެ.

ހަރުކަށި ފިކުރުގެ މީހުން ރިލްވާނަށް އަމާޒު ކުރީ އޭނާއަކީ ދީން ގަބޫލު ކުރާ މީހެއް ނޫން ކަމަށާއި، ސީރިއާއަށްދާ ދިވެހިންނާއި، އެ ފަރާތްތަކާ ގުޅިފައިވާ ރާއްޖޭގެ ޖަމާއަތްތަކުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭ ކަމަށް ރިލްވާނަށް ތުހުމަތު ކުރުމަށް ފަހުގަ އެވެ.

ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައ ބައެއް ފަރާތްތަކުގެ ނަން އާއްމުކޮށްފަ އެވެ. ކޮމިޝަނުން އެދުވަހު ވަނީ އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދިފަ އެވެ. އިއްޔެ ހާމަވި ގޮތުގައި 14 މީހަކަށް ރާއްޖެއިން ނުފުރޭނެހެން ވަނީ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.

އޭގެ އިތުރުން އެ ރިޕޯޓުގައި ވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ފަންޑު ކުރާ ވިޔަފާރިތައް ވެސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ވަނީ ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތް ކޮށްފަ އެވެ.

އެކަން ކުރަން އުޅުނީ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ލައްވަ އެވެ. އޭގެ އިތުރުން ރިލްވާން ރަހީނު ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކުރުމަށް ފަނޑިޔާރަކަށް އިރުޝާދު ދިން ކަމަށް ބެލެވޭ މެސެޖެއް ވެސް ކޮމިޝަނަށް ފާހަގަވެފައި ވެއެވެ.

އެހެންވެ، ކޮމިޝަނުން ބުނެފައި ވަނީ އަދީބާއި، ދެ ފުލުސް އޮފިސަރުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަ ހުރި ކަމަށެވެ. އެކަމަކު އޭރު ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން، ފަންޑިތަވެރިންނާއި ކާހިނުންގެ އެހީއާއެކު ތަހުގީގު "ޑައިވާޓް" ކުރަން މަސައްކަތް ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރެވޭ އިރު، ޔާމީނާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

ސުއޫދު ވިދާޅުވީ ރިލްވާން ގެއްލުވާލުމާއި ޔާމީނާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވާ ކަންތައްތަކާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

ޓްވިޓާ މެދުވެރިކޮށް މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ރައީސް ވިދާޅުވީ އެފަދަ ކޮމިޝަނެއް އުފެއްދުމުގެ ބޭނުމަކީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަށް ވީ ގޮތެއް ހޯދާ އެކަން ކުރި މީހުން އިންސާފުގެ ކުރި މައްޗަށް ގެނެސް، އެފަދަ ކަމެއް "މުޖުތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން" ކަމަށެވެ.

"ކޮމިޝަނުގެ ދެވަނަ ޑްރާފްޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" ރައީސްގެ ބަޔާނުގައި ވެއެވެ.ކޮމިޝަނުގެ ރައީސް ސުއޫދު މިއަދު ވިދާޅުވީ އެކަމުގައި ޝާމިލުވާ މީހުންނާ ދެކޮޅަށް ދައުވާ އުފުލުމަށް ރިޔާސީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު