Mihaaruge fulus ofeehun vanee commission ah mauloomaathu nudhee hifahattaafa: Nasheed
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
2 ކޮމެންޓް
 

މިހާރުގެ ފުލުސް އޮފީހުން ވަނީ ކޮމިޝަނަށް މައުލޫމާތު ނުދީ ހިފަހައްޓާފައި: ނަޝީދު

ރިލްވާންގެ މައްސަލާގައި މިހާރު ފުލުސް އޮފީހުން ރިޔާސީ ކޮމިޝަނަށް މައުލޫމާތު ނުދީ ހިފަހައްޓާފައިވާ ކަމަށާއި އެކަން އެނގެނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ހިއްސާ ކުރުމަށް ފަހު، އަތުލި ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައި އެހެން ބުނެފައި ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
އިއްޔެ ވެސް ނަޝީދު ވަނީ އެހެން ވިދާޅުވެފަ އެވެ. އެކަމަކު އެއާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މިއަދު ވަނީ ކޮމިޝަނަށް ހުރިހާ މައުލޫމާތެއް ލިބުނީ ފުލުހުންގެ ތަހުގީގުން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފުލުހުންގެ މުއައްސަސާ ދިފާއު ކުރައްވާފަ އެވެ.

"ރައީސް އުފެއްދެވި ކޮމިޝަނުން މަސައްކަތެއް ކޮށްފައި ނެތެކޭ ނުބުނަން. ނަމަވެސް ޖުމްލަ ގޮތެއްގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދީގެން ހުރިހާ ކަމެއް ކުރެވިފައި ވަނީ،" ގާސިމް ވިދާޅުވި އެވެ.

"އޭރުގައި ކަމެއް ގޯސްފައި ނެތެކޭ އަޅުގަނޑު ނުދަންނަވަން. އެކަމަކު، އެއީ މިއަދުގެ ފުލުހުންގެ ބޮލުގައި އަޅުވަން ޖެހޭ މައްސަލައެއް ކަމުގައި ނުދެކެން،" ގާސިމް ވިދާޅުވި އެވެ.

އެކަމަކު ކޮމިޝަނުގެ ރިޕޯޓަށް ރިއާޔަތް ކުރައްވާ ނަޝީދު އިއްޔެ ވިދާޅުވީ މިހާރު އޮތް ފުލުސް އޮފީހާއި ކޯޓުތަކުން މި މައްސަލާގައި ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިހާރުގެ ފުލުސް އޮފީހުން، މިހާރު، މިއަދުގެ ފުލުސް އޮފީހުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި، 50 ވަނަ ނުކުތާއަށް ބައްލަވާ، ކޮމިޝަނުގެ ފަރާތުން މައުލޫމާތަށް އެދުނީމާ މައުލޫމާދު ނުދޭ ކަމަށް. އަދި މި ރިޕޯޓުގައި އެބަ ބުނޭ އިންޓެލިޖެންސް ބޭފުޅުންނާއި ފުލުސްގެ އިސް އޮފިޝަލުން އެކަމަށް ޒިންމާވެވަޑައިގަންނަވަން ޖެހޭނެ ކަމަށް. އެހެންވީމާ ކޮމިޝަނުގެ ރައީސް ދެކިވަޑާއިގަންނަވަނީއޭ ދެން އިތުރަށް [ރިޕޯޓު] ބާއްވައިގެން ފުލުހުން މިކަމަށް ކޮށްދޭނެ ތަހުގީގެއް ނެތޭ. އަދި މި ރިޕޯޓުގައި އެބަ ބުނޭ ފުލުސް އޮފީހުގައި ތާއަބަދަށް ފެށުނީއްސުރެ މި މައުލޫމާތު އޮތޭ. ލިބިފައޭ އޮތީ. ކުރީގެ ހޯމް މިނިސްޓަރު ވެސް ވަރަށް ސާފުކޮށް ވިދާޅުވި މި ހުރިހާ މައުލޫމާތެއް ހުއްޓޭ. އެހެން ނަމަވެސް އެބޭފުޅުން އެ މައްޗަށް އަމަލު ނުކުރެއްވީއޭ،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.

މިއަދު ނަޝީދު މަޖިލީހުގައި ވިދާޅުވީ ހުލާސާ ރިޕޯޓުގެ 50 ވަނަ ނުކުތާ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި، ރަނގަޅު ގޮތަކީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ހިއްސާކުރި ރިޕޯޓުގެ 19 ވަނަ ނުކުތާ ކަމަށެވެ.

"އެއާއެކު އަޅުގަނޑު ފާހަގަކުރިން މި ރިޕޯޓުގައި މިހާރުގެ ފުލުސް އޮފީހުން ކޮމިޝަނަށް މައުލޫމާތު ނުދޭ ކަމަށް ފާހަގަކޮށްފައި އެބަ އޮތޭ. އަޅުގަނޑު އިއްޔެގަ ދެންނެވީ އެއީ ހުލާސާ ރިޕޯޓުގެ 50 ވަނަ ނުކުތާއޭ. ރަނގަޅު ގޮތަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދީފައިވާ ރިޕޯޓުގެ 19 ވަނަ ނުކުތާ،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އޭގައިވާ އެއްޗެއް އަޅުގަނޑު ދަންނަވާލާނަން. ހަމަ ގައިމު ވެސް އޭތި މިއޮތީ ލީކު ނުވެ،" އެ ނުކުތާއަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ހިއްސާކުރެއްވުމަށް ފަހު، ފަހުން އަތުލި ރިޕޯޓުގެ ބަޔެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

"މި މައްސަލާގައި އިސްމާއިލް ހިއްލަތު ރަޝީދަށް ހަމަލާދިން ކަމަށް ޝައްކު ކުރެވުނު މީހުންގެ ތެރޭގައި މަތީގައި ހިމަނާފައިވާ ލިސްޓުގައި ޖަމާއަތުގައި ހިމެނޭ، ބޭފުޅެއްގެ ނަމެއް، އަނެއްކާވެސް ބޭފުޅެއްގެ ނަމެއް، އަނެއްކާވެސް އެހެން ބޭފުޅެއްގެ ނަމެއް، މި ހުރިހާ ބޭފުޅުންގެ ނަން ހިމެނޭކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެލްސީ 2012/08493 މައްސަލައިގެ ކޭސް ޑައިރީއިން އިނގެއޭ.، ކޮމިޝަނަށް. މި ކޮމިޝަނަށް ލިބިފައި ވަނީ މި މައްސަލައިގެ ކޭސް ޑަޔަރީގެ ބަޔެކޭ. އަނެއް ބައި ލިބިފަކައެއް ނުވެއޭ،" އެ ނުކުތާގައި އޮތް އެއްޗެއް ނަޝީދު ހާމަކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ކޮމިޝަނުން އެމަނިކުފާނަށް ދެއްވި ރިޕޯޓު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ހިއްސާ ކުރެއްވުމުން، އޭގެ ސިއްރު އެބޭފުޅުން ހިފަހައްޓަފާނެ ކަމާ މެދު ބަހުސް ކުރަމުންދާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެބޭފުޅުން ސިއްރު ހިފަހައްޓާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެފަދަ ސިއްރު ހިފަހައްޓަން ޖެހޭ އެއްޗެއް ހާމަކޮށްގެން އެމަނިކުފާނު ނުހުންނަވާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު އާއްމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އޯގަސްޓް 8، 2014 ވަނަ ދުވަހު ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއެއްގައި ގެންގޮސް، ކަނޑު އުޅަނދަކަށް އަރުވައި، މަރާލާފަ އެވެ. އެކަމަކު މަރާލި ގޮތާ މެދު ހެކިބަހުގައި ތަފާތުތަކެއް އެބަ ހުއްޓެވެ.

ހަރުކަށި ފިކުރުގެ މީހުން ރިލްވާނަށް އަމާޒު ކުރީ އޭނާއަކީ ދީން ގަބޫލު ކުރާ މީހެއް ނޫން ކަމަށާއި، ސީރިއާއަށްދާ ދިވެހިންނާއި، އެ ފަރާތްތަކާ ގުޅިފައިވާ ރާއްޖޭގެ ޖަމާއަތްތަކުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭ ކަމަށް ރިލްވާނަށް ތުހުމަތު ކުރުމަށް ފަހުގަ އެވެ.

ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައި ބައެއް ފަރާތްތަކުގެ ނަން އާއްމުކޮށްފަ ވެއެވެ. ކޮމިޝަނުން އެދުވަހު ވަނީ އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދިފަ އެވެ. އިއްޔެ ހާމަވި ގޮތުގައި 14 މީހަކަށް ރާއްޖެއިން ނުފުރޭނެހެން ވަނީ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.

އޭގެ އިތުރުން އެ ރިޕޯޓުގައި ވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ފަންޑު ކުރާ ވިޔަފާރިތައް ވެސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ވަނީ ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތް ކޮށްފަ އެވެ.

އެކަން ކުރަން އުޅުނީ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ލައްވަ އެވެ. އޭގެ އިތުރުން ރިލްވާން ރަހީނު ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކުރުމަށް ފަނޑިޔާރަކަށް އިރުޝާދު ދިން ކަމަށް ބެލެވޭ މެސެޖެއް ވެސް ކޮމިޝަނަށް ފާހަގަވެފައި ވެއެވެ.

އެހެންވެ، ކޮމިޝަނުން ބުނެފައި ވަނީ އަދީބާއި، ދެ ފުލުސް އޮފިސަރުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަ ހުރި ކަމަށެވެ. އެކަމަކު އޭރު ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން، ފަންޑިތަވެރިންނާއި ކާހިނުންގެ އެހީއާއެކު ތަހުގީގު "ޑައިވާޓް" ކުރަން މަސައްކަތް ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރެވޭ އިރު، ޔާމީނާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

ސުއޫދު ވިދާޅުވީ ރިލްވާން ގެއްލުވާލުމާއި ޔާމީނާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވާ ކަންތައްތަކާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވަނީ ރިލްވާންގެ އާއިލާއާ ބައްދަލުކުރައްވާ އެކަމުގައި ޝާމިލުވާ އެންމެން ހިފާ ހައްޔަރު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އޭގެ އިތުރުން ވެސް ފުލުހުން ބުނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ކޮމިޝަނަރު ރަސްމީކޮށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ހިޔާލު

ކޮލެޖު ބޯއި

އޭރުގައި ކަމެއް ގޯސްފައި ނެތެކޭ އަޅުގަނޑު ނުދަންނަވަން. އެކަމަކު، އެއީ މިއަދުގެ ފުލުހުންގެ ބޮލުގައި އަޅުވަން ޖެހޭ މައްސަލައެއް ކަމުގައި ނުދެކެން،" ގާސިމް ވިދާޅުވި އެވެ.
މިއަދުގެ ޕޮލިސްތެރޭގަ ތިބީ ހަމަ އެމީހުން. ގާސިމުވެސް ސިޔާސީ ފައިދާ ނަގަން އޮޅުވާނެ ކަމެއް ނެތް

ކާފަ

ސޫދު ފޮތް ޗާޕުކުރާ ބައެއް ހިންނަނީއުތަ