Raajjeyga oiy andhiri dhaulaiy luhelah jehey: MP Eva
image
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ރާއްޖޭގައި އޮތް އަނދިރި ދައުލަތް ލުހެލަން ޖެހޭ: އީވާ

ބޭނުންވާ ކޮންމެ ބަދަލެއް ގެނެސްގެން ނަމަވެސް، ރާއްޖޭގައި މިހާރު އޮތް "އަނދިރި ދައުލަތް" ލުހެލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރިލްވާން މައްސަލާގައި ރިޔާސީ ކޮމިޝަނުން ހާމަކުރި މައުލޫމާތާއި، ނެރުނު ރިޕޯޓުގެ ހުލާސާއާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަމުން އީވާ މިއަދު ވިދާޅުވީ މިއީ "ކޮއްޓާލަ ކޮއްޓާލާ" ތިބެވޭނެ މައްސަލައެއް ނޫން ކަމަށާއި، ވަގުތުން ވަގުތަށް މިކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"އަބްދުﷲ ރިލްވާން މަރާލީ ދިވެހި ދައުލަތުން ރާވައިގެން ހިންގި ކަމެކޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތް،" އީވާ ވިދާޅުވި އެވެ.

އެގޮތުން ރިލްވާނަށް ފާރަލީ ދިވެހި ފުލުހުން ކަމަށާއި، ރިލްވާން މަރާލި މީހުން ސަލާމަތް ކުރަން ޕާސްޕޯޓު ހަދައި ދިނީ ދިވެހި އިމިގްރޭޝަން ކަމަށާއި، އެކަމަށް ފައިސާ ދިނީ ރަށްތަކުގައި ތިބި ދިވެހި ވިޔަފާރިވެރިންތަކެއް ކަމަށް ރިޕޯޓުން އެނގޭކަން އީވާ ފާހަގަކުރެއްވި އެވެ.

"އަޑީގައިވާ، އަނދިރި، ބާރުގަދަ، ވަރުގަދަ ދައުލަތެއް މިހާރު ދިވެހިރާއްޖޭގައި މި އޮތް ދައުލަތުގައި ވަކި ހިއްޕާލާފައިވާ ކަމާ ދޭތެރޭގައި އަޅުގަނޑުމެން ޝައްކު ކުރެވޭނެ ދެން އިތުރު އެއްވެސް ޖާގައެއް ނެތް،" އީވާ ވިދާޅުވި އެވެ.

"މި ލުހެލަން އެބަ ޖެހޭ. މުޅި ފުލުސް އޮފީސް، މުޅި އިނެޓެލިޖެންސް ޑިޕާޓްމަންޓު ލުހެލައިގެން ނަމަވެސް ދިވެހި ދައުލަތް މިކަމުގެ ތެރެއިން އެބަ ސަލާމަތް ކުރަން ޖެހޭ،" އޭނާ ތަކުރާރު ކުރެއްވި އެވެ.

އޭގެ އިތުރުން ވެސް އީވާ ވަނީ މިކަން ކުރި މީހުން އިނގޭއިރު، އެމީހުން ސަލާމަތުން ދޫވެފައި ތިބީތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މިކަން ކުރި މީހުން އެބަ އިނގޭ. އިނގޭއިރު އެމީހުންގެ ވިޔަފާރިތައް އަދިވެސް އެބަ ހިނގާ. އެމީހުންގެ ފޮތި ފިހާރަތަކާއި އެމީހުންގެ އޮޑިދޯނިފަހަރުތަކާއި، އެމީހުންގެ ޖިމްތަކާއި އެމީހުންގެ ރެސްޓޯރަންޓުތަކާ އެބަ ހިނގާ،" އޭނާ ވިދާޅުވި އެވެ.

ޕާށްޕޯޓު ހިފެހެއްޓުމަކީ ރަނގަޅު ކަމެއް ކަމަށާއި، އެކަމަކު ރިޕޯޓު ހާމަ ކުރިއިރު، މިފަދަ ނުރައްކާތެރި ބަޔަކު ތިބެން ވާނީ "ޓެގު އެޅުވިފައި މުޖުތަމައުގެ ނުރައްކަލަކަށް ނުވާވަރު ކުރެވިފައި ކަމަށް" އީވާ ވިދާޅުވި އެވެ.

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ހިމެނޭ މީހުން ހައްޔަރުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވަނީ ރިލްވާންގެ އާއިލާއަށް ދެއްވާފަ އެވެ.

ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު އާއްމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އޯގަސްޓް 8، 2014 ވަނަ ދުވަހު ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއެއްގައި ގެންގޮސް، ކަނޑު އުޅަނދަކަށް އަރުވައި، މަރާލާފަ އެވެ. އެކަމަކު މަރާލި ގޮތާ މެދު ހެކިބަހުގައި ތަފާތުތަކެއް އެބަ ހުއްޓެވެ.

ހަރުކަށި ފިކުރުގެ މީހުން ރިލްވާނަށް އަމާޒު ކުރީ އޭނާއަކީ ދީން ގަބޫލު ކުރާ މީހެއް ނޫން ކަމަށާއި، ސީރިއާއަށްދާ ދިވެހިންނާއި، އެ ފަރާތްތަކާ ގުޅިފައިވާ ރާއްޖޭގެ ޖަމާއަތްތަކުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭ ކަމަށް ރިލްވާނަށް ތުހުމަތު ކުރުމަށް ފަހުގަ އެވެ.

ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައ ބައެއް ފަރާތްތަކުގެ ނަން އާއްމުކޮށްފަ އެވެ. ކޮމިޝަނުން އެދުވަހު ވަނީ އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދިފަ އެވެ. އިއްޔެ ހާމަވި ގޮތުގައި 14 މީހަކަށް ރާއްޖެއިން ނުފުރޭނެހެން ވަނީ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.

އޭގެ އިތުރުން އެ ރިޕޯޓުގައި ވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ފަންޑު ކުރާ ވިޔަފާރިތައް ވެސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ވަނީ ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތް ކޮށްފަ އެވެ.

އެކަން ކުރަން އުޅުނީ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ލައްވަ އެވެ. އޭގެ އިތުރުން ރިލްވާން ރަހީނު ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކުރުމަށް ފަނޑިޔާރަކަށް އިރުޝާދު ދިން ކަމަށް ބެލެވޭ މެސެޖެއް ވެސް ކޮމިޝަނަށް ފާހަގަވެފައި ވެއެވެ.

އެހެންވެ، ކޮމިޝަނުން ބުނެފައި ވަނީ އަދީބާއި، ދެ ފުލުސް އޮފިސަރުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަ ހުރި ކަމަށެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވާ ކަންތައްތަކާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.
ހިޔާލު