REPORT: Addu gai vazeefaa eh neiy, vazeefaa libeyne mageh ves neiy!
image
އައްޑޫ ސިޓީ-- ފޮޓޯ: ރާއްޖެއެމްވީ
ފާތުމަތު ނަޒުފާ އިރުޝާދު
5 ކޮމެންޓް
 

އައްޑޫގައި ވަޒީފާއެއް ނެތް، ވަޒީފާ ލިބޭނެ މަގެއް ވެސް ނެތް!

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފެންވަރު ރަނގަޅު ހިދުމަތްތަކާއި، ވަކިން ހާއްސަކޮށް ވަޒީފާގެ ފުރުސަތުތައް ގިނައިން ފަހިވެފައި އޮންނަނީ މައި ރަށުގައެވެ. ސާނަވީ ނުވަތަ މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުމަށްފަހު ވަޒީފާއެއް ހޯދަން އަވަސްވެގަންނަ އިރު އަމިއްލަ ރަށުގައި ވަޒީފާއެއް ނެތުމުން މާލެ ހިޖުރަކުރަން ގިނަ ފަހަރަށް އޮންނަނީ މަޖުބޫރުވެފައެވެ.
ރާއްޖޭގެ ވެރިކަން ކުރާ ސިޓީގައި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި އޮތް ނަމަވެސް ދެވަނަ އަށް އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީގައި ކަން އޮތީ މިހެނެއް ނޫނެވެ. ހަތަރު ލައްކަ އަށް ވުރެ ގިނަ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން ދާއިރު ވަޒީފާ އަދާކުރަމުން ދަނީ ނުވަދިހަ ހާސް ވަރަކަށް ރައްޔިތުންނެވެ. ވަޒީފާގެ ފަހި ފުރުސަތުތައް ގާއިމްވެފައި ނެތް އައްޑޫ ސިޓީގެ އާބާދީ ތިރީސް ހަތަރު ހާހާ ގާތް ކުރާއިރު އެތަނުގެ އާބާދީގެ ބޮޑު ބަޔަކީ ވަޒީފާ ނެތް މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އައްޑޫ ރައްޔިތުންގެ ވާހަކަތަކުން ވެސް އެމީހުން ވަޒީފާ ބޭނުންވެފައި ހުރި މންވަރު ހާމަވެގެން ދިޔައެވެ. ރައްޔިތުން ތިބީ ވަޒީފާ އަށް ފެންބޮވައިގަނެފަ އެވެ. އެމީހުން ބުނަމުން އަންނަނީ އައްޑުއަކީ ސަރުކާރުތަކުން އަޅާނުލާ ބާކީ ވެފަ އޮތް ސިޓީއެއް ކަމަށާއި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ފުރުސަތު ފަހިވެފައި ނެތުމުގެ މައްސަލަ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ އައްޑޫ މީހުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ. އާމްދަނީ ހޯދޭނެ މަގެއް ނެތް. އަހަރެންވެސް މިހުރީ ވަޒީފާ އަށް ބޭނުންވެފައި،" ރަށުގައި ހުރި ގޮންޖެހުންތައް ކިޔައިދެމުން އައްޑޫ ރައްޔިތަކު ސީއެންއެމް އަށް ބުންޏެވެ.

އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުން ވެސް އެކަމަށް އެއް ބަހެވެ. ކައުންސިލުން ބުނާ ގޮތުގައި ސިޓީގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ އެއްވެސް މަގެއް މިވަގުތަކު ނެތެވެ.

"ވަޒީފާގެ ފުރުސަތެއް އައްޑޫގައި ފަހިވެފައެއް ނެތް. ރައްޔިތުންނަށް ވަޒީފާ އެއް ލިބޭނެ އެއްވެސް ކަމެއް މިވަގުތަކު ނެތް،" އައްޑޫ ސިޓީ ކައުންސިލް މީދޫ ދާއިރާގެ މެމްބަރު ހުސެއިން އިޔާޒް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަށް ބެލިކަމުގައި ވިޔަސް އައްޑޫ ސިޓީގައި އެ ދާއިރާއިން އެދެވޭ މިންވަރަކަށް ވަޒީފާއެއް ނެތެވެ. އައްޑޫ ސިޓީގައި މިހާރު ހިންގަމުން ދަނީ އެންމެ ދެ ރިސޯޓާއި ހޮޓަލެކެވެ. އެއީ ޝަންގްރިއްލާ ރިސޯޓާއި ކެނެރީފެވެ. ސިޓީ ހޮޓަލަކަށް ހުންނަނީ އިކުއޭޓާ ވިލެޖެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ ފަހިވެފައި އޮތް ތިން ތަން އެ ސިޓީގައި ހުރި ކަމުގައި ވިޔަސް އެ ތަންތަނުން ވެސް އައްޑޫ ރައްޔިތުން ބޭނުންވާ މިންވަރަކަށް ވަޒީފާ ނުއުފެއްދެ އެވެ.

"އަސްލު ހަގީގަތުގައި ވަޒީފާ ނުލިބޭ އެންމެ ބޮޑު މައްސަލައަކީ ދެ ރިސޯޓު އޮންނަ އިރުވެސް ގިނައިން ބޭރު މީހުންނަށް ފުރުސަތު ފަހިވެފައި އޮންނަނީ މަސައްކަތް ކުރަން. ގިނައިން މަސައްކަތް ކުރަނީ ބޭރު މީހުން،" އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެމްބަރު ފަހްމީ އަހުމަދު ސީއެންއެމް އަށް ވިދާޅުވި އެވެ.

އައްޑޫގެ ވަޒީފާގެ ހާލަތު މިހާ ދަށަށް ގޮސްފައި ވާއިރު ކުރީ ސަރުކާރުތަކުން ވަނީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރާނެ ކަމަށް ބުނެ އެތައް ވައުދުތަކެއް ވެފައެވެ. އެމްޑީޕީގެ ވެރިކަން އޮތް އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އައްޑޫގައި ވަޒީފާ ނެތް އެކަކުވެސް ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީގެ އުފެއްދުންތެރިކަން އަޅުގަނޑުމެން ދެގުނަ ކުރާނެ. މިތަނުގައި ވަޒީފާ ނެތް އެންމެ މީހަކު ވެސް އިރާދަކުރެއްވިއްޔާ ނުހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ވެރިކަން ނިމުން އިރު ކަން ހިނގައި ދިޔައީ އެމަގަކުން ނޫނެވެ. އެ ސަރުކާރަށް ފަހު ދެން އައި ސަރުކާރުން ވެސް އައްޑޫގެ ތަރައްގީ އަށް ގިނަ ވައުދުތަކެއް ވެފައި ވާއިރު އެ ސަރުކާރުން ވެސް ވަނީ ކުރިއެރުމެއް ގެންނަން ނުކުޅެދިފަ އެވެ.

"އައްޑޫގެ ތަރައްގީ އަށް އެންމެ ވަރުގަދަ އަށް މަސައްކަތް ކުރާނެ މީހަކީ އަޅުގަނޑު،" ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވެއެވެ.

ކުރީ ސަރުކާރުތަކުން އައްޑޫގެ ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދައްކާފައި ވާއިރު އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔަ އިރުވެސް އެ ހުވަފެންތަކުގައި އަދިވެސް ކުލަޖެހޭނެ ގޮތެއް ނުވެއެވެ.

"ވަޒީފާވެސް ދޭން ބުނީ. އެކަމަކު ނުއެއް ދޭ. ކޮންމެ ސަރުކާރަކުން ވެސް ބުނަނީ ވަޒީފާ ދޭނަމޭ. ބޯތަށި މި ބަދަލުވަނީ. އެކަމަކު ރިހައަކަށް މި ހުންނަނީ އެއް ރިހައެއް،" ސަރުކާރުތަކުން ކުރި ވައިދުތަކުގެ ވާހަކަތައް ދައްކަމުން އައްޑޫ ރައްޔިތަކު ބުންޏެވެ.

އެހެން ސަރުކާރުތަކެކޭ އެއް ގޮތަށް މި ސަރުކާރުން ވެސް ވަނީ ވަޒީފާ އިތުރު ކުރުމަށް ވައުދުތަކެއް ވެފައެވެ. މި ސަރުކާރުން ވަނީ އައްޑޫ ސިޓީގައި 8000 ވަޒީފާ އުފައްދާނެ ކަމަށް ވައުދުވެފަ އެވެ. އައްޑޫ ތަރައްގީގެ މެނިފެސްޓޯ އެއް އެކުލަވާލައި އެ ޕްލޭންގައި ފަތުރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި އައްޑޫގެ ފަޅުތައް ހިއްކައިގެން 1600 އެނދު ތަރައްގީ ކުރުމާއި ރިސޯޓްތައް ތަރައްގީ ކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އައްޑޫ ރައްޔިތުންގެ އުންމީދަކީ ވީހާވެސް އަވަހަށް ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔުމެވެ. އާމްދަނީ ހޯދޭނެ ގިނަ މަގުތައް ހުޅުވިގެން ދިޔުމެވެ. މި ސަރުކާރުން ވަޒީފާ ދޭނެ ކަމަށް ބުނެ ކުރި ވައުދުތަކާއެކު އައްޑޫ ރައްޔިތުން ތިބީ އަނެއްކާވެސް އުއްމީދު އާވެފަ އެވެ.
ހިޔާލު

ދިވެހިދަރި

މިއީ މިހާރު އަރަތަކަށް ވެއްޖެ. އައްޑޫމީހުންނަށް އެއެއްޗެއް ނުލިބޭ މިއެއްޗެއް ނުލިބޭ. ބަލަ އައްޑޫމީހަކަށްވީމަ ހުރިހާއެއްޗެއްވެސް ލިބެންޖެހޭނެކަމަށް އެމީހުން މިދެކެނީ ކޮންހަމަޔަކުންބާ؟ އެއީ މަތިންފޭބިބައެއްބާ؟ ކޮންމެވެސް މީހަކު މިއަށް ޖަވާބެއްދީބަލަ. ހުވަދުއަތޮޅަށްބާނާމަސްކޮޅު ނުކިރުވިގެން އުޅެއުޅެތިއްބާ ދުވަހަކު މަހެއްބޭނިވެސް އަތޮޅަކަށް ނުވާއިރުވެސް ބިންހިއްކައިގެން ބޮޑު މަސްފެކްޓަރީ އަޅައިގެން އެތިބެނީ. ދެންމިހާރު ސަރުކާރުން ކޮށްދޭންވީ ކަމަކީ އައްޑުއަތޮޅު ރައްތަކުގެ ކައިރިއަށް މަސްދާންޖެހޭނެކަމަށް ގާނޫނެއް ފާސްކުރަންވީ.

ޢަހުމަދު

ޢައްޑޫ ފަދަ ހުރިހާ ރައްތައްވެސް ، އެގެން ރައްތައް މާހާލުގަ

ރައުޝާ

ރާއްޖޭގެ ވެރިކަން ކުރާ މިރަށުގަވެސް ދިވެހިންނަކަށް ވަޒީފާ ދިވެހިންނަށް ވަޒީފާ ދިނީމަ ކަމިޝަނެއް ނުލިބޭ ބަންގާޅުންނަށް ވަޒީފާ ދިނީމަ ކަމިޝަން މަހުންމަހަށް ލ ބޭ މީ ވޣޮތަކީ ރާއްޖޭގައި ސ އަރޮޅުގައި އެކަންޏެއް ނޫން ވަޒީފާ ނުލިބި ތިބީކީ

ހަސަން/ފޭދޫ. އައްޑޫ

ހެއްހެއް. އަލިފާނަސް ހަމަ.

ކޮލެޖު ބޯއި

16 ހާސް ވަޒީފާވެސް އުފެއްދި ދާނެ. އެކަމަކު އެއީ ބޭރު މީހުނަށް ދޭން. ވަޒީފާ ދޭން ތިބެނީ ވެސް އިންވެސްޓުކުރަނީ ވެސް ބޭރު މީހުން