Rilwan ge report PG leaderun ge athun nagaafaeh nuvey
image
މަޖިލީހުގެ ރައީސް ޕީޖީ ލީޑަރުންނާއެކު-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ރިލްވާންގެ ރިޕޯޓް ޕީޖީ ލީޑަރުންގެ އަތުން ނަގާފައެއް ނުވޭ

ނޫސްވެރިޔާ ރިލްވާންގެ މައްސަލައާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ އަތުން އަނބުރާ ނަގާފައިނުވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފި އެވެ.
އެކަން ހާމަކޮށްފައިވަނީ މަޖިލީހުގެ ރަސްމީ ޓްވިޓާ ހޭންޑުލް އިން ރޭ ކުރި ޓްވީޓެއްގައެވެ. ޓްވީޓްގައި ބުނެފައި ވަނީ ކޮމިޝަންގެ ޑްރާފްޓް ކޮޕީ ލީޑަރުން އަތުން އަނބުރާ އަތުލާފައިނުވާ ކަމަށެވެ.ނަމަވެސް މިހަފްތާގެ އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރިޕޯޓް ހިއްސާ ނުކުރުމަށް ކޮމިޝަންގެ ރައީސް އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީތަކުގެ ލީޑަރުންނަށް ހިއްސާ ކުރި ރިޕޯޓްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރިލްވާންގެ ރިޕޯޓު ލީޑަރުންނާއި ހިއްސާ ކުރުމުން އެކަމަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ.

އެގޮތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރިލުވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ. އެހެން އެކަން އޮއްވާ ކަމާއި ނުބެހޭ ފަަރާތެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވެސް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ފާއިޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ތަހުގީގު ރިޕޯޓެއް އެގޮތަށް ހާމަކުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށެވެ.

މިހަފްތާގެ އާދީއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ގިނަ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ކޮމިޝަންގެ ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރަހީނުކޮށްގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ.

ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށާއި އެކަމަކު، ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް މިގޮތަށް ހެކި ލިބިފައި ވިޔަސް ހެކި ބަހުގައި ފަރަގު ހުރުމުން އެއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ހިޔާލު