East India Company ah vure gina bimah China inn verive ganefi: Nasheed
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއަން އޯޝަން ކޮންފެރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

އީސްޓް އިންޑިއާ ކޮމްޕެނީއަށް ވުރެ ގިނަ ބިމަށް ޗައިނާއިން ވެރިވެގަނެފި: ނަޝީދު

އިނގިރޭސީންގެ އީސްޓް އިންޑިއާ ކޮމްޕެނީއަށް ވުރެ ގިނައިން ޗައިނާއިން ބިންތަކަށް ވެރިވެގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ނަޝީދު އެގޮތަށް ވިދާޅުވީ ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފެރެންސްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ އެ ކޮންފެރެންސަށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ގިނަ ގައުމުތަކެއްގެ އިސްވެރިން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މިއީ މި ސަރަހައްދުގެ ސަލާމަތާއި ދިމާވާ އެހެން މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ކޮންފެރެންސެކެވެ.

އެ ކޮންފެރެންސްގައި ނަޝީދު ވިދާޅުވީ އިނގިރޭސީންގެ އީސްޓް އިންޑިއާ ކޮމްޕެނީ އާއި ޗައިނާއާ އެއް ގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި، އެއްވެސް އުންޑައެއް، ވަޒަނެއް ޖެހުމެއް ނެތި، ޗައިނާ އިން ވަނީ އީސްޓް އިންޑިއާ ކޮމްޕެނީން ވެރިވެގަތް ބިމަށް ވުރެ ބޮޑު ސަރަހައްދަކަށް ވެރިވެ ގަނެފައި. މިކަން ކޮމާޝަލް އާބިޓްރޭޝަނަށް އަޅުގަނޑު ގެންދާ ނަމަ، ވާނީ ކަލްކަތާގައި އުޅޭ މީހަކު އީސްޓް އިންޑިއާ ކޮމްޕެނީ ގޮވައިގެން އާބިޓްރޭޝަނަށް ދިޔުން ފަދަ ކަމަކަށް،" ނަޝީދު ވިދާޅުވި ކަމަށް އޭއެންއައި ނޫހުގައި ވެއެވެ.

އީސްޓް އިންޑިއާ ކޮމްޕެނީ ދުނިޔޭގައި އިސްތިއުމާރު ކުރުމުގެ ކަންކަން ކުރިއަށް ދިޔައިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވިޔަފާރި ކުރުމުގެ ނަމުގައި އިނގިރޭސީން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ އިންޑިއާގެ ބޮޑު ބަޔަކާއި، ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކާއި، ޗައިނާގެ ހޮންކޮން ފަދަ ތަންތަނަށް ވެރިވެގަނެފަ އެވެ.

ނަޝީދު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ "ކޮމާޝަލް ފައިސާ" ރާއްޖެއަށް ވަދެފައިވާ ކަމަށާއި، އެ ފައިސާ އިންވެސްޓުކޮށް ނުވަތަ ހޭދަކޮށްފައި ވަނީ ނުއަގުގައި ހިންގި މަޝްރޫއުތަކަށް ކަމަށާއި އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ފަންޑުކޮށްފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުން ކަމަށެވެ.

"ސަރުކާރެއްގައި ހިފަހައްޓައިގެން، މަޖިލިހެއް ގަނެލައިގެން، ގާނޫނުތައް ބަދަލުކޮށްގެން، ބޭނުން ނުވާ އެއްބަސްވުންތަކެއް ހަދައިގެން، އެ އެއްބސްވުމުގައި އޮންނަ އަގުތައް އިންތިހާއަށް ބޮޑުކޮށްގެން، އެކަންކަމާ ހެދި މިތަނުގައި ހުރިހާ ވިޔަފާރީގެ ރޭވުމެއް ފެއިލްވި. ކޮމާޝަލް ލޯނުތައް ދިނުމަށް ފަހު، ދެން ހަމަ ޔަގީނުން ވެސް އެ ދެއްކުމުގެ ގާބިލުކަމެއް ނުހުންނާނެ. އަނބުރާ ނުދެއްކުނީމަ މި އެދެނީ އިކުއިޓީއަށް ނުވަތަ އޭގެ ހަމަ އަގު ރައްދު ކުރުމަށް. އިކުއިޓީއާއެކު މިދެނީ އިސްތިގުލާލް، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސުލްހަވެސް ހިމެނޭ. އަޅުގަނޑު މި ދަންނަވަނީ ޗައިނާގެ ވާހަކަ،" ނަޝީދު ވިދާޅުވި ކަމަށް ވެއެވެ.

އެގޮތަށް ވާހަކަދެއްކެވި ނަމަވެސް ނަޝީދު ވިދާޅުވީ އިތުރު ބޭރުގެ އިންވެސްޓްމަންޓާއި، ޗައިނާގެ އެިންވެސްޓްމަންޓް ރާއްޖެ އަށް ބޭނުންވާ ކަމަށެވެ. އެކަމަކު އެކަން ކުރަން ޖެހޭނީ ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ކަމަށެވެ.

"އެކަމުގައި ޑިމޮކްރެޓިކްކޮށް، ބެލެން ޖެހޭނެ ކަންވަމުންދާ ގޮތް. އަދި އެ އިންވެސްޓްމަންޓަކީ ފައިދާ ކުރާ އެއްޗަކަށް ވާން ޖެހޭނެ. އެވެގެން ނުވާނެ ބޭކާރު މަޝްރޫއުތަކަށް،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވަނީ ގިނަ އަދަދެއްގެ މަޝްރޫއުތައް ޗައިނާއާ ހަވާލުކޮށްފަ އެވެ. އެއީ ޗައިނާއިން ކުރިއަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން އިންޑިއާ ކަނޑުގެ ގިނަ ގައުމުތަކުގައި އެފަދަ މަޝްރޫއުތައް ހިންގަމުން ދިޔައިރެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަކީ ޗައިނާގެ އިގްތިސޯދީ އަދި ސްޓްރެޓެޖިކް އެޖެންޑާ އެކެވެ. އެއީ ޔޫރަޕާއި އޭޝިއާ އަދި އެފްރިކާ ގުޅުވާލަދޭ، އެއްގަމާއި ކަނޑުގެ ވިޔަފާރީގެ ރޫޓެއް ގާއިމް ކުރުމުގެ މަސައްކަތެކެވެ.
ހިޔާލު

ސަފިޔާ

ނަޝީދުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި އަދި އިސްތިގުލާލައް ލިބުނު ގެއްލުން ޕޯޗުގީޒުން ކުރި އަނިޔައާއްވުރެ ބޮޑެވެ.