REPORT: Life jacket elhun majubooru kurun, bahus kuran jehey massala eh noon!
image
ފުލުހުންގެ ލޯންޗެއް ދަތުރުކުރަނީ-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުން، ބަހުސް ކުރަން ޖެހޭ މައްސަލައެއް ނޫން!

ދިވެހިރާއްޖެ ވަށާ އޮތީ ކަނޑެވެ. ހިންދޫ ކަނޑުގައި ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖޭގެ ރަށްރަށަށް ދަތުރުފަތުރު ކުރަން ޖެހެނީ ކަނޑު ހުރަސްކޮށެވެ. ބޮޑު ކަނޑުތައް ހުރަސްކޮށް ކޮންމެ ދުވަހަކު އެތައް އޮޑިދޯނި ފަހަރެއް އެކި އެކި ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރު ކުރާއިރު އެގޮތަށް ކުރާ ދަތުރުވަރުގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ވެސް ކުރިމަތި ވެއެވެ. އެފަދަ ހާދިސާތައް އިންތިހާއަށް އިތުރުވެފައި ވާއިރު އެ ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލި، ބައެއް މީހުން ކަނޑަށް ގެއްލިފައި ވެސް ވެއެވެ.
ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލުން އިތުރުވަމުން އަންނައިރު މިދިޔަ މަހުގައި ވެސް އެފަދަ ހާދިސާއަކާއެކު ދިވެހިން ރޮއްވާލި އެވެ. ހދ. ނޮޅިރަންފަރުން އެ އަތޮޅު ހަނިމާދޫއަށް ފުރި ޑިންގީއެއް ބަންޑުން ޖަހާލާ އޭގައި ދަތުރުކުރި ފަސް މީހަކު މަރުވިއިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ މީހުންނެވެ.


އެ ހާދިސާގައި މަރުވި އެއް އާއިލާއެއްގެ ހަތަރު މެމްބަރުން--

ޗުއްޓީއަށް މާލެ އައުމަށް ކުރި އެ ދަތުރު، ހަޔާތުގެ އެންމެ ފަހު ދަތުރަށް ވެގެން ދިޔައީ އެވެ. ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެތީ ރީނދޫ އެލާޓް ވެސް ނެރެފައި ވަނިކޮށް ދަތުރު ކުރިއިރު އެއްވެސް މީހަކު ހުރީ ލައިފް ޖެކެޓު އަޅައިގެންނެއް ނޫނެވެ.

މިއަހަރުގެ ކުރީކޮޅު ހިނގި އެފަދަ އަނެއް ހިތާމަވެރި ހާދިސާއަކީ ލ. ފޮނަދޫން، އެ އަތޮޅު މާމެންދު އަށް ކުޑަ ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ޑިންގީ ބަންޑުން ޖަހާލި ހާދިސާ އެވެ. އެ ހާދިސާގައި އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ގެއްލިފައި ވާއިރު މިއަދާ ހަމައަށް އޭނާ ވެސް އަދި ޑިންގީގެ ވެސް ނިޝާނެއް ނުފެނެ އެވެ.


ޝިމާ--

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީގައި ވެސް މިދިޔަ އަހަރުގެ ތެރޭގައި އެފަދަ ހާދިސާއެއް ހިނގި އެވެ. ހިތަދޫ ފުއްޓަރު ފަރާތު މޫދަށް އެރި ތިން ކުއްޖަކު ގެނބިގެން އުޅެނިކޮށް މީހަކު ވަނީ އެތަނުން އެކަކު ފަތާފައި ގޮސް ސަލާމަތްކޮށްފަ އެވެ. އެކުއްޖާ ސަލާމަތް ކުރުމަށް ފަހު ދެން ބެލިއިރު އަނެއް ދެކުދިން ފެންނާކަށް ނެތެވެ. މިއަދާ ހަމައަށް ވެސް ގެނބުނު އެ ދެ ކުދިން ކަމަށްވާ ހިތަދޫ ޗަނބޭލީގޭ އުމުރުން 15 އަހަރުގެ އަލީ ފަހްމީ އާއި ހިތަދޫ ޓޮޕާޒް، 14 އަހަރުގެ މަޔާމީން އަލީ ނުފެނެ އެވެ.

-
ގެއްލުނު އަލީ ފަހްމީ އާއި މަޔާމީން އަލީ--

ފާއިތުވި ހަތް އަހަރު، މީހުން ގެއްލިގެން ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު މުޅި ރާއްޖެއިން 143 މީހަކު ކަނޑަށް ގެއްލުނެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ގެއްލުނު މީހުންގެ އަދަދެވެ. މިއަދާ ހަމައަށް ވެސް އެމީހުން ފެނިފައި ނުވާއިރު މިހާ ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާކަން ހާމަވި މިއީ ފުރަތަމަ ފަހަރެވެ.


-ފާއިތުވި ހަތް އަހަރު ގެއްލުނު މީހުންގެ ތަފާސްހިސާބުތައް

ގިނަ ފަހަރަށް ނުރައްކާތެރި ހާދިސާތައް ހިނގަނީ ކަނޑު ގަދައިރު ކުރެވޭ ދަތުރުތަކުގެ ސަބަބުންނެވެ. ކަނޑު ދަތުރު ކުރާ އުޅަނދުތަކުގައި ލައިފް ޖެކެޓް ހުރުން ގަވާއިދުން ލާޒިމު ކުރި ނަމަވެސް ދަތުރު ކުރާއިރު އެ ތަކެތި އަޅައިގެން ތިބުން ލާޒިމެއް ނޫނެވެ. އެކަމަކު ހާދިސާއެއް މެދުވެރި ވާނީ ކޮންއިރަކު ކަން ނޭނގޭއިރު ލައިފް ޖެކެޓު އަޅައިގެން ދަތުރުފަތުރު ކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ސީއެންއެމަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުން ހުރީ ލައިފް ޖެކެޓް އެޅުން މަޖުބޫރުކުރާ ގޮތަށް ކަމަށާއި ގާތްގަނޑަކަށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ދަތުރު ކުރާއިރު ލައިފް ޖެެކެޓު އެޅިފައޭ ހުންނާނީ. އެއީ ލައިފް ޖެކެޓާ އެކީ ދަތުރުކުރެވެން ޖެހެނީ. އަޅުގަނޑުމެންގެ މަޝްވަރާތަކެއް އޭގަ ހިނގާ،" އާދިލް ވިދާޅުވި އެވެ.

ރިސޯޓުތަކުން މިހާރު ވެސް ދަތުރުތައް ކުރާއިރު ލައިފްޖެކެޓު އަޅައެވެ. އެގޮތުން ލައިފް ޖެކެޓަކީ ސީޓުގެ ދަށުގައި އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ލޯންޗަށް އަރާ ގޮތަށް ލައިފް ޖެކެޓު އަޅަން ޖެހެ އެވެ. މިއީ އެންމެންގެ ރައްކަލަކަށް ކުރާ ކަމެކެވެ. އެކަމަކު ރަށްރަށަށް ދަތުރު ކުރާ ފެރީތަކުގައި ލައިފް ޖެކެޓު އެޅުމެއް ނޯވެ އެވެ. ފަސޭހައިން އަތު ޖެހޭނެ ހިސާބެއްގައި ވެސް ލައިފް ޖެކެޓެއް ނޯވެ އެވެ. ހާދިސާއެއް ހިނގާނީ ކޮން ވަގުތަކުކަން ނޭނގޭއިރު އެގޮތަށް އެކަން އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުހައްމަދު ސަލީމް ކުރިން ވިދާޅުވީ ކަނޑުގަދަ ދުވަސް ދުވަހު ކުދި އުޅަނދުތަކުގައި މާކަނޑަށް ނުކުތުމަކީ، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ކުޑަ ވަގުތު ކޮޅެއްގައި ހިނގާ ކަމެއްގައި އަމިއްލަ ފަރުދުން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާ ކަމުގައިވާ ނަމަ ހިތާމަވެރި ހާދިސާއެއް ކުރިމަތިވުމަކީ ގާތްކަމެއް ކަމަށެވެ.

"ކަނޑު ކިރިޔާ ވެސް ގަދަކަމަށް ވަންޏާމުން، ލައިފްޖެކެޓް ފަދަ ފްލޯޓިން ޑިވައިސް އެއް އަޅައިގެން ތިބުމުގެ މުހިއްމުކަން މި އެނގެނީ. ކިތަންމެ ކުޑަ ދަތުރެއް ނަމަވެސް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު ނޭޅިއްޖެ ކަމަށްވަންޏާ ވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވެދާނެކަން މި ފާހަގަ ކުރެވަނީ،" ސަލީމް ވިދާޅުވި އެވެ.

"އެހެން ވީމާ، އަމިއްލަ ފަރުދުންގެ ލެވަލްގައި ނަގަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅު ނެގުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެއް،" ކާނަލް ސަލީމް ވިދާޅުވި އެވެ.

ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފަ އެވެ. އެ ގަރާރުގައި ވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގައި ބޭނުން ކުރާ އުޅަނދު ފަހަރުގައި ސަލާމަތާއި ރައްކާތެރިކަމަށް ބަލަންވާ މިންވަރަށް ނުބެލުމާއި ދަތުރުކުރުމުގައި ސަލާމުކަން ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދެއްވާ ލަފަޔާއި އިރުޝާދާއި އިންޒާރަށް ބެލުމެއް ނެތި ދަތުރު ކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި، މުދަލާއި އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެހެންވެ އެފަދަ ކަންކަމަށް ރައްކާތެރިވުމުގެ ގޮތުން ލައިފް ޖެކެޓު އެޅުން ލާޒިމު ކުރުމުގެ ގޮތުން އޮޑިވެރިންނާއި ކެޔޮޅުން އަދި ކައްޕިން ވެސް ދަތުރުކުރާ މީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަން ޖެހޭ މަސައްކަތް ވެސް އެ ގަރާރުގައި ވެއެވެ.

ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރުމަށް ކޯސްޓްގާޑާއި ފުލުހުންނާއެކު ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާތައް ފެށީ މިދިޔަ މަހު ހިނގި ކަނޑުމަތީގެ ހާދިސާގައި ފަސް މީހެއްގެ މަރާއެކު އެވެ. ލައިފް ޖެކެޓް އެޅުން މަޖުބޫރު ކަމަކަށް ހަދަން ވެއްޖެ ކަމަށް އާންމުން ދެކުނީ ވެސް އެ ހިސާބުންނެވެ. ކޮންމެ ފަހަރަކު ހާދިސާއަކާއެކު ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ދުރާލާ ތިމާއާއި އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުން ބުއްދިވެރި އެވެ.
ހިޔާލު