Indian ocean conference gai Defense chief thagureeru kurahvaifi
image
އިއްޔެ ބެއްވި ރަސްމިޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންޑިއަން އޯޝަން ކޮންފަރެންސްގައި ޑިފެންސް ޗީފް ތަގުރީރު ކުރައްވައިފި

ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ތަގުރީރު ކުރައްވައިފި އެވެ.
މިމަހުގެ ތިން ވަނަ ދުވަހުން ހަތަރު ވަނަ ދުވަހަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދިޔަ އެ ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ތަގުރީރު ކުރައްވާފައި ވަނީ އިއްޔެ ހަވީރު އެވެ.

އެ ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފަ އެވެ.

އެގޮތުން ސޯޝަލް މީޑިއާ އާއި ޓެކްނޮލޮޖީގެ ސަބަބުން އިސްތިރާޖީ ގޮތުން ގައުމުތަކަށް އޮތް ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވަނީ ވާހަކަދެއްކެވި އެވެ.

ހަމައެހެންމެ ގައުމުތަކަށް ދިމާވެފައިވާ ރެފިއުޖީންގެ މައްސަލަތަކަށް އަލިއަޅުވާލެއްވުމުގެ އިތުރުން އެކަންކަމުގެ ސަބަބުން މުސްތަގުބަލުގައި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް ވަރަށް ތަފްސީލުކޮށް ވާހަކަދެއްކެވި އެވެ.

ޓެރަރިޒަމާއި މަނީ ލޯންޑްރިން އާއި ގާނޫނާއި ގަވާއިދާ ހިލާފު ބާވަތްތައް ސްމަގުލް ކުރުމާއި ސައިބަ ކްރައިމް އާއި ރޭވިގެން ކުރާ ކުށުގެ އަމަލުތައް، ލާމެހިފައިވާ ގުޅުމުގެ މައްޗަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވާހަކަދައްކަވާފަ އެވެ.

އޭގެ އިތުރުން އެފަދަ ކުށުގެ އަމަލުތައް ހުއްޓުވުމަށް ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމުގެ މައްޗަށް އަލިއަޅުވާލެއްވުމުގެ އިތުރުން ހައްދުފަހަނައަޅައި ދިއުމާއި ހަމަނުޖެހުންތައް ހައްލު ކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާއި މިނިސްޓްރީތައް ގުޅިގެން ކޮށްފައިވާ ތަޖްރިބާތައް ޗީފް އޮފް ޑިފެންސް ފޯސްގެ ތަގުރީރުގައި ވަނީ ހިއްސާކުރައްވާފަ އެވެ.

އެ ކޮންފަރެންސަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އަމަން އަމާންކަން ގާއިމްކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ މަގްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ސެކިއޮރިން ދަ އިންޑިއަން އޯޝަން ރީޖަން - ޓްރެޑިޝަނަލް އެންޑް ނޮން ޓްރެޑިޝަނަލް ޗެލެންޖަސް" އެވެ. މިއީ އިންޑިއަން ފައުންޑޭޝަނާއި ފޮރިން ސަވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ގައުމުތަކުން ބައިވެރިވި އެ ކޮންފަރެންސްގައި ޔޫއޭއީ، އޮމާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޓެންޒޭނިއާ، މިޔަންމާ، ޖަޕާން، ޕަޕުއާ ނިއުގިނީގެ އިތުރުން އިންޑޮނީޝިއާގެ ޑެޕިއުޓީ މިނިސްޓަރުންނާއި، އެމެރިކާ، ރަޝިޔާ، ޗައިނާ، ވިއެޓްނާމް އަދި މަޑަގަސްކަރައިން އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއެންޑީއެފް
ހިޔާލު