STO inn vikkaa imaaraaiy kurumah beynun kuraa saamaanuge agu thah heyo koffi
image
އެސްޓީއޯ ކޮންސްޓްރަކްޝަންސް-- ފޮޓޯ: އެސްޓީއޯ
0 ކޮމެންޓް
 

އެސްޓީއޯ އިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ހެޔޮކޮށްފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެސްޓީއޯ އިން ބުނީ އަގުހެޔޮ ކުރުމުގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެހީވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ވަކިން ހާއްސަ ގޮތެއްގައި އާއްމު ރައްޔިތުންނަށް އިމާރާތްކުމުގެ ސާމާނު ބާޒާރުގައި ހެޔޮ އަގެއްގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ އޭގެ އެއް ބޭނުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

"އެސްޓީއޯ ކޮންސްޓްރަކްޝަން އިން ވިއްކާ އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނުގެ އަގުތަކަށް ވަނީ ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވިފައި،" އެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ވަނީ ހިލަ، ހިލަވެލި، ހިމުން ވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް، ވިއްކަމުންދާ އެސްޓީއޯ ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖައްސައި ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއް ހަމައެއްގައި ހިފެހެއްޓުމަކީ ވެސް އެސްޓީއޯގެ މުހިއްމު އަމާޒެއް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ހިޔާލު