Thulusdhoo aai Himmafusheege narudhamaa hidhumaiy fesheyne dhuvaheh neynge: Minister Hassan
image
މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ތުލުސްދޫ އާއި ހިންމަފުށީގެ ނަރުދަމާ ހިދުމަތް ފެށޭނެ ތާރީހު ދަންނަވަން ދަތި: މިނިސްޓަރު ހަސަން

ތުލުސްދޫ އާއި ހިންމަފުށީގައި ގާއިމްކުރި ނަރުދަމާ ނިޒާމުން ހިދުމަތް ފެށޭނެ ތާރީހެއް ދަންނަވަން ދަތި ކަމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވަނީ އެ ހިދުމަތް ނުފެށި ލަސްވާ ދެތިން ނުކުތާއެއް ފާހަގަކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެދެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމުން އެތަން އޮޕަރޭޓް ކުރުމަށް ހަވާލުކުރީ ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ކަމަށެވެ. ނަމަވެސް ނަރުދަމާ ނިޒާމުގެ މެއިން ޕެނަލްގައި މައްސަލަ ހުރި ކަމަށް ބުނެ އެ މައްސަލަ ހައްލުކޮށްދިނުމަށް ސްޓެލްކޯ އިން އެދުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޕެނަލްގެ ބޭރުގައި ހުންނަން ޖެހޭ ސްވިޗެއް ޕެނަލްގެ އެތެރޭގައި ހުރުމުން އެމައްސަލަ ދިމާވެފައިވާ ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ. އެއީ ކޮންޓްރެކްޓް ހަވާލުކުރި އިރު އެގޮތަށް އިނުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ އެކަން ހައްލުކޮށްދިނުމަށް ސްޓެލްކޯގެ ކިބައިން އެދުނު ކަމަށެވެ. ނަމަވެސް އެކަން ހައްލު ނުވެ އޮއްވާ ތުލުސްދޫގެ ނަރުދަމާ ނިޒާމަށް ކަރަންޓްގެ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ސްޓެލްކޯއިން ފާހަގަކުރި ކަމަށް ވިދާޅުވި އެވެ.

"މި ބްރޭކަރު އިންނަން ޖެހެނީ ބޭރުގަ ހަރުކޮށްފަ އިނގޭތޯ. ހަރުކޮށްފަ ހުރީ އެތެރޭގަ. އެހެންވީމަ އަޅުގަނޑުމެން އެދުނީ ސްޓެލްކޯގަ އެކަން ތިޔަ ބޭފުޅުންގެ ހަރަދުގަ ކުރަން. ކޮށްފަ އެކަން ބިލް ކުރާށޭ. ނަމަވެސް މިހާތަނަށް ވެސް އެކަމެއް ސްޓެލްކޯއިން، 29 އޮގަސްޓް އާ ހަމައަށް ވެސް މިދެންނެވި ކޯޓޭޝަނެއް ދޭނެ ކަމަށް ވިދާޅުވި. އެކަމެއް ކޮށްފައެއް ނުވޭ،" ޑރ. ހުސައިން ވިދާޅުވި އެވެ.

އެގޮތުން ތުލުސްދޫގެ ޓްރީޓްމަންޓް ޕްލާންޓް ގާއިމުކޮށްފައި ވަނީ ހިއްކި ބިމުގައި ކަމަށް ވާއިރު ތުލުސްދޫގެ އިންޖީނުގެ ހުންނަނީ ރަށުގެ މެދުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ޓްރީޓްމަންޓް ޕްލާންޓާއި އިންޖީނުގެއާ 1.6 ކިލޯމީޓަރުގެ ދުރުމިން ހުރި ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިއްކި ބިމަށް ލޭންޑް ޔޫސް ޕްލޭނެއް ހެދިފައި ނެތުމުން އެބިމުގައި މަގުތަށް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ކަރަންޓު ކޭބަލް އެޅުމަށް މަގުތަށް ފާހަގަކޮށްދިނުމަށް ސްޓެލްކޯއިން އެދުނު ކަމަށެވެ.

އެ ވާހަކަ ތުލުސްދީ ރަށު ކައުންސިލާ ކަމާ ބެހޭ ފަރާތްތަކާއި ހިއްސާކުރި ކަމަށް ސްޓެލްކޯއިން ބުނި ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް ސްޓްލްކޯން ބުނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ ދެރަށުގެ ފާހާނާ ނިޒާމް ހިންގުމާ ހަވާލުވެ ލައިސަންސް ހޯދުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ދެފަހަރެއްގެ މަތިން ސްޓެލްކޯއަށް އަންގާފައި ވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތުލުސްދޫ އަދި ހިންމަފުށީގެ ނަރުދަމާ ނިޒާމު އޮޕަރޭޓަރަކާ ހަވާލު ނުކުރެވި ލަސްވަމުން ދަނީ ސްޓެލްކޯއިން އެކަމާ ހަވާލުވުމަށް ފަސްޖެހެމުން ދާތީ ކަމަށެވެ. އެހެންކަމުން މަސައްކަތް ފެށޭނެ ތާރީހެއް ދަންނަވަން ދަތި ކަމަށާއި ނަމަވެސް އުންމީދަކީ މި މަސްތެރޭ ހިދުމަތް ދޭން ފެށުން ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރާއި ސުވާލުކުރަން ލިބުނު ދެވަނަ ފުރުސަތުގައި ތުލުސްދޫ ދާއިރާގެ މެންބަރު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން "ބޭރުގަ ހުންނަން ޖެހޭ މީސްމީހުން އެތެރެއަަށް ވެއްދޭތީ ކަންކަން ގޯސްވަމުންދާ ކަމަށް" ސަރުކާރު މެންބަރުން ވިދާޅުވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

އަދި މިނިސްޓަރު ދެއްވި ޖަވާބާއި ތުލުސްދޫ ކައުންސިލުން ދައްކާ ވާހަކަ ދިމާ ނުވާ ކަމަށް ނަސީމް ވިދާޅުވި އެވެ. އެގޮތުން ޓްރީޓްމަންޓް ޕްލާންޓަށް ކޭބަލް އެޅުމަށް ސްޓެލްކޯއިން ހުށަހެޅި އަގު މާބޮޑު ކަމަށް ކައުންސިލުން ބުނާ ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމް ވަނީ ޓްރީޓްމަންޓް ޕްލާންޓްގެ ޓޭންކްތަކުގެ މަތި ހުރީ ނަގާފައި ކަމަށާއި ވާރޭ ވެހިގެން މަދިިރި އުފެދި ރަށު ތެރޭ މަދިރި ވަރަށް ގިނަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަން އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ބަލިމަޑު ކަމެއް އުފެދިއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ނަސީމް ސުވާލުކުރެއްވި އެވެ.

ޖަވާބުގައި މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ސްޓެލްކޯއާ އެކީ އަގުގެ މައްސަލައެއް ނޫޅޭ ކަމަށާއި މައްސަލައަކީ ކޭބަލް އަޅާނެ މަގު ފާހަގަކުރެވިފައި ނެތުން ކަމަށެވެ. އަދި ބަލިމަޑު ކަމެއް ފެތުރޭ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ތުލުސްދޫ އާއި ހިންމަފުށީގެ ނަރުދަމާ މަޝްރޫއަކީ އިސްލާމިކް ޑިވަލަޕްމަންޓް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ. އެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ކުންފުންޏާ ހަވާލުކުރީ 20 ޖުލައި 2017 ގައެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް 3 އޮގަސްޓް 2017 ގައި ފެށީ 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް މަސައްކަތަށް 117 ދުވަސް އިތުރުކޮށް މަސައްކަތް ނިންމާފައިވަނީ 10 މޭ 2019 އަށެވެ.

ތުލުސްދޫގެ ނަރުދަމާ ނިޒާމް އެންވަޔަރުމަންޓް މިނިސްޓްރީން ޓެސްޓް ކުރީ 25 އޭޕްރީލް 2019 ގައެވެ. އަދި ހިންމަފުށީ ނަރުދަމާ ނިޒާމް ޓެސްޓް ކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.
ހިޔާލު