Agenda ga vaa kankan nimendhen miadhuge jalsaage vaguthu ithuru koffi
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އެޖެންޑާގައިވާ ކަންކަން ނިމެންދެން މިއަދުގެ މަޖިލިސް ޖަލްސާގެ ވަގުތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ނިމެންދެން ޖަލްސާގެ ވަގުތު އިތުރު ކުރުމަށް ފާސްކޮށްފި އެވެ.
މިއަދަކީ މަޖިލިހުގައި މިހާރު ހިނގަމުންދާ ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ. މިއަދުގެ އެޖެންޑާގައި ވަނީ ގިނަ މަސައްކަތްތަކެއް ހިމަނާފަ އެވެ.

އެހެންކަމުން އެ މަސައްކަތްތައް ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުން ވަނީ ޖަލްސާގެ ވަގުތު އިތުރު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ އޮތް ކަމަކީ އެންވާރަމަންޓު މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމެވެ.

ޑރ. ހުސެން މަޖިލީހަށް ހާޒިރު ކުރެއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ. ނަސީމް ސުވާލު ހުށަހެޅުއްވީ ތުލުސްދޫ އާއި ހިންމަފުށީގެ ނަރުދަމާ ނިޒާމާއި ގުޅޭ ގޮތުންނެވެ.

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގެ ބަހުސް ވެސް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައި ވެއެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައި ވާއިރު، އޭގައިވާ ގޮތުން މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވަން ޖެހޭނީ އޯގަސްޓް މަހުގެ އެންމެ ފަހު ހޯމަ ނުވަތަ ބުރާސްފަތީގަ އެވެ.

އެކަމަކު މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން، ސެޕްޓެމްބަރު 5 އާ ހަމައަށް ދައުރު ދިގު ކުރުމަށް މަޖިލީހުގެ މެމްބަރުން ނިންމީ މިދިޔަ ހަފްތާގަ އެވެ. އެހެންކަމުން މިއަދު މި ކުރިއަށް ދަނީ މި ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ.
މަޖިލިސް
ހިޔާލު