Dhuniyeyge record akaa eku fathuruveri kamuge dhuvas faahaga kuranee
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
މިއުނާ ހަސަން
0 ކޮމެންޓް
 

ދުނިޔޭގެ ރިކޯޑަކާއެކު ފަތުރުވެރިކަމުގެ ދުވަސް ވ. އަތޮޅުގައި ފާހަގަކުރަނީ

މިއަހަރުގެ "ވޯލްޑް ޓޫރިޒަމް ޑޭ" ނުވަތަ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ދުނިޔޭގެ ރިކޯޑަކާއެކު ވ. އަތޮޅުން ފަށައިގެން ކުރިއަށް ގެންދަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ ސެޕްޓެމްބަރު 27 ގައި ފެލިދެ އަތޮޅުގައި ބޭއްވޭ ޖަޒީރާވަންތަ ކެނޯ ރޭހަކުންނެވެ. އެ ރޭހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން އަދި ފިރިހެން ޓީމަކަށް ބައިވެރިވުމަށް ދައުވަތު ދޭނެ އެވެ.

ކެނޯ ރޭހުގައި ވ. ކެޔޮދޫއިން ފެށިގެން ވ. ފެލިދޫއަށް އަންހެން ޓީމު ކެނޯގައި ފަލި ޖެހުމަށް ހަމަޖެހިފައި ވާއިރު، ވ. ފެލިދޫއިން ވ. ތިނަދޫއަށް ކެނޯގައި ފަލި ޖަހާނީ ފިރިހެން ޓީމުންނެވެ.

އޭގެ އިތުރުން ވެސް ރަސްމީ ހަރަކާތްތައް ފެށިގެންދާ ދުވަހުގެ ރޭގައި، ވ. ކެޔޮދޫގައި ސަންގު ފުމުމާއި، ހަވާ އެރުވުމުގެ އިތުރުން އެކި ރަށްރަށުން ރޭހުގައި ބައިވެރިވުމަށް އަންނަ ބައިވެރިންނާއެކު ސަގާފީ ކެއުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އެ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ ރިކޯޑެއް ގާއިމް ކުރުމަށް ސެޕްޓެމްބަރު 27 ގައި 500 މީހުންނާއެކު ބަރޮސް މޯލްޑިވްސް ރިސޯޓުގެ ފަޅު ތެރޭގައި ފްރީޑައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެއް ތަނެއްގައި އެންމެ ގިނަ ފްރީޑައިވަރުން އެއްފަހަރާ ފީނުމުގެ ދުނިޔޭގެ ރެކޯޑް ހެދުމަށް ހިންގާ ހަރަކާތެކެވެ.

ޓޫރިޒަމް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް ޖޮބްފެއާ 27 އަދި 28 ސެޕްޓެމްބަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ އެ ފެއާ އޮންނާނީ މާލޭގަ އެވެ.

އޭގެ އިތުރުން ރ. އަންގޮޅިތީމުގައި ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުމަށް ވަނީ ނިންމާފަ އެވެ. މިއީ ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން އެކި ރާއްޖޭގެ ތިމާވެއްޓާއި، ސަގާފަތާއި އެހެނިހެން މައުލޫމާތު ހޯދުމަށް އެކި ސަރަހައްދުތަކުން ސެންޓަރުތަކެއް އެޅުމުގެ މަސައްކަތުގެ ބަޔެކެވެ.

ސްކޫލު ދަރިވަރުންނަށް ޓޫރިޒަމް މިނިސްޓްރީއަށް ޒިޔާރަތް ކުރެވޭނެ އޯޕަން ޑޭ އަކާއި މާލޭގެ ހުރިހާ ސްކޫލަކަށް ހިންގާ ކިޑްސް ފުޓްބޯޅަ ފިއެސްޓާއެއް ބާއްވާނެ އެވެ. އެ މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހޮވާލެވޭ ކުދިންނަށް ގައުމީ ސްކޮޑުން ޖާގަ ދެވޭނެ އެވެ.

އޭގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދުބާއީގެ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަންކަމުގައި ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ އަދި ރިއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ރާޢްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ އިސް ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ސިލްސިލާ މަހާސިންތާގެ ފުރަތަމަ ކޮންފެރެންސް ވެސް މިއަހަރު ބާއްވާނެ އެވެ. އެ ކޮންފެރެންސް އޮންނާނީ ޕެރެޑައިސް ރިސޯޓުގަ އެވެ.
ހިޔާލު