Leaderunnah eruvi report ga sirru hekin haama koffaeh nuvey!
image
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެރުވި ރިޕޯޓުގައި ސިއްރު ހެކިން ހާމަކޮށްފައެއް ނުވޭ: ނަޝީދު

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެރުވިއިރު، އޭގައި ސިއްރު ހެކިންގެ ނަންތައް ހާމަކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވަނީ އެ ރިޕޯޓުގައި ސިއްރު ހެކިތައް ހާމަކޮށްފައި ހުރި ވާހަކަ އާއި ލީޑަރުންނަށް ރިޕޯޓު ދިނުމަށް ފަހު އަނބުރާ، ނެގި ވާހަކަ ދޮގުކުރައްވާފަ އެވެ.

"ސިއްރު ހެކި މި ރިޕޯޓަކު، ހުލާސާ ރިޕޯޓަކު ވެސް އަދި ޖުމްލަ ރިޕޯޓަކު ވެސް، ސިއްރު ހެކި ހާމަކޮށްފަކާއެއް ނެތް. އޭގަ ވަނީ ސިއްރު ހެކި އެކެއް ސިއްރު ހެކި ދޭއް ސިއްރު ހެކި ތިނެއް ސިއްރު ހެކި ހަތަރެއް. އެހެންވީމަ ސިއްރު ހެކި އެއްވެސް ރިޕޯޓަކު ހާމަކޮށްފައެއް ނުވޭ. އަދި އަޅުގަނކަށް ވެސް ހެކިންނަކީ ކޮބައިކަން އެނގިފަކާއެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ލީޑަރުން އަތުން ރިޕޯޓް އަތުލި ކަމަށް ލަފާކުރާ ނޫސްވެރިންނަށް މަޖިލީހުގެ ނިޒާމް ހިނގާ ގޮތް ނޭނގޭ ކަމަށެވެ. މަޖިލީހުގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތަށް ރިޕޯޓެއް އެރުވުމަށް ފަހު، އަނބުރާ އަތުލުން އެއީ ހިންގޭނެ ބާވަތުގެ އަމަލެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބްކޮށްފައިވާ ބައެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ނިޒާމް ވަނީ ޕާޓީތަކުގެ ނިޒާމާއި ގުޅިފައި ކަމަށެވެ. އެހެންކަމުން މަޖިލީހަށް ލިބޭ މައުލޫމާތުތައް މަޖިލީހުގެ އަސާސްތައް ބުނާ ފަރާތްތަކާއި އެކީގައި ހިއްސާކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ލީޑަރުން އަތުން ރިޕޯޓް އަތުލުމަށް ނުވިސްނަވާ ކަމަށެވެ. މިހާރު ހާމަކޮށްފައިވާ ހުލާސާ ރިޕޯޓުގެ ސަބަބުން ވެސް ވަރަށް ގިނަ ފައިދާތަކެއް ވެފައިވާކަން ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ފާހަގަކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުން އެ ރިޕޯޓް ލީކު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ މެންބަރުންނަށް މުޅި ރިޕޯޓް ހިއްސާ ކުރުމާއި ބެހޭ ގޮތުން ވިސްނަވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ލީޑަރުންނާއި ހިއްސާ ކުރި ރިޕޯޓްގައި ސިއްރު ހެކިންގެ މައުލޫމާތު ނުހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އިރު ރިލްވާންގެ ރިޕޯޓު ލީޑަރުންނާއި ހިއްސާ ކުރުމުން އެކަމަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ.

އެގޮތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރިލުވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަން ޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ. އެހެން އެކަން އޮއްވާ ކަމާއި ނުބެހޭ ފަަރާތެއްގެ އަތް މައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވެސް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ފާއިޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ތަހުގީގު ރިޕޯޓެއް އެގޮތަށް ހާމަކުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށެވެ.

މިހަފްތާގެ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން އެ ރިޔާސީ ކޮމިޝަނަށް ލިބިފައިވާ ގިނަ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރަހީނުކޮށްގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ.

ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށާއި އެކަމަކު، ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް މިގޮތަށް ހެކި ލިބިފައި ވިޔަސް ހެކި ބަހުގައި ފަރަގު ހުރުމުން އެއީ މަރެއް ސާބިތު ކުރުމަށް އެކަށީގެންވާ ވަރެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ހިޔާލު