Shaheem akee recruit kuraa jamaa athehge leader eh kamah thuhumathu koffi
image
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ކ) އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް--
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

ޝަހީމަކީ ރެކްރޫޓް ކުރާ ޖަމާއަތެއްގެ ލީޑަރެެއް ކަމަށް ސަނީފް ތުހުމަތު ކުރައްވައިފި

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމަކީ ރެކްރޫޓް ކުރާ ޖަމާއަތެއްގެ ލީޑަރެެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ތުހުމަތު ކުރައްވައިފި އެވެ.
ނޫސްވެރިޔާ އަބްދުﷲ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކުރައްވަމުން ސަނީފް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފެނިގެން ދިޔައީ ލާއިންސާނީ އެތައް ޖަރީމާއެއް ހިނގަމުން ދިޔައިރު އެކަމަށް ބީރު ކަންފަތެއް ދީގެން ތިބި އިސްވެރިން ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުން އެކަމަށް އިޖާބަ ނުދޭ ކަމަށާއި އެފަދަ އަމަލުތައް ހިންގަމުން ދިޔަ ފަރާތްތަކާއި ދައުލަތުގެ އިސްވެރިންނާއި ގާތް ގުޅުންތަކެއް އޮތް ކަމަށް ސަނީފް ވިދާޅުވި އެވެ. ސަނީފް ވިދާޅުވީ އެކަން އެހެން އޮއްވާ ފެނިގެން ދިޔައީ ރެކްރޫޓް ކުރާ ޖަމާއަތެއްގެ ލީޑަރެއް ކަމަށް ބަޔަކު ބުނަމުންދާ މީހެއް އޭރުގެ ވެރިޔާގެ ރަނިން މޭޓަކަށް ހަމަޖެއްސިތަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ނަތީޖާއަކަށް މި ބިރުވެރިކަން އިތުރަށް ސާފުވެގެން ދިޔައީ މިދިޔަ ރިޔާސީ އިންތިހާބަށް ބޯމަތިވެފައި އޮއްވާ ކުއްލިއަކަށް ދައުލަތުގެ އެންމެ އިސްވެރިޔާއަކަށް ހުންނަ ބޭފުޅާ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އޭނަގެ ރަނިން މޭޓަކަށް ނެގި ބޭފުޅެއްގެ ނަން އަޑު އިވުނީމާ އަޅުގަނޑުމެންނަށް ގަބޫލުވެގެން ދިޔައީ މިއީ އާދަޔާ ހިލާފު ވެރިކަމަކޭ. އެއީ ދިވެހިރާއްޖޭގެ އެތައް ބަޔަކު ތުހުމަތު ކުރާ ރެކްރޫޓް ކުރާ ޖަމާއަތެއްގެ ލީޑަރެެއް ކަމަށް ބަޔަކު ބުނަމުންދާ މީހެއް ރަނިން މޭޓެއްގެ ނަމުގަ ނަން ދެވިގެން ދިޔައިމަ ބައެއް ދިވެހިންގެ ހިތަށް ކުއްލި ސިހުމެއް ލިބިގެންދިޔަ،" ސަނީފް ވިދާޅުވި އެވެ.

ސަނީފް އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތަައް ފެށިގެން އައީ ދައުލަތުގެ ތެރެއިން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަސްކަން ކުރި ޒަމާނުގައި ޖާޑިޔާތަކުގަ އާއި ބޮޑެތި ރުނބާތަކުގައި މީހުން ވަޅުލާފައި ހުރި ވާހަކަ ތުންތުން މަތިން އަޑު އިވޭ ކަމަށް ވިދާޅުވި އެވެ.

އެކަން ބަދަލުވެގެން ދިޔައީ ޖަލަށް ކަމަށާއި ފުރަތަމަ އެކަން ހިނގަމުން ދިޔައީ ޖަލުގައި ތިބޭ ގައިދީން ވީނުވީއެއް ނޭނގި މަރުވުމުން ކަމަށް ސަނީފް ވިދާޅުވި އެވެ. ސަނީފް ވިދާޅުވީ ޖަލުގައި މަރުވި މަދު މީހެއްގެ ވާހަކަ އަޑު އިވުނު ކަމުގައި ވިޔަސް ޖަލުގައި އެފަދަ އެތައް ހާދިސާއެއް ހިނގައިފައިވާ ކަމަށެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ރިއާޔަތްކޮށް ސަނީފް ވިދާޅުވީ ރިޕޯޓުން ފާހަގަކުރެވޭ މައިގަނޑު ދެކަމެއްވާ ކަމަށެވެ.

އެގޮތުން މިނިވަން ފިކުރުގެ ނަމުގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އާޓިފިޝަލް ބީޗް ގައި ގޮވި ގޮވުމަކީ ރާއްޖޭގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ދީން ތަކަށް ޖާގަ ދިނުމަށް ވާހަކަ ދެއްކުމަކީ ދިވެހިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ހިންގާ މީހުންނަކީ އިސްލާމް ދީނަށް ތަބާވާ ބައެއް ނޫން ކަމަށެވެ. އިސްލާމް ދީނަކީ ހަރުކަށިި ފިކުރަށް ޖާގަދީ މީހުން މެރުމަށް ބާރު އަޅާ ދީނެއް ނޫން ކަމަށް ވެސް ސަނީފް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ އިސްލާމް ދީން އައީ އޯގަތެރިކަމާއި އިހްތިރާމް ކުރުމާއި ނަސޭހަތްދިނުމުގެ ދީނެއްގެ ގޮތުގައި ކަމަށެވެ.
ހިޔާލު

ސިޔާމާ

ޑޮކްޓަރ ޝަހީމް އާމެދު ޙަސަދަވެރިވިޔަސް ދެން ބޮޑުވަރު ޢ

ކަލޯ

ތިހިރީ ކަޅޭގެ މޭމަތިފެނިފަ ފުރަތަމަ ކަލޭގެ ބައިގަނޑު ރަގަޅުކުރެވޭތޯ ބަލާ ދެން ފަހުން އެހެންމީހުން އިސްލާހުކުރޭ

އައްމަޑޭ

ޝަހީމްދެކެ ހާދަ ޒާތީވެގެން ތިއުޅެނީ. ތީ ކަލޭމެންގެ ފެންވަރަކީ. މަޖިލީހުގައި އުފެއްދުންތެރި ވާހަކައެއް ބިނާކުރަނިވި ފާޑެއް ކިޔާކަށް ނޭންގޭ. ރޯނުއެދުރުން ހޮވީމަވާ ގޮތްމި

މޫސަ

2010 އާއި 2011 ގައި ބަޔަކު ނުކުމެ ދީނީ މިނިވަންކަމަށް ގޮވައިލުމަކީ އޭރުގެ ސަރުކާރުން ރާވައިގެން ކުރިކަމެއް.