Dhivehi fannaanunnah masakkaiy nulibumakee balaiganeveyne kameh noon: Minister Ali Waheed
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ދިވެހި ފަންނާނުން މަސައްކަތް ނުލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގައި 150 ރިސޯޓު އޮންނައިރު، ފަންނާނުންނަށް މަސައްކަތެއް ނުލިބިގެން އުޅެން ޖެހުމަކީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ހަފްލާއެއްގައި އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގައި ދިވެހި ފަންނާނުންގެ ހުނަރު ދައްކަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގެ ޓެލެންޓްސް ރާއްޖޭގައި މި އޮތް 150 ރިސޯޓުން ފެންނަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އުނދަގޫވޭ ބޭރުގެ ބޭންޑުތައް ގެނެސް އުޅޭތީ، މައްސަލައެއް ނޫން، ގެނެވިދާނެ. އެކަމަކު އަޅުގަނޑުމެން ކައިރިއަށް އަިއސް ސަލާން ޖަހަން ޖެހުނީމަ، ޓޫރިޒަމް މިނިސްޓްރީގައި ޓަކިޖަހަން ޖެހިފައި، ކަލްޗަރަލް މިނިސްޓްރީގައި ޓަކިޖަހަން ޖެހިފައި، ނޫނީ ޓްވިޓާގައި ޓަކިޖަހަން ޖެހުނީމާ. އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެގޮތަށް ވާހަކަ ދެއްކެވުމުން މިނިސްޓަރުކަން ގެއްލުނަސް މައްސަލައެއް ނެތް ކަމަށާއި، އެ މަގާމަށް އައިސް ހުންނެވީ ހެޔޮ ބަދަލު ގެންނަން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ޝައްކެއް ނުކުރަން އިންޑަސްޓްރީ ގުޅިގެން މިކަންކަން ހައްލު ކުރެވޭނެ ކަމަށް،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ދާނީ ސެޕްޓެމްބަރު 27 އިން 31 ގެ ނިޔަލަށެވެ. ވ. އަތޮޅުން ރަސްމީ ހަރަކާތްތައް ފެށޭއިރު، ފްރީޑައިވް ކުރުމުގެ ދުނިޔޭގެ ރިކޯޑެއް ގާއިމް ކުރުމަށް ހަމަޖެހިފައި ވެއެވެ.

ހިޔާލު