Zimbabwe ge kureege Raees Mugabe avahaaravejje
image
މުގާބޭ: އަވަހާރަވީ އުމުރުފުޅުން 95 އަހަރުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ އަވަހާރަވެއްޖެ

ޒިމްބާބުވޭގެ ރައީސްކަން 37 އަހަރު ވަންދެން ކުރެއްވި ރޮބަޓް މުގާބޭ އުމުރުފުޅުން 95 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
މުގާބޭ އަވަހާރަވީ އިރު، އޭޕްރީލް މަހުން ފެށިގެން ގެންދެވީ ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުންނެވެ. އެކަމަކު މުގާބޭ ފަރުވާ ހޯއްދަވަމުން ގެންދެވީ ކޮން އާލާސްކަންފުޅަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފަހުގެ ތާރީހެއްގައި އެންމެ ގިނަ ދުވަހު ގައުމެއްގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ މުގާބޭގެ ވެރިކަން ވެއްޓުނީ 2017 ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާ އިން ގެނައި ބަޣާވާތަކުންނެވެ.

މުގާބޭ އަކީ އިނގިރޭސީންގެ އަޅުވެތިކަމުން ޒިމްބާބުވޭ ސަލާމަތްވެ، މިނިވަން ގައުމެއްގެ ގޮތުން ބޭއްވި ފުރަތަމަ އިންތިހާބުގައި 1980 ވަނަ އަހަރު އެ ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެއަށް ފަހު 1987 ވަނަ އަހަރުން ފެށިގެން އަސްކަރީ ބަޣާވާތުން ވެރިކަން ވައްޓާލުމާއި ހަމައަށް ހުންނެވީ ރައީސްގެ މަގާމުގަ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު މުގާބޭ ފާހަގަވެފައިވަނީ އެ ގައުމުގެ މެޖޯރިޓީ ކަމަށްވާ ކަޅު ނަސްލުގެ މީހުންނަށް އިނގިރޭސިންގެ އަޅުވެތިކަމުގައި ނުލިބި ހުރި ހައްގުތަށް ހޯއްދަވައިދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އެ މީހުންނަށް ބޭސްފަރުވާ އާއި ތައުލީމުގެ އިތުރުން ވެސް އަސާސީ ގިނަ ހައްގުތައް ހޯއްދަވައިދެއްވީ މުގާބޭގެ ވެރިކަމުގަ އެވެ.

އެކަމަކު ފަހުން މުގާބޭގެ ވެރިކަން ވަނީ ހުދުމުހުތާރުވެރިކަމަކަށް ބަދަލުވެ، އިދިކޮޅު ސިޔާސީ ވެރިންނާ މެދު ލާއިންސާނީ އަމަލުތައް ހިންގާ ސަރުކާރެއްގެ ގޮތުގައި ގައުމުތަކުން ފާހަގަ ކޮށްފަ އެވެ. އެގޮތުން ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް ވެސް ތުހުމަތު ކުރެވިފައި ވެއެވެ.

އެ ހުރިކާ ކަމަކާއި އެކު ވެސް، މުގާބޭ އަކީ އެ ގައުމުގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ލީޑަރެކެވެ. އެކަން އެންމެ ބޮޑަށް ހާމަވަނީ، އަސްކަރީ ބަޣާވާތަށް ފަހު ވެސް މުގާބޭ އަށް ކުރާ އިހުތިރާމް އެ ގައުމުގެ ސަރުކާރުން ދެމެހެއްޓުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މުގާބޭ އަވަހާރަވީކަން ވެސް ހާމަކުރީ އެ ގައުމުގެ މިހާރުގެ ރައީސް އެވެ.
ޒިމްބާބްވޭ މުގާބޭ
ހިޔާލު