Intel 2 fuluhun hahyaru kuranjeheyfadha gaanoonee sababeh nei kamah commission in vanee angaafai: Police
image
ފުލުހުންގެ މައި މަރުކަޒު.-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކޮމިޝަނުން ވަނީ އަންގާފައި: ޕޮލިސް

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ދުވަސްވަރު، އޭނާ ފުރައިގެން ރާއްޖޭން ބޭރަށް ދިޔަ ކަން ދައްކަން އެނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަންޖެހޭފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުފެންނަ ކަމަށް މަރުތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އަންގާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އެ ދެ ފުލުހުން ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުފެންނަ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ ފުލުހުންގެ އިންޓެލްގައި ކުރިން މަސައްކަތް ކުރި މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމަށް ފުލުހުންނަށް އިއްޔެ އެޓާނީ ޖެނަރަލް ފޮނުއްވި ސިޓީއެއްގައި އަންގާފައި ވެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގާފައިވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ، ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަން ވާނެ ކަމަށެވެ.

ބަންޑާރަ ނައިބަށް އެ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އިއްޔެ ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދުމަށެވެ. އޭގެ އިތުރުން ދެ މީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލް އަށް ލިބުނު ނަމަވެސް ފިޔަވަޅު އަޅާފައި ނުވަތީ އެ މައްސަލަ ބެލުމަށް ވެސް އޭޖީ ވަނީ އަންގާފަ އެވެ.

އެ މައްސަލާގައި ފިޔަވަޅެއް ނޭޅީ ކީއްވެގެން ކަން ބެލުމުގެ އިތުރުން، އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ބެލުމަށާއި އެ މީހުން ވަޒީފާގެ މަސައްކަތުން އެކަހެރި ކުރުމަށް ވެސް ފުލުހުންނަށް، އެޓާނީ ޖެނަރަލް ވަނީ އަންގާފަ އެވެ.

ބަންޑާރަނައިބުގެ އެންގުމާއި އެއްގޮތަށް ފުލުހުން އަމަލު ނުކޮށް، ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާގެ މައްސޫލިއްޔަތުން ދުރުކުރުމުން އެތައް ބައެއްގެ ފަޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެ ދެ އޮފިސަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކި ލިބިފައިނުވާތީ އެ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް މަރުތައް ބަލާ ކޮމިޝަނުން ނުދެކޭ ކަމަށް، ރޭ އެ ކޮމިޝަނާއި އެކު ކުރެވުނު މަޝްވަރާތަކުގައި ބުނެފައިވާ ކަމަށެވެ.

އެކަމަކު އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ލަފާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކޮމިޝަނުން ލަފާ ދިން އިރު ވެސް ފުލުހުން ދިޔައީ ތުހުމަތު ކުރެވޭ ދެ ފުލުހުންގެ އިދާރީ މައްސަލަ ބަލަމުން ކަމަށް ވެސް ބުނެފައި ވެއެވެ.

އޭގެ އިތުރުން މަރުތައް ބަލާ ކޮމިޝަން އުފެއްދުމާއި އެކު އެ ކޮމިޝަނަށް ފުލުހުން އެއްބާރުލުން ދޭން ފަށާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ ތަހުގީގަށް ފުލުހުންގެ އެއްބާރުލުން ނުލިބިގެން އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ކޮމިޝަނުގެ ރައީސް، ސުއޫދުއާ ހަވާލާދެއްވައި، މިހާރުގެ ފުލުސް އިދާރާ އިން ވެސް ބައެއް މައުލޫމާތުތައް އެ ކޮމިޝަނަށް ނުދީ ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޕޮލިސް ރިލްވާން
ހިޔާލު