Imthihaanah dhiyumuge kurin mi kanthahthah kohlaa
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިމްތިހާނަށް ދިޔުމުގެ ކުރިން މި ކަންތައްތައް ކޮށްލާ

އިމްތިހާނަށް ދިއުމުގެ ކުރިން ފިލާވަޅުތައް މުތާލިއާކޮށް އިމްތިހާނަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ މުހިންމު ކަމެކެވެ. ކަންބޮޑުވުމާއި ފިކުރުބޮޑުވުން ފަދަ ކަންތައްތަކުން ދުރުވެ އިމްތިހާނު ހޯލަށް ވަންނަ އިރު ވަންނަން ޖެހޭނީ ތާޒާ ސިކުނޑިއަކާއި އެކީގައެވެ.
އިމްތިހާނުގެ އެއް ދުވަސް ކުރިން ހުރިހާ ތައްޔާރީތައް ވުން މުހިންމެވެ. ވަގުތު ޖެހުމުން ކަންތައްތައް ކުރަން އުޅެފި ނަމަ އެދެވޭ ނަތީޖާ އެއް ހޯދަމަކީ ނާދިރު ކަމެކެވެ. އިމްތިހާނަށް ދުރާލާ ތައްޔާރުވުމުން ހަމަޖެހިލައިގެން އިތުރު އެހެން ފިކުރެއް ނެތި އިމްތިހާނަށް ދެވޭނެ އެވެ.

އިމްތިހާނަށް ދިޔުމުގެ ކުރިން ރަނގަޅަށް ނިދާލަންވާނެ އެވެ. ރޭގަނޑު ނުނިދާ ހޭލާ ކިޔަވަން އިނުމަކީ އިމްތިހާނުގެ ކުރިން ގިނަ ކުދިން ކުރާ ކަމެކެވެ. ނަމަވެސް ރަނގަޅަށް ނިދި ނުލިބޭނަމަ އެއީ ނަފްސާނީ ގޮތުން ކުއްޖާ އަށް އަސަރު ކުރާނެ ކަމެކެވެ.

ރަނގަޅު ނާސްތާ އެއް ނަގައިގެން އިމްތިހާނަށް ދިޔުމަކީ ވެސް މުހިންމު ކަމެކެވެ. ނާސްތާގައި ސިއްހަތަށް ރަނގަޅު، ވިޓަމިންސް އާއި މިނަރަލްސް ފަދަ މާއްދާތައް ގިނައިން އެކުލެވޭ ކާނާތައް ހިމަނަންވާނެ އެވެ. ސޯޑިއަމް އާއި ފެޓް ފަދަ މާއްދާތައް އެކުލެވޭ ކާނާ ކެއުމުން އިމްތިހާނުގެ ވަގުތުގައި ނިދި އައުން ފަދަ ކަންތައްތައް ދިމާވުމަކީ ގާތް ކަމެކެވެ.

އިމްތިހާނަށް ދާއިރު އިމްތިހާނަށް ބޭނުންވާ ހުރިހާ އެއްޗެހި ގެންދެވޭތޯ ބަލައި ޔަގީން ކުރަންވާނެއެވެ. ގިނަ ފަހަރަށް އިމްތިހާނަށް ދާއިރު ޕްރޮޓެކްޓާ، ކަލްކިއުލޭޓާ، ގަލަން ފަދަ އެއްޗެހި ނުލައި ދެވޭއިރު އޭގެ ސަބަބުން ކުއްޖާ އަށް ޓެސްޓުގައި އެދެވޭ ނަތީޖާ އެއް ނުލިބި ދެއެވެ.
އިމްތިހާން
ހިޔާލު