Aniyaakuri DED fuluhunge suspenion uvaalaifi
image
ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް އާއްމުވި ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް--
ރައްޔާން މުޙައްމަދު
3 ކޮމެންޓް
 

މީހަކަށް އަނިޔާކުރުމުގައި ބައިވެރިވި ހަތް ޑީއީޑީ ފުލުހުންގެ ސަސްޕެންޝަން އުވާލައިފި

މާލޭގެ ގެއެއްގެ ތެރޭގައި މީހެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ އިދާރާގެ ހަތް ޑީއީޑީ އޮފިސަރުންގެ ސަސްޕެންޝަން އުވާލައިފި އެވެ.
މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ބިދޭސީއަކަށް އަނިޔާކުރި ފުލުހުންގެ ސަސްޕެންޝަން އުވާލިކަން ސީއެންއެމަށް ވަނީ ކަށަވަރުވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ހަތް އޮފިސަރުން މިހާރު ވަނީ ފުލުހުންގެ ވަޒީފާއަށް ނިކުންނަން ފަށައިފައެވެ.

ނަމަވެސް ސަސްޕެންޝަން އުވާލި ސަބަބެއް ސާފެއް ނުވެއެވެ. އަދި އެ މައްސަލާގައި ސަސްޕެންޑް ކުރުމުގެ އިތުރުން ފުލުހުންނާ މެދު އެޅި ފިޔަވަޅެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ތަހުގީގު ކުރިއަށް ދާތީ ކަމަށް ބުނެ މީގެ ކުރިން ވެސް ފުލުހުން އެވާހަކަ ދައްކާފައެއް ނުވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިމައްސަލަ ތަހްގީގު ކުރަން ފަށާފައިވާ އިރު ޖުލައި ފަހު ކޮޅު އެކޮމިޝަނުން އެންމެ ފަހުން ބުނެފައިވަނީ ތަހުގީގުގެ ބޮޑު ބައި ފުރިހަމަވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ތަހުގީގުގެ ރިޕޯޓް އާންމުކުރާނެ ކަމަށް އެންއައިސީން ވަނީ ބުނެފައެވެ.

ޖުލައި 5، 2019 ދުވަހުގެ ރޭ، މ. އުޖާލާގޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ފުލުހުންގެ ބައެއް ކަމަށް ބެލެވޭ ބަޔަކު، ކުށެއްގެ ތުހުމަތުކުރެވޭ ދެ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރި ކަމަށް މީޑިޔާތަކުގައި ރިޕޯޓުކުރި އެވެ.

ބިދޭސީއެއްގެ ގައިގައި ފުލުހުން ތަޅައި އަނިޔާކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން އެ މީހާ އަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ.

އާއްމުވި ވީޑިއޯއާ ގުޅިގެން މި ފުލުހުން ވަނީ ގެއަށް ވަދެ ބަޔަކަށް ބިރު ވެސް ދައްކައިފަ އެވެ. މި ދެ މައްސަލައިގެ ތުހުމަތުގައި ހަތް ފުލުހަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ އިތުރުން އެ މައްސަލަ ބަލަން ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުން ޖިނާއީ ތަހުގީގެއް ވެސް ފެށި އެވެ.

މި މައްސަލައިގެ ތަހުގީގު ލަސްވާތީ އާއި ސިއްރުވެރި ގޮތަކަށް ތަހުގީގު ކުރިއަށް ގެންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުލުހުން ހިންގާ ޖިނާއީ އަމަލުތަކަށް ފިޔަވަޅު ނާޅައި އިދާރީ ފިޔަވަޅު އަޅައި ދޫކޮށްލާ އުސޫލުން މި މައްސަލަ ވެސް ނިމިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ފުލުހުންގެ އަނިޔާ ބަލައިނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވައި، މައްސަލަ ނިމުމުން އެ ފުލުހުންނާ މެދު އެޅި ފިޔަވަޅުތައް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ދެއްވައިފަ އެވެ.
ހިޔާލު

ރަޝީދާ މުޙަައްމަދު ދީދި

ޢަޅުގަނޑުމެން ދުވަހަކުވެސް މި އަނިޔާވެރި ފުލުހުންގެ ފަރާތުން ސަލާމަތް ވާނެބާ؟

ކޮލެޖު ބޯއި

ހުރިހާ ނުބައެއް ފުލުހުންނަށް ހެދެނީ ކުރީ ސަރުކާރު އަދި ވަހީދު މައުމޫނު ސަރުކާރު ގައި އެ ސަގާފަތް އުފައްދާ ދިނީމަ. ސަރުކާރު ބޭނުންންވާ ގޯސް ހަދަން އޮންނަ ގޭންގަކަށް ފުލުހުން ހެދީ. ދެން އަގަކަށް މިދިނީ ފުލުހުން ބޭނުންވާ ނުބަޔެއް ހަދަން އޯކޭ ދިނުން

ސަރައްކާލި މުރާދު

ހަމަ ހީކުރި ގޮތަށް ކަންކަން މި ދަނީ. ފުލުހުން ތިބޭނީ ހަމަ އެ ގޮތުގަ