''Intel dhe fuluhun ge jinaaee thaugeegu hingey varah heki ebahuri''
image
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އިންޓެލް ދެ ފުލުހުންގެ ޖިނާއީ ތަހުގީގު ހިންގޭ ވަރަށް ހެކި އެބަހުރި: ޝަމީމް

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް ސީއެންއެމަށް ވިދާޅުވީ އެ ދެފުލުހުންނަކީ ވެސް ކުށެއް ކުރަން އުޅުނު ދެމީހުންކަން ރިލްވާނާއި ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުން ހާމަވާ ކަމަށެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގެ 80 ވަނަ ބާބުގައި ބަޔާންކޮށްފައިވާ، ކުށެއް ކުރަން އުޅުނު ކަމުގެ ކުށާއި، 310 ވަނަ ބާބުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލު ކުރުމާއި، މަކަރުވެރި އަމަލު ހިންގުމުގެ ދަށުން އެ ދެ ފުލުހުންގެ މައްސަލަ ބެލެން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އެޓާނީ ޖެނެރަލް ކަމަކަށް ލަފައެއް ދެއްވާނީ އެކަމެއްގެ ދިރާސާ ވަރަށް ރަނގަޅަށް ކުރެއްވުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެކަމާމެދު ކޮމިޝަނާ އޮފް ޕޮލިސް ސުވާލު އެފައްދަން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.ޝަމީމް މިހެން ވިދާޅުވެފައި ވާއިރު، ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ވަނީ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުފެންނަ ކަމަށް މަރުތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އެ ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުފެންނަ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ފުލުހުންނަށް އަންގާފައި ވާއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ ފުލުހުންގެ އިންޓެލްގައި ކުރިން މަސައްކަތް ކުރި މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމަށް ފުލުހުންނަށް އިއްޔެ އެޓާނީ ޖެނަރަލް ފޮނުއްވި ސިޓީއެއްގައި އަންގާފައި ވެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގާފައި ވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ، ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަ ނައިބު މަސައްކަތް ކުރަން ވާނެ ކަމަށެވެ.

ބަންޑާރަ ނައިބަށް އެ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އިއްޔެ ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދުމަށެވެ. އޭގެ އިތުރުން ދެ މީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލް އަށް ލިބުނު ނަމަވެސް ފިޔަވަޅު އަޅާފައި ނުވަތީ އެ މައްސަލަ ބެލުމަށް ވެސް އޭޖީ ވަނީ އަންގާފަ އެވެ.

އެ މައްސަލާގައި ފިޔަވަޅެއް ނޭޅީ ކީއްވެގެން ކަން ބެލުމުގެ އިތުރުން، އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ބެލުމަށާއި އެ މީހުން ވަޒީފާގެ މަސައްކަތުން އެކަހެރި ކުރުމަށް ވެސް ފުލުހުންނަށް، އެޓާނީ ޖެނަރަލް ވަނީ އަންގާފަ އެވެ.

ބަންޑާރަ ނައިބުގެ އެންގުމާއި އެއް ގޮތަށް ފުލުހުން އަމަލު ނުކޮށް، ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުނުކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެ ދެ އޮފިސަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް މަރުތައް ބަލާ ކޮމިޝަނުން ނުދެކޭ ކަމަށް، ރޭ އެ ކޮމިޝަނާއި އެކު ކުރެވުނު މަޝްވަރާތަކުގައި ބުނެފައިވާ ކަމަށެވެ.

އެކަމަކު އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ލަފާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކޮމިޝަނުން ލަފާ ދިން އިރު ވެސް ފުލުހުން ދިޔައީ ތުހުމަތު ކުރެވޭ ދެ ފުލުހުންގެ އިދާރީ މައްސަލަ ބަލަމުން ކަމަށް ވެސް ބުނެފައި ވެއެވެ.

އޭގެ އިތުރުން މަރުތައް ބަލާ ކޮމިޝަން އުފެއްދުމާއި އެކު އެ ކޮމިޝަނަށް ފުލުހުން އެއްބާރުލުން ދޭން ފަށާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ ތަހުގީގަށް ފުލުހުންގެ އެއްބާރުލުން ނުލިބިގެން އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ކޮމިޝަނުގެ ރައީސް، ސުއޫދުއާ ހަވާލާދެއްވައި، މިހާރުގެ ފުލުސް އިދާރާ އިން ވެސް ބައެއް މައުލޫމާތުތައް އެ ކޮމިޝަނަށް ނުދީ ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު

Juhaa

ޖިނާއީ މައްސަލައެއްގައި ޢަމަލުކުރާނެ ގޮތެއް ބަންޑާރަ ނައިބަކަށް ނޭންގޭނެ. އެއީ ޕީޖީގެ ކަމެއް.