REPORT: Mahuge stock dhashah! Agu ves vettijje!
image
މަސް ބާނަމުން ދަނީ-- ފޮޓޯ: ދި މަސްވެރިން/ ޓްވިޓާ
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

މަހުގެ ސްޓޮކް ދަށަށް! އަގު ވެސް ވެއްޓިއްޖެ!

ރާއްޖޭގެ 90 އިންސައްތަ އަކީ ކަނޑު ކަމުގައި ވާއިރު ކަނޑުފަޅުން ލިބޭ ނަފާއަކީ ދިވެހީންގެ އިގްތިސާދާއި ގުޅި ލާމެހިފައިވާ އެއްޗެކެވެ. މަސްވެރިކަމުން އެތަކެއް މަންފާއެއް ދިވެހީންނަށް ލިބެ އެވެ. އެތަކެއް ދިވެހީންގެ ދިރިއުޅުމާއި މި ސިނާއަތާއި ގުޅިފައި ވާއިރު ހިތާމައަކީ މިހާރަކަށް އައިސް މަސްވެރިކަން ހީނަރުވުމެވެ. ކަނޑުފަޅުން ލިބެމުންދާ މަންފާ އަންނަނީ ދަށްވަމުންނެވެ. ސަބަބަކީ އިންޑިޔާ ކަނޑުގެ މަހުގެ ސްޓޮކް ދަށަށް ދިޔުމެވެ.
ކަނޑުތަކުން މަހުގެ ސްޓޮކް ދަށްވެގެން ދަނީ މަސް ދެމެހެއްޓޭނެ ފަދަ ގޮތަކަށް، ކަނޑުތަކުން މަސް ބޭނޭނެ މިންވަރާއި އަދި ކަނޑުގެ "ޕްރޮޕަޓީ ރައިޓްސް" ފަދަ ކަންތައްތައް، ގައުމުތަކުން ގާނޫނުގައި ކަނޑައަޅާފައި ނުހުންނާތީ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި މަސްވެރިންނަށް ކަނޑުތަކުގައި މަހުގެ ސްޓޮކް ހުރި މިންވަރުތަކުގެ އެކަށީގެންވާ މައުލޫމާތުތައް ނޭނގުމަކީ މަހުގެ ސްޓޮކް ދަށްވެގެން ދިޔުމަށް މެދުވެރިވާ ކަމެކެވެ. އޭގެ ތެރޭގައި މާ ގިނައިން މަސްބޭނުމާއި މޫސުމަށް އަންނަ ބަދަލުތައް ވެސް ހިމެނެ އެވެ.

މަހުގެ ސްޓޮކް ދަށަށް!

އިންޑިޔާ ކަނޑުގެ މަހުގެ ސްޓޮކް ދަށްވެގެން ދިޔުމާއެކު ދިވެހީންނަށް ވަކިން ހާއްސަކޮށް މަސްވެރިންނަށް އެތަކެއް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. މަސްވެރިން ބުނާ ގޮތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މަސްވެރިކަން ފާހަގަކޮށްލެވޭ މިންވަރަކަށް ވަނީ ދަށަށް ގޮސްފަ އެވެ.

"މި ދުވަސްކޮޅު މަސްވެރިކަން ވަރަށް ދަށް. ކުރީގަ ވަރަށް ތިޔާގި. 25 ޓަނުގެ މަސް ނުބާނާ ފަހަރެއް ވަރަށް މަދު. އެކަމަކު މިހާރު 15 ޓަނުގެ މަސް ވެސް ގިނަ ފަހަރަށް ނުބޭނޭ،" މަސްވެރިޔަކު ބުންޏެވެ.

މަސްވެރިކަން ދަށް ވެފައިވާ މިންވަރު ކިޔައިދެމުން އެެހެން މަސްވެެރިޔަކު ސީއެންއެމްއަށް ބުނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު މަސްވެރިކަން ދަށްވެފައިވާ ކަަމަށާއި މިހާރު މަސްވެރިންނަށް އެކަށީގެންވާ މަންފާއެއް ނުލިބޭ ކަމަށެވެ.

"މިދިޔަ އަހަރާއި އަޅާ ބަލާއިރު މަސްވެެރިކަން ވަރަށް ދަށް. މި އަހަރުގެ ރޯދަ މަހުގެ ފަހުން މަސްވެރިންނަށް އެކައްޗެއް ނުލިބެއޭ ބުންޏަސް ދޮގަކަށް ނުވާނެ. ކުރިން ގާތްގަނޑަކަށް 25 ޓަނުގެ މަސް ބާނާ. ހަފްތާއެއްގެ ތެރޭގައި ވެސް މަސް ބޭނޭ މިންވަރު ވަރަށް ބޮޑުތަން ދަށް،" މަސްވެރިޔާ ބުންޏެވެ.


މަސް ދޯންޏެއްގެ ތެރެއިން-- ފޮޓޯ: ޓުވިޓާ

އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ބޮޑުތަނުން މަދުވަމުން ދިއުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުގެ ސްޓޮކް ދަމަހައްޓަން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި މަހުގެ ސްޓޮކް ދަށްވުމަކީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކަށް އެފަދަ ގޮތެއް ވެއްޖެ ނަމަ އަޅުގަނޑުމެންގެ ހުރިހާ މުޖުތަމައުތަކަށް ގެއްލުން ބޮޑު އަސަރުތަކެއް ކުރާނެ. ވަކިން ހާއްސަކޮށް އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކަށް،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ބަލަހައްޓަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިންނެވެ. މަހުގެ ސްޓޮކް ދެމެހެއްޓުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކާއި ނަގަން ޖެހޭ ޒިންމާތައް ނަގަނީ އެ ކޮމިޝަނުންނެވެ. އިންޑިއާ ކަނޑުގެ ހުރިހާ ގައުމެއް އެ ކޮމިޝަނުގެ މެމްބަރުންގެ ތެރޭގައި ހިމެނޭއިރު ކޮމިޝަންގެ ބައްދަލުވުމުގައި މަހުގެ ސްޓޮކް ދެމެހެއްޓުމާއި މަސްވެރިކަމާއި ގުޅުން ހުރި ކަންތައްތަކާމެދު މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅަ އެވެ.


އައޯއައިޓީސީގެ ކޮމިޝަން ބައްދަލުވުމެއްގެ ތެރެއިން

ފިޝަރީޒް ކޮމްޕްލިއެންސްގެ ޑިރެކްޓާ އަހުމަދު ޒިޔާދު ސީއެންއެމްއަށް ވިދާޅުވީ ސައިންސްވެރިން މަހުގެ ސްޓޮކްތައް ދަރަޖަ ކުރާ ގޮތުން ދައްކަނީ ރީނދޫ އުރަހަ ކަންނެލި އޮތީ އެންމެ ދަށު ދަރަޖައިގައި ކަމަށާއި އަދި އޭގެ މާނައަކީ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވެސް ދަށް ކަމަށާއި އަދި މަސްހިފޭ މިންވަރު ވެސް ގޯސްވެފައިވާ ކަމަށެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކަންނެލީގެ ސްކޮޓް ރަނގަޅުކޮށް އަލުން މައްޗަށް ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކަޅުބިލަމަހުގެ ސްޓޮކް ގާތްގަނޑަކަށް އެއް މިންވަރެއްގައި ދެމެހެއްޓެމުންދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ހުރިހާ ގައުމުތަކުން މަސް ބާނާ މިންވަރު މަދު ކުރުމަށް ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް ފާހަގަކުރަމުން ޒިޔާދު ވިދާޅުވީ އެންމެ ކުޑަ މިންވަރަކަށް މަސް ބާނާ މިންވަރު މަދު ކުރަން ޖެހޭ ގައުމަކީ ރާއްޖެ ކަމަށާއި އެއީ އެންމެ ފަހެއް އިންސައްތަ ކަމަށެވެ.

މަހުގެ އަގުތައް ވެއްޓިއްޖެ!

އިންޑިޔާ ކަނޑުގެ މަހުގެ ސްޓޮކް ދަށްވެފައި ވާއިރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުވެސް ވަނީ ދަށަށް ގޮސްފަ އެވެ. މަހުގެ އަގު ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެން މަސް ބަންދު ކުރުން މަޑު ޖެހުމަކަށް އައިސް، މަސް ރައްކާ ކުރާ ސްޓޯރޭޖުތައް ފުރިފައިވުމުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ވެސް ވަނީ ދޯންޏަކުން ދުވާލަކު އެއް ޓަނުގެ މަސް ކިރާ ގޮތަށް ނިންމާފަ އެވެ.

އެކަމާއި މެދު ގިނަ މަސްވެރީން ނުރުހުން ފާޅުކުރަމުން ދިޔަ އިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަަގު ބޮޑުތަނުން މިހާރު ދަށްވެފައި ވީ ނަމަވެސް މިފްކޯ އިން ދަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލެއް ނުގެނެސް ބާނާ ހުރިހާ މަހެއް ގަންނަމުން ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ މަހުގެ ބާޒާރަށް ބަލާއިރު އޭޕްރިލް މަހު ތައިލެންޑުގައި ކަޅުބިލަމަހެއްގެ ޓަނެއް ލިބެން ހުރީ 23،130 ރުފިޔާއަށެވެ. މެއި މަހު އެ އަގު ވަނީ 19،275 އަށް ވެއްޓިފަ އެވެ. ޖޫން އަދި ޖުލައި މަހު ކަޅުބިލަމަހުގެ ޓަނެއް ލިބެން ހުރީ 15،420 އަަށެވެ. ޖަޕާނުގެ ޓޯކިޔޯގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ވެސް ލޯބޮޑު ކަންނެލީގެ އަގު ވެސް ދަށްވަމުން ދާކަމަށް ފާހަގަކުރެވެ އެވެ. ޖުލައި މަހަށް ބަލާއިރު އެ މަހުގެ ފުރަތަމަ ހަފްތާގައި ލޯބޮޑު ކަންނެލީގެ ކިލޯއެއް 472 ރުފިޔާ އަށް ހުރިއިރު މަސް ނިމުނު އިރު ކިލޯއެއްގެ އަގު އުޅެނީ 221 ރުފިޔާ އަށެވެ.
ފިޝަރީޒް މިނިސްޓްރީން ޖޫން އަދި ޖުލައި މަހުގެ އަގުތަކާއި ބެހޭގޮތުން ނެރުނު ތަފާސް ހިސާބުތައް

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ދަށްވުމާއި އިންޑިއާ ކަނޑުގައި މަހުގެ ސްޓޮކް ދަށްވުމުގެ މައްސަލައަކީ އަވަސް އަދި ދާއިމީ ހައްލެއް ބޭނުންވާ މައްސަލަ އެކެވެ. ދުނިޔޭގެ ބާޒާރުގައި މަހަށް އަންނަ އަގާއި، މަހުގެ ސްޓޮކް ހުންނަ މިންވަރަކީ ސީދާ ދިވެހި މަސްވެރިންނާއި ގުޅި ލާމެހިފައިވާ ކަމެކެވެ. އެހެންކަމުން މަސް ބޭނުން މަދުކުރަން ހަދަން ޖެހޭ ގަވާއިދުތައް ކަނޑައަޅައި، މަހުގެ ސްޓޮކަށް އަސަރު ކުރާ ފަދަ ކަންކަމާ މެދު މަސްވެރިން ހޭލުންތެރިކޮށް ފިޔަވަޅު އަޅަން ޖެހެ އެވެ.
ހިޔާލު

ތިލަދުން މަތިމަސް

ކަނޑުމަހާއި ކަންނެލީގެ ސްޓޮކް ރަނގަޅުވަންދެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިޔަރުބާނަން ހުއްދަދޭން ސަރުކާރަށް ގޮވާލަން.