Rendhulai varah bodah halaakuvumun Kulhudhuffushy Thiladhekune Cinema bandhukohfi
image
ކުޅުދުއްފުށީ ސިނަމާ-- ފޮޓޯ: ކޭއޯ
0 ކޮމެންޓް
 

ރެނދުލައި ވަރަށް ބޮޑަށް ހަލާކުވުމުން ކުޅުދުއްފުށީ ތިލަދެކުނު ސިނަމާ ބަންދުކޮށްފި

ހދ. ކުޅުދުއްފުށީގައި ހުންނަ ތިލަދެކުނު ސިނަމާ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލައި ހަލާކުވެފައި ވާތީ އެތަނުގައި ފިލްމު އެޅުވުން ކައުންސިލުން ހުއްޓާލައިފި އެވެ.
އެރަށު ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ސީއެންއެމްއަށް ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި އެތަން ބަންދުކުރިއިރު އެތަން ވަނީ މަރާމާތު ނުކުރާތާ ގިނަ އަހަރުތަކެއްވުމުން ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އެގޮތުން އިމާރާތުގެ ބެރިތައް ކަނޑައިގެން ގޮސް ފާރުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައިވާއިރު އެތަނުގެ ޝީޓާއި ފުރާޅުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

އެރަށު ދެކުނު ކޮޅުގައި ހުންނަ އެ ސިނަމާއަކީ ފީއެސްއެމުން ހިންގަމުން އަންނަ ތަނެއް ނަމަވެސް އެތަނުގައި ފިލްމު އެޅުވުމުގެ ހުއްދަ ދެނީ ރަށު ކައުންސިލުންނެވެ.

އެތަނުގައި ފިލްމު އެޅުވުމުގެ ހުއްދަ ދިނުން ހުއްޓާލާފައި މިވަނީ އެހާ ބޮޑަށް އެތަން ހަލާކުވެފައި ވާތީ އެތަނަށް ދާ މީހުންނަށް ގެއްލުމެއް ލިބިދާނެތީ ކަމަށް ލަތީފް ވިދާޅުވި އެވެ.

ޕީއެސްއެމްގެ އިސްވެރިންނާ މިދިޔަ ސަރުކާރުގައި ވެސް ބައްދަލުކޮށް އެތަނުގެ ހާލަތު ކިޔައިދީފައިވާކަން ފާހަގަކޮށް ލަތީފް ވަނީ ސަރުކާރު ބަދަލުވުމާއެކު ވެސް އެތަނަށް ލިބިފައިވާ ގެއްލުންތައް ފޮޓޯތައް ހިއްސާކޮށް މިހާރުގެ އިސްވެރިންނަށް ހާލަތު ކިޔައިދީފައިވާ ކަމަށް ވިދާޅުވެފައެވެ.

"މިވީހާ ތަނަށް ވެސް އެގްރީމެންޓެއް ހެދިފައެއް ނުވޭ. އަޅުގަނޑުމެން ވާނީ އެގްރީމެންޓެއް ހަދައިގެން ކުރިއަށް ދިއުމަށް އެދިފަ. އެކަމަކު ހަ މަސް ދުވަސް ފާއިތުވިއިރު ވެސް އެގޮތަށް އެގްރީމެންޓެއް ހެދިފައި ނުވާތީ މި ނިންމީ އެތަނުގައި ފިލްމު އެޅުވުމުގެ ހުއްދަ ނުދޭން،" ލަތީފް ވިދާޅުވި އެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ކުޅުދުއްފުށީގައި އިމާރާތް ކުރި އެ ސިނަމާއަކީ ފިލްމު ދައްކަން އެތަނުގައި ހުންނަ ހަމައެކަނި ސިނަމާ އެވެ.

އާބާދީގައި 10،100 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުޅުދުއްފުށީގައި 12،000 އެއްހާ މީހުން އަންނަނީ ދިރިއުޅެމުންނެވެ.
ހިޔާލު