Musaaraige aa onigandah ahnna aharu amalu kuran fashanee
image
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް--
0 ކޮމެންޓް
 

މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލު ކުރަން ފަށަނީ

ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރުގެ ތެރޭގައި އަމަލު ކުރަން ފަށާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
ޕޭ ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މޯލްޑިވްސް ޕަބްލިކް ސާވިސަސް ސްޓޭންޑާޑް ކްލެސިފިކޭޝަން އާއި އެ ސްޓޭންޑެޑާއި އެއް ގޮތަށް ދައުލަތުގެ އިދާރާތަކުގައި ހިމެނޭ ފަންނުތައް ގްރޫޕު ކުރުމަށް ފަހު އެކުލަވާލާފައިވާ މޯލްޑިވްސް ޕަބްލިކް ސާވިސަސް ޖޮބް އެންޑް ފެމެލީ އެ ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ.

ޕޭ ކޮމިޝަނުން ބުނީ ދައުލަތުގެ މުސާރައިގެ އޮނިިގަނޑު އެކުލަވާލާއިރު 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ހިމެނޭ ކަމަށެވެ. ޕޭ ކޮމިޝަނުން ބުނީ ދައުލަތުގައި ހިމެނޭ ކަމަށް ފާހަގަކުރެވިފައިވާ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުޠުތައް ކަނޑައަޅާނީ އެއިން ކޮންމެ ފަންނެއްގެ ގިންތިތަކާއި ފަންތިތަކާއި ޝަރުޠުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ޕޭ ކޮމިޝަނުން ބުނީ ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލާނީ ދައުލަތުގެ އިދާރާތަކުގެ މިހާރު ޢަމަލުކުރަމުންދާ މުސާރައިގެ އޮނިގަނޑުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކޮށްފައިވާ ދިރާސާތަކުގެ އަލީގަ އާއި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއަށް ރިޢާޔަތްކޮށް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ދައުލަތުގެ މުވައްޒަފުންނަށް މިހާރު ދެމުން އަންނަ އެލަވަންސްތައް އެއްހަމަ ކުރުމުގެ ގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެވޭނެ އެލެވަންސްތަކާއި އެ އެލަވަންސްތަކުގެ ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ބުނީ އެ ހުރިހާ މައުލޫމާތެއް މުސާރައިގެ އޮނިގަނޑާއި އެކުގައި އާއްމު ކުރާނެ ކަމަށެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ޕޭ ކޮމިޝަނުން ބުނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޕޭކޮމިޝަން ފިނޭންސް
ހިޔާލު