Rilwan ge kashu namaadhu kurumah mashvaraa kuranee
image
ނޫސްވެރިޔާ ރިލްވާން އަބްދުﷲ--
0 ކޮމެންޓް
 

ރިލްވާންގެ މައްޗަށް ކަށު ނަމާދު ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަނީ

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލާފައިވުމާއި ގުޅިގެން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާ އެކުގައި މަޝްވަރާ ކުރަމުންދާ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފި އެވެ.
ސީއެންއެމްއާ މިއަދު ވާހަކަދައްކަމުން ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒު އަދުނާނު ވިދާޅުވީ ރިލްވާންގެ މައްޗަށް ކަށު ނަމާދު ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކަމުގައި އޮޅުން އަރާ ބައެއް ކަންތައްތައް ހުރުމުން އެފަދަ ހާލަތެއްގައި ދީނީ ގޮތުން އޮންނަ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށް އިސްލާމިކް މިނިސްޓަރަށް ދަންނަވާފައިވާ ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައި މިއަދު ޖަވާބެއް ދޭނެ ކަމަށް،" ޝެހެނާޒު ވިދާޅުވި އެވެ.

އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާކަން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރިލްވާންގެ މައްސަލަ އަދިވެސް މަރުތަކާއި ބެހޭ މައްސަލަތައް ބަލާ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނައިރު އެ ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.

ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާން ވަނީ ރަހީނު ކުރުމަށްފަހު މަރާލާފައި ކަމަށެވެ. އެކަން ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާ ޖަމާއަތުގެ ގޮފިން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެކަމަކު މަރާލި ގޮތާ މެދު ހެކިބަހުގައި ތަފާތުތަކެއް އެބަ ހުއްޓެވެ.

ހަރުކަށި ފިކުރުގެ މީހުން ރިލްވާނަށް އަމާޒު ކުރީ އޭނާއަކީ ދީން ގަބޫލު ކުރާ މީހެއް ނޫން ކަމަށާއި، ސީރިއާއަށްދާ ދިވެހިންނާއި، އެ ފަރާތްތަކާ ގުޅިފައިވާ ރާއްޖޭގެ ޖަމާއަތްތަކުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭ ކަމަށް ރިލްވާނަށް ތުހުމަތު ކުރުމަށް ފަހުގަ އެވެ.

ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައ ބައެއް ފަރާތްތަކުގެ ނަން ވެސް ވަނީ އާއްމުކޮށްފަ އެވެ. ކޮމިޝަނުން އެ ދުވަހު ވަނީ އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދިފަ އެވެ. އެގޮތުން 14 މީހަކަށް ރާއްޖެއިން ނުފުރޭނެހެން ވަނީ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.
ހިޔާލު