Raees kamah annan Bodu Vazeeru Ranil shauguverikan faalhu kuravvaifi
image
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ--
0 ކޮމެންޓް
 

ރައީސް ކަމަށް އަންނަން ބޮޑުވަޒީރު ރަނިލް ޝައުގުވެރިކަން ފާޅުކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެގައުމުގެ ރައީސްކަމުގެ މަގާމަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
އެކަން އިއުލާން ކުރެއްވީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ބައްދަލުވުމެއްގަ އެވެ. އެ ޕާޓީ މިހާރު އޮތީ ދެބަޔަކަށް ބެހިފަ އެވެ.

އެއް ބަޔަކީ ޑެޕިއުޓީ ލީޑަރު ސަޖީރު ޕްރޭމަދާސަ އަށް ތާއީދު ކުރާ ފަޅި އެވެ. އެ ފަޅިން ދަނީ ޕާޓީގެ ކެންޑިޑޭޓަކީ ޕްރޭމަދާސަ ކަމަށް ކަނޑައެޅުމަށް ގޮވާލަމުންނެވެ.

ޔޫއެންޕީގެ އިސްވެރިން ބައިވެރިވި ބައްދަލުވުމުގައި ރަނިލް ވިދާޅުވީ އެމަނިކުފާނަކީ ޕާޓީ ލީޑަރު ކަމަށާއި އެހެންވީމާ ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށެވެ.

"ޕާޓީގެ ވޯކިން ކޮމިޓީގެ ހުއްދައަށް އެދި އަޅުގަނޑު ނޮމިނޭޝަން ފޮނުވާނަން. އެކަމާއި ދެކޮޅު އެއްވެސް ފަރާތެއްވާ ނަމަ، ވޯކިން ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ،" ރަނިލް ވިދާޅުވި ކަމަށް ވެއެވެ.

ޕްރޭމަދާސަ އަށް ވަފާތެރި ބައެއް ލީޑަރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ލީޑަރުން ވިދާޅުވެފައި ވަނީ އެ ނިންމުމުގެ ސަބަބުން ޕާޓީ ބައިބައި ވާނެ ކަމަށެވެ.

އެކަމަކު ރަނިލް ވިދާޅުވީ ޕާޓީގެ ލީޑަރުގެ ގޮތުގައި އެމަނިކުފާނު ވާދަކުރައްވަން ނިންމަވައިފި ނަމަ، ޕާޓީގެ އެހެން ފަރާތްތައް އެކަމަށް ތާއީދު ކުރަން ޖެހޭނެ ކަމަށެވެ.

އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ރަނިލް އާއި ޕްރޭމަދާސަ މާދަމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ލަންކާގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރު 9 އާއި ޑިސެމްބަރު 9 އާ ދެމެދުގެ ތާރީހެއްގަ އެވެ.
ހިޔާލު