Zareer ge massalaiga fuluhun amalu kuri goiy haama eh nukurevunu
image
ހުސައިން ޒަރީރު--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޖަލުގައި މަރުވި ޒަރީރުގެ މައްސަލައާ މެދު އަމަލު ކުރި ގޮތް ފުލުހުންނަށް ހާމައެއް ނުކުރެވުނު

ކޯޓު އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަފައި ހުރި، ދ. ވާނީ، ހުސައިން ޒަރީރު (ބެންޑިތު) މަރުވި މައްސަލާގައި އިހުމާލުވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވުމުން، އަމަލު ކުރި ގޮތެއް ފުލުހުންނަށް ހާމައެއް ނުކުރެވުނެވެ.
މާފުށީ ޖަލުގައި ޒަރީރު މަރުވި މައްސަލަ، މަރުތައް ބަލާ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް އެދި ފުލުހުންނަށް ފޮނުވީ މިއަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް އެ މައްސަލާގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވޭތޯ ސީއެންއެމުން އެކި ފަހަރު މަތިން ފުލުހުންނާއި ސުވާލުކުރުމުން ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ބަހެއް ހޯދުމަށް ސީއެންއެމުން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޒަރީރު މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ ސްޓްރޯކެއް ޖެހި ޕެރެލައިޒް ވެފައެވެ. އޭނާ ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ މަރުވުމުގެ އެއް ދުވަސް ކުރިންނެވެ. އެކަމުގައި ކަރެކްޝަނަލް ސާވިސްގެ މުއައްޒަފުންގެ އިހުމާލު އޮތް ކަމަށް ވެއެވެ.

އުމުރުން 28 އަހަރުގެ ޒަރީރު މަރުވެފައި ވަނީ ނޮވެމްބަރު 8، 2016 ވީ އަންގާރަ ދުވަހުގެ ފަތިހު 04:40 ގައި އިންދިރާ ގާންދީ މެމޯރިލްއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

ޒަރީރުގެ މަރާއި ބެހޭ މައުލޫމާތު ހާމަކުރަން ކަރެކްޝަންސް އިން އޭރު ވަނީ ދެކޮޅު ހަދާފަ އެވެ. އަދި އޭނާ ހައްޔަރުކުރެވިފައި ވަނީ ކޮން ކުށެއްގެ ތުހުމަތުގައި ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އޭރު ފުލުހުން ބުނެފައި ވަނީ ޒަރީރު ހައްޔަރުކޮށްފައި ވަނީ ކޮން އިރަކު ކީއްވެ ކަމެއް އެ މުއައްސަސާ އަށް ނޭނގޭ ކަމަށެވެ.

އޮކްޓޯބަރު 2015 ގައި ހައްޔަރު ކުރުމަށްފަހު ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ހަސަން ޒަރީރު ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔައީ 28 ޖެނުއަރީ 2016 ގައެވެ.

ޒަރީރުގެ އިތުރުން ވެސް ބަންދުގައި ބަހައްޓާފައިވާ ދެމީހެއް ވަނީ އެ އަހަރު މަރުވެފަ އެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ހުންނަ ރިމާންޑް ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ އދ. ފެންފުށި، އެއްގަމުގެ، އުމުރުން 57 އަހަރުގެ އާދަމް އަލީ، މަރުވި އެވެ.

އާދަމް ގޮޅީގައި ހުއްޓާ އަނބުރައި ގަނެގެން ވެއްޓުނެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ހަށިގަނޑުގައި ހަރަކާތެއް ނެތެވެ. އާދަމް ވެސް ބަންދުކޮށްފައި ހުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ކަރެކްޝަނުން ހާމައެއް ނުކުރެ އެވެ.

އުމުރުން 55 އަހަރުގެ މޫސާ ނައީމް މަރުވީ ދޫނިދޫގައި ހުއްޓާ ހާލު ދެރަވެގެން މާލެ ގެންނަނިކޮށް އޮގަސްޓް 2016 ގައެވެ. މޫސާ ނައީމް ހައްޔަރުކޮށްފައި ވަނީ އެއަހަރުގެ ޖުލައި މަހު އެވެ.
ހިޔާލު