Gasim ge advisor kamun Jameel vaki kurumah govaalaifi
image
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު-- ފޮޓޯ: އަވަސް
1 ކޮމެންޓް
 

ގާސިމްގެ އެޑްވައިޒަރު ކަމުން ޖަމީލް ވަކި ކުރުމަށް ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ ގޮތުގައި ހުންނަވައިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އިދިކޮޅު ކޯލިޝަނަށް ތާއީދު ހޯދަން ކެމްޕޭން ކުރެއްވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ސުލޫކީ މައްސަލައެއް ބަލައި ދިނުމަށް އެދިއްޖެ އެވެ.
ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ފޮނުއްވާފައިވާ ސިޓީއެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު އެދިފައި ވަނީ ޖަމީލުގެ ސުލޫކީ މައްސަލަ ބަލައި ދިނުމުގެ އިތުރުން، މިހާރު ހުންނެވި އެޑްވައިޒަރުގެ މަގާމުން ވަކިކުރުމަށެވެ.

"ޑރ. މުހައްމަދު ޖަމީލް އަހްމަދު މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެން ސެޕްޓެމްބަރު 5 އަދި 6 ވަނަ ދުވަހު އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އދ. އަތޮޅުގެ ބައެއް ރަށްތަކަށް އިދިކޮޅު ކޯލިޝަން ޕްރޮމޯޓު ކުރެއްވުމަށް ދަތުރު ކުރެއްވުމަކީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގެ 66 ވަނަ މާއްދާގެ (ށ)، (ނ) އަދި (ރ) އާ ހިލާފު ކަމެއް ކަމަށް ދެކޭތީ މި މައްސަލަ ބައްލަވައި ދެއްވާ އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބައްލަވައި ދެއްވުމަށް އެދެމޭ،" އެ ސިޓީގައި ވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ތާއީދު އިތުރު ކުރުމަށް، އެ ޕާޓީގެ ލީޑަރު ރައީސް ޔާމީނާއެކު ޖަމީލް ވަނީ ރަށްތަކަށް ދަތުރު ކުރައްވާފަ އެވެ. އެ ދަތުރަކީ އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކުރި ދަތުރެކެވެ.

ޖަމީލު ސުލޫކީ މައްސަލަ ބަލައި ދިނުމަށް އެދި ގާސިމަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ ޖޭޕީ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ އިއްޒަތަށް އުނިކަން ލިބޭ ފަދަ އަމަލު ކުރަމުން ދާތީ، ޖަމީލް އެ މަގާމުން ވަކި ކުރަން ޖެހޭ ކަމަށެވެ.

"ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވުމުގެ އިތުރުން ޖުމްހޫރީ ފިކުރަކީ ރައްޔިތުންގެ މެދުގައި މަގްބޫލު ފިކުރަކަށް ހަދައި، އެ ފިކުރު ދިރުވައި އާލާ ކުރުމަށާއި، ޕާޓީ ވަރުގަދަކޮށް މެމްބަޝިޕް އިތުރު ކުރުމަށް މަނިކުފާނު އިސްވެ ހުންނަވައި ބުރަ މަސައްކަތްތަކެއް ފައްޓާވައިފާ މި ދަނޑިވަޅުގައި މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި ޑރ. ޖަމީލް ހުންނަވައިގެން ޕާޓީގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭ ގޮތަށް އަމަލު ކުރަމުން ގެންދަވާތީ ޑރ. ޖަމީލް މަނިކުފާނުގެ އެޑްވަިޒަރުގެ މަގާމުގައި ބަހައްޓަން އެކަށޭނަ ނޫން ކަމަށް ދެކޭތީ، ޑރ. ޖަމީލުގެ ސުލޫކީ މައްސަލަ ބައްލަވައި ދެއްވައި ޑރ. ޖަމީލް ހުންނެވި މަގާމުން ވަކިކޮށްދެއްވުމަށް ގޮވާލަމޭ،" އެ ސިޓީގައި ވެއެވެ.

ޔާމީނުގެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖަމީލް އެމަގާމުން ވަކި ކުރެއްވުމާ ގުޅިގެން ޔާމީނާއި ޖަމީލާ ދެމެދު މައްސަލަ ޖެހުނެވެ. އެއަށްފަހު ޖަމީލު ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގަ އެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީނަށް ނާކާމިޔާބުވެވަޑައިގެންނެވުމުންނެވެ.

އެހެންކަމުން އަލުން ޔާމީނާއެކު ކެމްޕޭނަށް ނިކުންނެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ޖަމީލަށް އަމާޒުވެފަ އެވެ.
ހިޔާލު

ކެޔޮދަޅި

ކޮބާ މައްސަލައަކީ، ޕާޓީގެ ލީޑަރުވެސް މަޖްލިސް އިންތިޚާބުގައި، ކުޅުއްވީ ހަަމަ އެ ކްލަބަށް ނޫންތޯ! ތިޕާޓީގެ ކޮންމެ މީހަކަށްވެސް ދެކޮޅަށް ކުޅެވޭނެ. ދެކޮޅަށް ދެފައި ލައިގެން ހުރީމަ، މޮޅުވާ ކޮޅަކަށް ފުންމާލެވޭނެ.