Midhiya sarukaarun gavaaidhaa hilaafah carnivaa sarahahdhun dhookuri bimehge massala balanee
image
ކާނިވާ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް އަޅަން ފަށާފައިވާ އިމާރާތް--
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މިދިޔަ ސަރުކާރުން ގަވާއިދާ ހިލާފަށް ކާނިވާ ސަރަހައްދުން ދޫކުރި ބިމެއްގެ މައްސަލަ ބަލަނީ

މިދިޔަ ސަރުކާރުން ގަވާއިދާ ހިލާފަށް ކާނިވާ ސަރަހައްދުން ބަޔަކަށް ކުއްޔަށް ދީފައިވާ ބިމެއްގެ މައްސަލަ ޕްލޭނިން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މަރިޔަމް އިނާ މާޖިދު ސީއެންއެމްއަށް ވިދާޅުވީ ކާނިވާ ސަރަހައްދުން ބަޔަކަށް ދިން ބިމެއްގެ އެއްބަސްވުން އުވާ ނުލާ، އެ ބިމުގެ ތަންކޮޅެއް އެހެން ބަޔަކަށް މިދިޔަ ސަރުކާރުން ކުއްޔަށް ދީފައިވާ ކަމަށެވެ.

މިހާރު އެތަނުގައި އަޅާފައިވާ އިމާރާތަކީ ގަވާއިދާ ހިލާފަށް އަޅާފައިވާ އިމާރާތެއް ކަމަށާއި، އެ ބިންކޮޅު ދީފައި ވަނީ ނިހާމާ އަލިމަނިކު ކިޔާ މީހަކަށް ކަމަށް އިނާ ވިދާޅުވި އެވެ.

އެ އިމާރާތތް އަޅަމުންދާ ބިމަކީ ބަޔަކަށް ކުއްޔަށް ދީފައިވާ ބިމަކުން، ގަވާއިދާ ހިލާފަށް ނިހާމާ އަލިމަނިކަށް ދީފައިވާ ބިންކޮޅަކަށް ވާތީ، އިމާރާތް ކުރުން ހުއްޓުމަށް ޖޫން 27 ގައި ވަނީ އަންގާފަ އެވެ.

އެކަމަކު އޭގެ ފަހުން ވެސް އެތަނުގައި އިމާރާތް ކުރާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބުނެވެ.

ގަވާއިދާ ހިލާފަށް ކުއްޔަށް ދިނުމުގެ އިތުރުން، އިމާރާތް ކުރުމުގެ ކުރިން ނަގަން ޖެހޭ ހުއްދަ ވެސް އެ ފަރާތުން ނަގާފައި ނުވާ ކަމަށް އިނާ ވިދާޅުވި އެވެ.

އެހެންކަމުން މިނިސްޓްރީން ވަނީ އޯގަސްޓް 22 ގައި އެކަން ހުއްޓުވައި ދިނުމަށް ފުލުހުންނާއި މާލެ ސިޓީ ކައުންސިލުގައި އެދިފަ އެވެ. އެދުވަހުގެ ރޭ މިނިސްޓްރީ އާއި ފުލުހުންގެ ބޭފުޅުން އެ ސަރަހައްދަށް ގޮސް މަސައްކަތް ހުއްޓުވި އެވެ.

އިނާ އިތުރަށް ވިދާޅުވީ ނިހާމާއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ގަވާއިދާ ހިލާފަށް ވެފައިވާ އެއްބަސްވުމަކަށް ވާތީ، އެ އެއްބަސްވުން މިހާރު އުވާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން ގަވާއިދާއި ހިލާފަށް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައި ވާތީ، އެ މަސައްކަތް ކުރިއަށް ގެންދިޔަ ފަރާތަށް، އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަން ވެސް މިހާރު ވަނީ އަންގާފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ނަގާފައި ނުވާ ކަމަށެވެ. މާލޭގައި އިމާރާތެއް ކުރާ ނަމަ އެކަމުގެ ހުއްދަ ސިޓީ ކައުންސިލުން ހޯދަން ޖެހެ އެވެ.

ކާނިވާ ސަރަހައްދުގައިވާ އެ ބިމުގައި އިމާރާތް ކުރުމަށް ވަނީ ބިންކޮޅު ވަށައިގެން ކަޅު ދާ ޖަހާފަ އެވެ. އެތަން އިމާރާތް ކުރަން އުޅުނީ ކޮން ކުންފުންޏަކުން ކަމެއް ސާފެއް ނުވެ އެވެ. މިހާރު އެތަނުގައި އިމާރާތް ކުރަން ބޭނުން ކުރާ އެއްވެސް ސާމާނެއް ވެސް ނެތެވެ.
ހިޔާލު

އއއ

ސާބަހޭ ކަނބުލޯ އަބަދުވެސް މި އިވޭ އަޑަކީ މިދިޔަ ސަރުކާރު/ ކުރީގެ ސަރުކާރު މިފަދަ ވާހަކަތަކެއް! އަހަރެންގެ ހިތަށް އަރާ މި ސަރުކާރުމިއީ ނެތް ސަރުކާރެއްބާވައޭ؟ މި ސަރުކާރުގެ ވާހަކަ ފެށޭނީ ކިހާހިސާބަކުން ބާވައޭ؟