Fuluhun Alhugandah faaralaakamah MNDF in buney: Raees Nasheed
image
ރައީސް ނަޝީދު.-- ފޮޓޯ: ރާއްޖެ.އެމްވީ
2 ކޮމެންޓް
 

ފުލުހުން އަޅުގަނޑަށް ފާރަލާ ކަމަށް އެމްއެންޑީއެފުން ބުނޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ފުލުހުން ފަރަލަމުން ގެންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެ މައުލޫމާތު އެމްއެންޑީއެފުން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. އެކަމަކު އެކަމާއި ގުޅޭ މާ ބޮޑު ތަފްސީލެއް ރައީސް ނަޝީދެއް ނުދެއްވަ އެވެ.

"އޭރެއްގައި ދައްކަންހުރި ވާހަކައެއް އަޅުގަނޑު ދައްކާނަން. އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ކިތަންމެ ނުރައްކަލެއް ދިމާވޭ. އަޅުގަނޑަށް އެކަން ވެސް އެނގޭ. އަޅުގަނޑު ކައިރީގައި މީގެ ތިން ރޭ ކުރިން އެމްއެންޑީއެފުން ބުނި، އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ފުލުހުން ވެސް ކޮށްފާނެ، ފުލުސް އޮފީހުން ވެސް ކޮށްފާނެ. އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ. އެހެންނަމަވެސް އާޅުގަނޑު މިހުރީ އެވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ފުލުހުން އެމަނިކުފަނަށް ފާރަލަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރާލި މައްސަލަ ތަހުގީގުކޮށް އެފަދަ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓާއި އެކު ފުލުހުން އަމަލުކުރަމުން އަންނަ ގޮތުން އެތައް ބައެއްގެ ހިތްހަމަނުޖެހުމާއި ފާޑުކިޔުންތައް ވަނީ އެ އިދާރާ އަށް އަމާޒުވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ވެސް އެ މައްސަލާގައި ފުލުހުންނަށް ފާޑުވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ ރިލްވާން މަރުގެ މައްސަލާގައި އެކުލަވާލި ރިޕޯޓުން އެކަމުގައި ފުލުހުންނާއި ސިފައިން ވެސް ބައިވެރިވާކަން ހާމަވެފައިވާއިރު، އެކަމަށް ހައްލެއް ނުހޯދައި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ނުކުރެވޭނެ ކަމަށެވެ. އަދި ނުކިޔަމަންތެރިކަން ދެއްކުމުގައި ފުލުހުންނާއި ސިފައިން ހައްދުފަހަނައަޅައިގެންގޮސް، ސަރުކާރަށް ގެއްލުން ދިނުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމާޒަކީ ފުލުސް އޮފީސް ހަރުދަނާ ކުރުން ކަމަށެވެ. އެގޮތުން ފުލުސް އޮފީހަކީ އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހަ އަށް ވާއިރު އެ މުއައްސަސާ އިސްލާހު ކުރުމަކީ މި ސަރުކާރު އުފެދިގެން ދިޔައިރު ވެސް އަދި މިހާރު ވެސް އެމްޑީޕީން އެކަމަށް އެސްބަސްވާ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ހިޔާލު

ގޮޅާބޯ

އަމިއްލަވަންތަ ކަމަށާއި މާތް ﷲ ގެ ދީނަށް ފުރައްސާރަ ކުރާމީހުންނަށް ދިވެހި ފުލުހުން ފާރަލާންޖެހޭނެ. ނަޝީދާ ދޭތެރޭގަވެސް ށައްކު ކުރެވެންޏާ އޭނަވެސް އިސްތިސްނާވެގެން ނުވާނެ. ފުލުހުން ފުލުހުންގެ ޒިންމާ ނަގަންޖެހޭނެ.

ޒާތީވުމާއި ދެކޮޅު މީހެއް

ތިޔަ ހަމަ ތެދެއްބާ؟؟؟؟ ޒާތީ ވިޔަސް ތިއީ ބޮޑުވަރު!!