Report leak vumun kanbodu vey, thahugeegah huras elhey fadha kankan eba huri: Raees Solih
image
ރިލްވާނުގެ މައްސަލައާ ގުޅިގެން ރައީސް ސޯލިހު ވާހަކަ ދައްކަވަނީ--
1 ކޮމެންޓް
 

ރިޕޯޓު ލީކުވުމުން ކަންބޮޑުވޭ، ތަހުގީގަށް ހުރަސް އެޅޭ ކަންކަން އެބަހުރި: ރައީސް ސޯލިހު

ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލައިގެ ތަހުގީގީ ރިޕޯޓު ލީކުވުމުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި އެގޮތުން ތަހުގީގަށް ހުރަސް އެޅޭ ކަންކަން ވެސް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ ބައެއް މައުލޫމާތު މިދިޔަ ހަފްތާގައި އާއްމުކޮށްފައި ވާއިރު، ތައްޔާރުކޮށްފައި ދެވަނަ ޑްރާފްޓް ރިޕޯޓު ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފަ އެވެ. އެއާއެކު ނަޝީދު ވަނީ އޭގެ ކޮޕީ މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަރުވާފަ އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ އެގޮތަށް ދިމާވުމުން ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ވެފައި އޮތް ކަމެއް ނުވާ ކަމަކަށް ނުހެދޭނެ. އެކަމަކު އޭގައި އެބަ ހުރި އެ ހާމަވެއްޖެ ނަމަ ހުރަސްތަކެއް އެޅޭނެ ފަދަ މައުލޫމާތު. އަޅުގަނޑުގެ އެދުމަކީ އެ ހާމަވެގެން ނުދިޔުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ކަމެއް ކަމަށެވެ. އެހެންވެ އެއްވެސް ތަހުގީގަށް ހުރަސް އެޅޭ ފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގައި އަމަލު ކުރާ ގޮތާ މެދު އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ރިޕޯޓާ ގުޅިގެން މަޖިލީހުގައި ކުރާ ކަންކަމާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. މިއީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް، އެހެންވީމަ، އެކަމާ ބެހޭ ގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިލްވާން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް ހުރިހާ މުއައްސަސާއަކުން އެއްބަސްވެފައިވާ ކަމަށާއި ތަހުގީގު އަވަހަށް ނިންމުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.

މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ކޮމިޝަނުގެ ރިޕޯޓު އެރުވުމަށް ފަހު، އޭގައި ސިއްރު ހެކިންގެ މައުލޫމާތު ހިމެނޭތީ، ފަހުން ރިޕޯޓު އަތުލި ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރި އެވެ. އެކަމަކު ނަޝީދު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ އެފަދަ ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ހިމެނޭ އެއްޗެއް ހާމަކޮށްގެން އެމަނިކުފާނު ނުހުންނަވާނެ ކަމަށާއި، ލީޑަރުންގެ އަތުން ރިޕޯޓު އަތުލާފައި ވެސް ނުވާ ކަމަށެވެ.
ހިޔާލު

އިކްރާމް

ހުސްނު ސޫދުއާއި އެއުޅޭ ނޫސްވެރިޔާ ތިކޮމިޝަނުން ވަކި ކޮށްގެން ނޫނީ
ޖިނާއި ތަހުގީގެއް ނުހިންގޭން..

މި ދެމީހުން މީނޫހުގެ ހެޑްލައި ހޯދޭތޯ އުޅޭ މޮޔައިންތަކެއް